ހދ. ނެއްލައިދޫގެ ބައެއްގެ ގޮތުގައި އެ ރަށާއި ކައިރީގައި އޮންނަ ހިރިނައިދޫ ހަމަޖައްސައިފިއެވެ.
ނެއްލައިދޫގެ ބައެއްގެ ގޮތުގައި ހިރިނައިދޫ ހަމަޖައްސާފައި މިވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 134 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގަންނަވާ ބާރުގެ ތެރެއިން އެ މަނިކުފާނު ނެރުއްވި ގަރާރަކުންނެވެ.
ނެއްލައިދޫގެ ބައެއްގެ ގޮތުގައި ހިރިނައިދޫ ހަމަޖައްސަވާނެ ކަމަށް ރައީސް ފުރަތަމަ އިއުލާނުކުރެއްވީ، މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ނެއްލައިދުއަށް އެ މަނިކުފާނު ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއެކު ބޭއްވި ޖަލްސާގައެވެ.
ރައީސް ވިދާޅުވި ގޮތުގައި އޭރުން ނެއްލައިދޫގެ ޒުވާނުންނާއި އެ ރަށުގައި ކުދި ވިޔަފާރިތަކާއި ކައުންސިލާ ގުޅިގެން މަސައްކަތްތައް އެ ރަށުގައި ކޮށް ނެއްލައިދުއަށް އާމްދަނީ އިތުރުކުރެވޭނެއެވެ.