އައި.އައި.ޔޫ.އެމް އިން ރައީސުލްޖުމްހޫރިއްޔާއަށް އޮނޮރަރީ ޑޮކްޓަރޭޓްކަން އަރުވައިފި

2 ހަފްތާ ކުރިން
|
0

މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ (އައި.އައި.ޔޫ.އެމް) ގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް، "އިސްލާމިކް ލީޑަރޝިޕް އެންޑް މަދަނީ ޑިވެލޮޕްމަންޓް" ގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސަފީގެ އޮނޮރަރީ ޑިގްރީ އަރުވައިފިއެވެ.

އެ މަނިކުފާނަަށް މި އޮނޮރަރީ ޑޮކްޓަރޭޓްކަން އަރުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ މިހާރު މެލޭޝިއާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު އެ ޔުނިވަރސިޓީގައި ބޭއްވި އައި.އައި.ޔޫ.އެމް ސްޕެޝަލް ކޮންވޮކޭޝަން 2025 ގައެވެ.

ރައީސުލްޖުމްހޫރިއްޔާއަށް އޮނަރަރީ ޑޮކްޓަރޭޓް އެރުވީ އައިއައިޔޫއެމްގެ ދުސްތޫރީ ވެރިޔާގެ ހައިސިއްޔަތުން ހަރ ރޯޔަލް ހައިނެސް ތެންގްކޫ އަމްޕުއަން، ތުންކޫ ޢަޒީޒާ ޢަމީނާ މައިމޫނާ އިސްކަންދަރިއްޔާއެވެ.

މި ޚާއްޞަ ރަސްމިއްޔާތު ކުރިއަށްގެންދިޔަ އައި.އައި.ޔޫ.އެމް ގެ މައި ކެމްޕަހަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވުމުން އެ މަނިކުފާނަށް މަރުޚަބާ ދެންނެވީވެސް އެކަމަނާއެވެ.

މި ރަސްމިއްޔާތަށް ވަޑައިގެންނެވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ޔުނިވަރސިޓީގެ މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް މި ޑޮކްޓަރޭޓް އެރުވުމުގެ ލޯރިއޭޝަން ޚިޠާބު ދެއްވި އައި.އައި.ޔޫ.އެމްގެ ރެކްޓަރ އޮނަރަބަލް ޕްރޮފެސަރ އެމެރިޓަސް ދާޓުކް ޑޮކްޓަރ އުސްމާން ބަކަރު ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ ޚިދުމަތްތަކުގެ ކާމިޔާބީގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

މި ޝަރަފު ޤަބޫލުފުޅުކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ "އިންޓެލެކްޗުއަލް ރިނައަސާންސް: އަންވެއިލިންގ ދަ ސައިންޓިފިކް އެންޑް މޮޑަރން ޑިވެލޮޕްމަންޓް އޮފް ދަ އިސްލާމިކް ސިވިލައިޒޭޝަން،" މި މަޢުޟޫއަށް ތަޤުރީރުކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މެލޭޝިއާއަށް ކުރައްވާ މި ދަތުރުފުޅުގައި އަރިހުގައި ވަޑައިގެންނެވި ކެބިނެޓު މިނިސްޓަރުންނާއި ވަފުދުގެ ބޭފުޅުންވެސް، ރައީސުލްޖުމްހޫރިއްޔާއަށް މި ޝަރަފު އެރުވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.