ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށް ލިވަޕޫލް އެފް.ސީއާ އެކު ކުރިއަށް ގެންދާ ކެމްޕޭން ހަރަކާތާ އެކު ރާއްޖޭގެ ލަގްޒަރީ މާކެޓަށް އަންނަ ފަތުރުވެރިން އިތުރުވާނެ ކަމަށް ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ އެންމެ މަޝްހޫރު އަދި ކާމިޔާބު އެއް ފުޓުބޯޅަ ކުލަބުކަމުގައިވާ ލިވަރޕޫލް އެފްސީއާ އެކު ވެފައިވާ ޕާޓްނަރޝިޕްގެ ދަށުން، އެ ކުލަބުގެ ދަނޑު އެންފީލްޑްގައި ރާއްޖެ އިސްތިހާރުކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. މި ކޯ-ބްރޭންޑް ކެމްޕޭން ހަރަކާތް ފެށުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ވަޒީރު ޠާރިޤް ވިދާޅުވި ގޮތުގައި މި ޕާޓްނަރޝިޕްގެ ސަބަބުން 200 މިލިއަނަށްވުރެ ގިނަ ލިވަރޕޫލްގެ ސަޕޯޓަރުންގެ މެދުގައި ރާއްޖެ އިސްތިހާރުކުރުމުގެ މަގު ވަނީ ފަހިވެފައެވެ. "ލިވަރޕޫލްގެ އެކި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް 397 މިލިޔަން މީހުންނަށް މީޑިއާ ރީޗްވެފައި އެބަހުރި. މި މީހުންނަށް ރާއްޖޭގެ ފަތުރުވެރިކަމާ ބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް ރަނުގެ ފުރުޞަތެއް މި ފަހިވަނީ،" ވަޒީރު ވިދާޅުވިއެވެ.
މި އަހަރަށް ކަނޑައެޅި ފަތުރުވެރިކަމުގެ ޓާގެޓްކަމުގައިވާ 2.3 މިލިއަން ފަތުރުވެރިންނަށްވުރެ އިތުރަށް ފަތުރުވެރިން މިހާރު ރާއްޖެ އަންނާނެކަމަށް ލަފާކުރެވޭ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މި ޕާޓްނަރޝިޕްގެ ސަބަބުން އެކަނި ވެސް އަހަރަކު ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާނެކަމަށް ލަފާކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ.
ލިވަރޕޫލް ޕާޓްނަރޝިޕްގެ ދަށުން ކުރިއަށް ގެންދާނެ ހަރަކާތްތަކުގެ ތެރޭގައި ލަންޑަންގެ ޓެކްސީތަކާއި ބަސްތައް މެދުވެރިކޮށް ރާއްޖެ އިސްތިހާރުކުރުމާއި، ލިވަރޕޫލްގެ ދަނޑުގައި ކުޅޭ މެޗުތަކުގައި ބިލްބޯޑުތަކާއި ޓެލެކާސްޓްތަކުގައި ރާއްޖެ އިސްތިހާރުކުރުން ހިމެނެއެވެ. މީގެއިތުރުން ލިވަރޕޫލްގެ ރެޑްވޭ އިނިޝިއޭޓިވްގެ ދަށުން ރާއްޖެ އަންނަ ފަތުރުވެރިންނާއި އެ ކުލަބުގެ ލެޖެންޑްސް ބައިވެރިވެގެން ތިމާވެށްޓާއި އިޖުތިމާޢީ ކަންކަމާ ގުޅުންހުރި ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.
ވަޒީރު ޠާރިޤް އިތުރަށް ފާހަގަކުރެއްވި ގޮތުގައި ލިވަރޕޫލަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެކެވެ. އެ ދަތުރުފުޅުގައި ލިވަރޕޫލް ކުލަބުގެ އިސްވެރިންނާއި އެ ކުލަބުގެ ކުރީގެ މަޝްހޫރު ކުޅުންތެރިންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފައި ވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު