އިންޑިއާއިން ޕާކިސްތާނަށް މިސައިލު ހަމަލާތަކެއް!

1 ހަފްތާ ކުރިން
|
0

އިންޑިއާއިން ޕާކިސްތާނުގެ ބައެއް ސަރަހައްދުތަކަށް މިސައިލު ހަމަލާތަކެއް ދީފިއެވެ.

ބީބީސީ އިން ރިޕޯޓުކޮށްފާވާ ގޮތުގައި އިންޑިއާއިން ވަނީ ޕާކިސްތާނުގެ 9 ސަރަހައްދަކަށް މިސައިލު ހަމަލާދީފައެވެ. ނަމަވެސް އޭގެ ތެރޭގައި ޕާކިސްތާނުގެ މިލިޓަރީ ފެސިލިޓީ ނުހިމެނޭ ކަމަށް ޕާކިސްތާނުން ބުނެއެވެ.

ޕާކިސްތާނުގެ އަސްކަރިއްޔާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޕާކިސްތާނުގެ ކަޝްމީރަށް ނިސްބަތްވާ ދެ ސިޓީއެއް ކަމަށްވާ މުޒާފަރާބާދު އަދި ކޮޓްލީގެ އިތުރުން ޕާކިސްތާނުގެ ޕަންޖާބަށް ނިސްބަތްވާ ބަހަވަލްޕޫރްއަށް ވެސް އިންޑިއާގެ މިސައިލު ހަމަލާތައް އަމާޒުވެފައިވެއެވެ. އަދި މީގެތެރެއިން އެއް ހަމަލާ ވަނީ މިސްކިތަކަށް އަމާޒުކޮށްފައެވެ.

މި ހަމަލާތަކުގައި ޕާކިސްތާނުގެ 7 މީހުން ވަނީ މަރުވެފައެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އިންޑިއާގެ ހަމަލާތައް ޕާކިސްތާނުގެ ފަސް ސަރަހައްދަކަށް އަމާޒުވެފައިވާ ކަމަށާއި އެ ހަމަލާގެ ރައްދުދިނުމުގެ ހައްގު ޕާކިސްތާނަށް އޮންނާނެ ކަމަށެވެ.

އިންޑިއާއިން މި ހަމަލާތައް ދީފައި ވަނީ، ޖައްމޫ އަދި ކަޝްމީރުގެ ޕަހަލްގާމްގައި މިދިޔަ މަހު ދިން ޓެރަރިސްޓް  ހަމަލާއާ ގުޅިގެންނެވެ. މި ހަމަލާގައިވަނީ 26 މީހުން މަރުވެފައެވެ. އިންޑިއާއިން ތުހުމަތުކުރަނީ މި ހަމަލާއަކީ ޕާކިސްތާނުން ދިން ހަމަލާއެއް ކަމަށެވެ. ނަމަވެސް ޕާކިސްތާނުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.