ސައިލް ދުއްވަމުން ފޯނުން ވާހަކަދެއްކި މީހަކު ޖޫރިމަނާކޮށް ލައިސަންސް ހިފަހައްޓައިފިއެވެ.
ފުލުހުން ވިދާޅުވީ ސައިކަލު ދުއްވަމުން ފޯނު ބޭނުންކުރާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން އެމައްސަލަ ބަލާފައިވާކަމަށެވެ. އަދި އެމައްސަލައިގައި މީހާ ދުއްވި ސައިކަލު 30 ދުވަހުގެ މުއްދަތަށް ޓޯކޮށް، އޭނާ 2000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
ސައިކަލް ދުއްވި ފަރާތުގެ ލައިސަންސް ހިފަހައްޓާފައި ވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. މަގު ބޭނުންކުރާ އެންމެހައި ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި، ޓްރެފިކް ގަވާއިދުތަކަށް ފުރިހަމައަށް ހުރުމަތްތެރިކޮށް ހިތުމަކީ ކޮންމެ ފަރުދެއްގެ ވެސް ޒިންމާއެއްކަން ފުލުހުން ވަނީ ހަނދާންކޮށްދީފައެވެ.