މިދިޔަ މާރޗް މަހުގެ 23ވަނަ ދުވަހު ޣައްޒާގެ ދެކުނުގައިވާ ރަފާޙް ސަރަޙައްދުގައި އިންސާނީ އެހީ ފޯުކޮށްދިނުމަށް މަސައްކަތްކުރަމުން ދިޔަ 15 އިމަޖެންސީ މުވައްޒަފުންނަށް ނިރުބަވެރި އިސްރާއީލުގެ ހަތިޔާރުއެޅި ހަނގުރާމަވެރިން ހަމަލާދީ ޝަހީދުކޮށްލި މައްސަލައިގައި އިސްރާއީލުގެ ހަތިޔާރުއެޅި ޓެރަރިސްޓު ޖަމާޢަތުން ފުރަތަމަ ދީފައިވާ ރިޕޯޓު ބަދަލުކޮށްފިއެވެ. އެހެންނަމަވެސް މި މައްސަލައިގެ ތަޙްޤީޤު އަދިވެސް ދަނީ ކުރެވެމުންނެވެ.
ނިރުބަވެރި އިސްރާއީލުގެ ހަނގުރާމަވެރިން ފުރަތަމަ ބުނެފައިވަނީ ލައިޓް ނުވަތަ ފާހަގަ ނެތް ވެހިކަލްތަކެއް ކައިރިވަމުން އަންނާތީ އެ ވެހިކަލްތަކަށް ބަޑިޖަހާފައި ކަމަށެވެ. އޭގެ ސަބަބުން ޙަމާސް އަދި އިސްލާމިކް ޖިހާދުގެ 9 މެންބަރުން ޝަހީދުވެފައިވާ ކަމަށެވެ. މި މީހުން ދަތުރުކުރަމުން ދިޔައީ ފަލަސްޠީނު ރެޑް ކްރެސެންޓްގެ ވެހިކަލްތަކުގައި ކަމަށް ވެސް ބުނެފައިވެއެވެ.
ނަމަވެސް، ޝަހީދުވެފައި ތިބި މީހުންގެ ފޯނުންތަކުން ލިބުނު ވީޑިއޯ ރެކޯޑިންގތަކާއި ދިރި ހުރި ހަމައެކަނި މީހާ ކަމުގައިވާ މުންދަރު ޢަބެދުގެ ބަޔާނުގައި މި ވާހަކަ ދޮގުކޮށްފައި ވެއެވެ. ވީޑިއޯތަކުގައި ފެންނަނީ ފަސޭހައިން ދެނެގަނެވޭ، ލައިޓް ދިއްލައިފައިވާ އިމަޖެންސީ ވެހިކަލްތަކަކާއި ފާޅުކޮށް އެނގޭނޭހެން ހުރި އެމަޖެންސީ ޔުނީފޯމުލައިގެން ތިބި ބައެއްގެ ގަޔަށް އެ ހަނގުރާމަވެރިން ބަޑިޖަހަމުންދާ މަންޒަރެވެ. ވީޑިޔޯއިން އިތުރަށް ފެންނަގޮތުގައި 5 މިނެޓުވަންދެން ނިރުބަވެރިންވަނީ އެމެޖެންސީ ފޯރުކޮށްދޭ އެޓީމަށް އަމާޒުކޮށް ބަޑިން ހަމަލާދީފައެވެ. ފަލަސްޠީނު ރެޑް ކްރެސެންޓްގެ ޕެރަމެޑިކެއް ކަމަށްވާ ޢަބެދު ވެސް ހެކިބަސް ދީފައިވަނީ އިސްރައިލުގެ ޓެރަރިސްޓު ހަނގުރާމަވެރިން ބަޑިޖެހީ ފާޅުކޮށް ފެންނާންހުރި އިމަޖެންސީ ވެހިކަލްތަކަށް ކަމަށެވެ.
އިސްރާއީލް ޓެރަރިސްޓު ޖަމާޢަތުގެ ތަރުޖަމާނެއް ބުނެފައި ވަނީ ފުރަތަމަ ނެރުނު ރިޕޯޓު ކުށަކަށްވީ ސަބަބު ދެނެގަތުމަށް ޓަކައި ވީޑިއޯ ތަކާއި އެހެނިހެން އޮޕަރޭޝަނަލް މަޢުލޫމާތު ބަލަމުންދާ ކަމަށެވެ. އަދި މިހާރު ތަޙްޤީޤުކުރަމުން އަންނަނީ ފުރަތަމަ ފީލްޑް ރިޕޯޓުން ލިބުނު މަޢުލޫމާތު ކުށަކަށްވީ ސަބަބު ކަމަށެވެ.
އިސްރާއީލީ މީޑިއާތަކުން، ބުނެފައިވަނީ ޝަހީދުވި މީހުންގެ ތެރެއިން 6 މީހުންނަކީ މިލިޓަންޓް ގްރޫޕްތަކުގެ މެންބަރުންގެ ގޮތުގައި ފާހަގަކުރެވޭ ކަމަށެވެ. އަބަދުވެސް އިސްރާއީލުގެ ނިރުބަވެރިން ޣައްޒާގެ ރައްޔިތުން ޝަހީދުކުރުމަަށް ބޭނުންކުރަނީ މިފަދަ ދޮގު ވާހަކަތައް އުފައްދައިގެން ހޯދާ އުޒުރުތަކެވެ. މިއީ މުޅި ދުނިޔެ މިއަދު ދަންނަ ޙަޤީޤަތެކެވެ. އެންމެން ފޮރުވައިގެން އުޅޭ ބޮޑު ސިއްރެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ