ފާއިތުވި 24 ގަޑިއިރުތެރޭ ޣައްޒާއިން 58 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް ޣައްޒާގެ ހެލްތް މިނިސްޓްރީއިން ރިޕޯޓުކޮށްފިއެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުގެ ޓެރަރިސްޓުން ޣައްޒާގެ އެކި ސަރަހައްދުތަކަށް ދިން ހަމަލާތަކުގައި ފަލަސްޠީނުގެ 58 މީހުން ޝަހީދުވެ 213 މީހުން ޒަޚަމްވެފައިވާ ކަމަށް ޣައްޒާގެ ހެލްތް މިނިސްޓްރީއިން ރިޕޯޓުކޮށްފައި ވެއެވެ.
ފަަލަސްޠީނުގެ ހެލްތް މިނިސްޓްރީއާ ހަވާލާދީ އަލް-ޖަޒީރާއިން ބުނެފައި ވަނީ ހަމަލާތަކުގެ ޝިކާރައަކަށްވި ގިނަ ޢަދަދެއްގެ މީހުން އަދިވެސް ހަލާކުވެފައިވާ ޢިމާރާތްތަކުގެ ދަށުވެފައި ތިބި ކަމަށެވެ. އަދި ފަރުވާ ނުލިބި މަގުމަތީގައި ވެސް ގިނަ ބަޔަކު ތިބި ކަމަށެވެ. ހަމަލާތައް ހުއްޓުމެއް ނެތި ދެމުންދާތީ ސިވިލް ޑިފެންސްގެ ޓީމުތަކަށާއި އެމްބިޔުލާންސްތަަކަށް ވެސް ވަނީ އެ ސަރަޙައްދުތަަކަށް ވާސިލްވުން ދަތިވެފައިވާކަމަށް ފަަލަސްޠީނުގެ ހެލްތް މިނިސްޓްރީއާ ހަވާލާދީ އަލް-ޖަޒީރާއިން ވަނީ ބުނެފައެވެ.
އިސްރާއީލުން މާޗް މަހުގެ 18ވަނަ ދުވަހު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި ޚިލާފުވެ ހަމަލާތައް ދޭންފެށި ފަހުން 1،449 މީހުން ޝަހީދުވެ 3،647 މީހުން ޒަަޚަމްވެފައި ވާ ކަމަށް ފަލަސްޠީނުގެ ހެލްތް މިނިސްޓްރީއިން ބުނެފައި ވެއެވެ.
ސިއްހަތާބެހޭ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އިސްރާއިލުން ޣައްޒާގެ ނިކަމެތި ރައްޔިތުންނާ ދެކޮޅަށް ދެމުންދާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 50،810 އަށް ވަނީ އަރާފައެވެ. އަދި ޒަހަމްވެފައިވާ މީހުންގެ އަދަދު 115،688 މީހުންނަށް އަރައެވެ.