އެމެރިކާގެ ބޮޑެތި ސިޓީތަކުގައި ޓްރަމްޕާ ދެކޮޅަށް މުޒާހަރާ ކުރަނީ!

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ދެކޮޅަށް އެ  ޤައުމުގެ ބޮޑެތި ސިޓީތަކުގައި މުޒާހަރާ ކުރަން ފަށައިފިއެވެ.

ބޭރުގެ ނޫސްތައް މައުލޫމާތުދޭ ގޮތުގައި އެޤައުމުގެ އެކި ކަންކޮޅުތަކުގައި 1300އަށްވުރެ ގިނަ މުޒާހަރާ ދަނީ ކުރަމުންނެވެ. އޭގެތެރޭގައި ވޮޝިންޓަން ޑީސީގެ ނޭޝަނަލް މޯލް އާއި އެމެރިކާގެ 50 ސްޓޭޓްގެ އެކި ސަރަހައްދުތައް ހިމެނޭކަމަށް ރިޕޯޓުތައް ބުނެއެވެ.

ޓްރަމްޕާއި އިސް މުޝީރު އީލޮން މަސްކާ ދެކޮޅަށް ކުރަމުންދާ މި މުޒާހަރާތަކުގައި 250،000އަށްވުރެ ގިނަ މީހުން ބައިވެރިވަމުން އަންނައިރު، މިއީ އެ ޤައުމުގެ ސަރުކާރުގެ ހިންގުމަށް ބޮޑެތިބަދަލުތަކެއް ގެނެސް، ރައީސް ކަމުގެ މަޤާމުގެ ބާރުތައް ނަހަމަ ގޮތުގައި ބޭނުންކޮށްގެން ޓްރަމްޕް އަޅަމުން ގެންދާ ފިޔަވަޅުތަކާ ދެކޮޅަށް ކުރަމުން އަންނަ މުޒާހަރާތަކެއް ކަމަށް ނޫސްތަކުގައި ބުނެއެވެ.

އެ އިސްލާހުތަކުގެ ދަށުން، 200،000އަށްވުރެ ގިނަ ވަޒީފާ އުވާލައި، އިނާޔަތްތައް ވަރަށް ބޮޑަށް ކުޑަކޮށްފައިވާއިރު، އެ ފިޔަވަޅުތައް އަމާޒުކުރަނީ ވަކި ބަޔަކަށް ކަމަށް އިދިކޮޅުން ވަނީ ތުހުމަތުކޮށްފައެވެ.

އެމެރިކާގެ އިތުރުން ޖަރުމަނުގެ ބާލިންއާއި ފްރެންކްފާޓް، ފްރާންސުގެ ޕެރިސް، އަދިއިނގިރޭސިވިލާތުގެ ލަންޑަން ފަދަ ސިޓީތަކުގައި ވެސް ޓްރަމްޕާ ދެކޮޅަށް ދަނީ މުޒާހަރާ ކުރަމުންނެވެ.