ޕާކިސްތާނުގެ ދިދަ ޖަހާފައި ހުންނަ އުޅަނދުތައް އިންޑިއާގެ ބަނދަރުތަކަށް ވަނުން މަނާކޮށް، އިންޑިއާގެ ދިދަ ޖަހާފައިވާ އުޅަނދުފަހަރަށް ޕާކިސްތާނުގެ ބަނދަރުތަކަށް ވަނުންް އިންޑިޔާގެ މިނިސްޓްރީ އޮފް ޕޯޓްސް، ޝިޕިންގ އެންޑް ވޯޓަރވޭސްއިން މަނާކޮށްފިއެވެ.
މި ފިޔަވަޅުތައް މިހާރުން މިހާރަށް ތަންފީޒުކުރަން ފަށާފައި މި ވަނީ 1958 ވަނަ އަހަރުގެ މާޗަންޓް ޝިޕިންގާނޫނުގެ 411 ވަނަ މާއްދާގެ ދަށުން އިންޑިއާގެ މުދަލާއި ބަނދަރުގެ އިންފްރާސްޓްރަކްޗާ ރައްކާތެރިކުރުމުގެ ގޮތުން ކަމަށް ވެއެވެ.
އެ މިނިސްޓްރީން ނެރުނު އަމުރުގައި ބުނެފައި ވާ ގޮތުން "މި ގާނޫނުގެ މަޤްސަދަކީ ޤައުމީ މަސްލަހަތު ހިފެހެއްޓުމަށް އެންމެ އެކަށޭނެ ގޮތަކަށް އިންޑިއާގެ ވިޔަފާރީގެ ކަނޑުގެ ސަރަހައްދު ހަރުދަނާ ގޮތެއްގައި ބެލެހެއްޓުމާއި ތަރައްޤީއަށް މަގުފަހިކޮށްދިނުން،"ކަމަށެވެ.
މި އަމުރު ވަކި ގޮތެއް އަންގަންދެން ދެމިއޮންނާނެ ކަމަށާއި އެއީ ސަލާމަތީ ކަންކަން ހަރުދަނާކޮށް އިންޑިއާގެ ކަނޑުގެ މަސްލަހަތުތައް އޮމާންކަމާ އެކު ކުރިއަށް ގެންދިއުމަށް ކުރަމުންދާ މަސައްކަތެއް ކަމަށް ވެސް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ.
"ޕާކިސްތާނުގެ ދިދަ ޖަހާފައިވާ އުޅަނދަކަށް އިންޑިއާގެ އެއްވެސް ބަނދަރަކަށް ނުވަދެވޭނޭ ކަމަށާއި އިންޑިއާގެ ދިދަ ޖަހާފައިވާ އުޅަނދަކުން ޕާކިސްތާނުގެ އެއްވެސް ބަނދަރަކަށް ނުވަދެވޭނެ،" އަމުރުގައި ވެއެވެ.
އެ މިނިސްޓްރީން ބުނީ މި ފިޔަވަޅު އެޅީ "އިންޑިއާގެ މުދަލާއި ކާގޯ އަދި ގުޅިފައިވާ އިންފްރާސްޓްރަކްޗާގެ ސަލާމަތާއި ރައްކާތެރިކަމަށް" އަދި "އިންޑިއަން ޝިޕިން"ގެ މަޤްސަދުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ކަމަށެވެ. އަދި އެ އަމުރުން އެއްވެސް ލުޔެއް ލިބިއްޖެނަމަ އެ ކަން ބެލުމަށްފަހު ނިންމާނީ ކޭސް ޓު ކޭސް އުސޫލުން ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
މިދިޔަ އޭޕްރީލް މަހުގެ 22ވަނަ ދުވަހު ކަޝްމީރުގެ ޕަހަލްގަމްގައި ދިން ޓެރަރިސްޓް ހަމަލައިގައި 26 މީހުން މަރުވުމާ ގުޅިގެން އިންޑިއާއިން ވަނީ ބޯޑަރު ހުރަސްކޮށް ޓެރަރިޒަމަށް ޕާކިސްތާނުން ތާއީދު ކުރާކަމަށް ބުނެ އެ ކަމަށް ރައްދު ދިނުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ.
އޭގެ ތެރޭގައި އިންޑަސް ވޯޓާސް ޓްރީޓީ ސަސްޕެންޑް ކުރުމާއި އަޓާރީގެ އިންޓަގްރޭޓެޑް ޗެކް ޕޯސްޓް ބަންދުކުރުމާއި ހައި ކޮމިޝަންތަކުގެ މުވައްޒަފުން މަދުކުރުން ހިމެނެއެވެ.
މައިގަނޑު ގޮތެއްގައި ފާމަސޫޓިކަލް، މޭވާ އަދި ތެލުގެ ބާވަތްތައް ހިމެނޭހެން ޕާކިސްތާނުން އިމްޕޯޓް ކުރާ މިންވަރު ދަށްވަމުން ދިޔައީ 2019ވަނަ އަހަރުގެ ޕުލްވާމާ ހަމަލާއަށް ފަހު އިންޑިއާއިން ޕާކިސްތާނުގެ މުދަލުން 200 ޕަސެންޓް ޑިއުޓީ ނަގަން ފެށުމުންނެވެ.