ޣައްޒާގެ ސްކޫލަށް އިސްރާއީލުން ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި!

ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުގެ ނިރުބަވެރިން ޣައްޒާގެ އުތުރުގެ ތުއްފާޙް ނޭބަހޫޑް ގައި ހުންނަ ދާރުލް އަރްޤަމް ސްކޫލަށް ދިން ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުއްވި ބަޔާނެއްގައި އެ ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަައްވައިފައި ވަނީ ސަޢޫދީ ސެންޓަރ ފޯ ކަލްޗަރ އެންޑް ހެރިޓޭޖުން ޣައްޒާގައި ހިންގާ ބޭސްފަރުވާއަށް ބޭނުންވާ ސާމާނު ރައްކާކުރާ ގުދަނަކަށް އިސްރާއީލުން ދިން ހަމަލާ ވެސް ކުށްވެރިކުރައްވައިފައެވެ.

މިފަދަ ހަމަލާތަކަކީ ބައިނަލްއަގްވާމީ ޤާނޫނާއި ބައިނަލްއަޤްވާމީ އިންސާނިއްޔަތު ކަމާބެހޭ ގާނޫނާ މުޅިން ޚިލާފު ޢަމަލުތަކެއްކަން ފާހަގަކުރައްވާ، ފޮރިން މިނިސްޓްރީން ވަނީ އިސްރާއީލުން ހިންގާ މިފަދަ އަނިޔާވެރި ޢަމަލުތައް ވަގުތުން ހުއްޓުވުމަށް ގޮވައިލާފައެވެ. އަދި މި ޢަމަލުތަކަށް އިސްރާއީލު ޖަވާބުދާރީކުރުވައި، ޣައްޒާގެ ރައްޔިތުންގެ އަސާސީ ބޭނުންތައް ފުށްދުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ރާއްޖެއިން ގޮވައިލާގޮވައިލުން ވެސް ވަނީ ތަކުރާރުކުރައްވައިފައެވެ.

މި ހަމަލާގައި ކުށެއްނެތް އަންހެނުންނާއި ކުޑަކުދިން މަރުވެ، އެތަކެއް ބަޔަކުވަނީ ޒަހަމްވެފައެވެ. މި ހަމަލާގައި 33 މީހުން ވަނީ ޝަހީދުވެފައެވެ. އަދި 6 މީހުން ވަނީ ގެއްލިފައެވެ.

ރާއްޖެއިން ފަލަސްޠީނުގެ ރައްޔިތުންނަށްކުރާ ތާޢީދު ތަކުރާރުކޮށް، މި މައްސަލައަށް ދެމެހެއްޓެނިވި އަދި އަދުލުވެރި ހައްލެއް ހޯދޭނީ 1967ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރެވިގެން ކަމުގައި ރާއްޖެއިން ދެކޭ ކަމަށް ވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.