ފެނާއި ނަރުދަމާ ޤާއިމް ކުރުމުގެ އަމަލީ މަސައްކަތް ނުވަ ރަށެއްގައި ފަށައިފި

ފަސް އަތޮޅެއްގެ ނުވަ ރަށުގައި ފެނާއި ނަރުދަމާގެ މަސައްކަތް ފަށައިފިއެވެ. 

އެމްޑަބްލިޔުއެސްސީގެ އެމްޑީ އަބްދުލް މަތީން މިއަދު އެކްސްގައި ވިދާޅުވީ އެކުންފުނީގެ ސާފު ފެނާއި ރައްކާތެރި ނަރުދަމާ، ރާއްޖޭގެ މުޅި އާބާދީއަށް ކަށަވަރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން، ކޮންސްޓްރަކްޝަން މިނިސްޓްރީން އެކުންފުންޏާ ހަވާލުކުރި މަސައްކަތުގެ ތެރެއިން ފަސް އަތޮޅެއްގެ ނުވަ ރަށުގައި އެކަމުގެ އަމަލީ މަސައްކަތް ފަށައިގެން ކުރިއަށްގެންދާ ކަމަށެވެ.

އެގޮތުން ށ. ނޫމަރާ އަދި ބިލެއްފަހީގެ މަސައްކަތަށް ބޭނުންވާ އެކްސްކަވޭޓަރު އެ ރަށަށް ގެންގޮސް، އާރުއޯ ބިލްޑިންގެ ސައިޓް ސާފުކުރުމުގެ މަސައްކަތް އެމްޑްބްލިޔުއެސްސީގެ މުވައްޒަފުން ފަށާފައިވާ ކަމަށެވެ. އަދި ގޭގެއަށް އެ ހިދުމަތް ގުޅުމަށް ކުރަންޖެހޭ ސާވޭގެ މަސައްކަތް ޝެޑިއުލް ކޮށްފައިވާ ކަމަށެވެ.

ނ. މިލަދޫގެ މަސައްކަތަށް ބޭނުންވާ އެކްސްކަވޭޓަރު އެރަށަށް ގެންގޮސް އާރުއޯ ބިލްޑިންގެ އެތެރޭގެ މަސައްކަތާ އެކު ފެންމީޓަރުތައް އެސެމްބުލް ކުރުމުގެ މަސައްކަތް އެކުންފުނިން ފަށާފައިވާ ކަމަށެވެ. އަދި އެ އަތޮޅު މަގޫދޫގެ މަސައްކަތަށް ބޭނުންވާ އެކްސްކަވޭޓަރު ރަށަށް ގެންގޮސް ގޭގެއަށް ހިދުމަތް ގުޅުމަށް ކުރަންޖެހޭ ސާވޭގެ މަސައްކަތާއި ފެންމީޓަރުތައް ގޭގެއަށް ގުޅުމުގެ މަސައްކަތާ އެކު އާރުއޯ ބިލްޑިންގް ސައިޓް ސާފުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ބ. ކުޑަރިކިލަށް އެކްސްކަވޭޓަރު ގެންގޮސް، އެެރަށުގެ އާރުއޯ ބިލްޑިންގެ މަސައްކަތް ފެށުމަށް ކުރަންޖެހޭ ކަންކަން އެމްޑަބްލިޔުއެސްސީގެ މުވައްޒަފުން ކުރަމުން ގެންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

އދ. ފެންފުށީގެ ފެނުގެ ނިޒާމުގެ މަސައްކަތް އަލުން ފެށުމަށްޓަކައި އެކްސްކަވޭޓަރު ގެންގޮސް، އާރުއޯ ބިލްޑިން ސައިޓު ސާފު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި މ. ރަތްމަންދޫގެ ގޭގެއަށް ހިދުމަތް ގުޅުމަށް ކުރަންޖެހޭ މަސައްކަތްތަކާއި އާރުއޯ ބިލްޑިން ސައިޓް ސާފުކުރުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. 

މީގެ އިތުރުން ތ. ދިޔަމިގިއްޔާއި އެއަތޮޅު މަޑިފުށީގައި މަސައްކަތް ފެށުމަށް އެ ދެރަށަށް އެކްސްކަވޭޓަރު ގެންގޮސްފައިވާ ކަމަށެވެ. އަދި އެ ދެރަށުގެ އާރުއޯ ބިލްޑިންގެ ސައިޓް ސާފު ކުރުމުގެ މަސައްކަތް ވެސް އެމްޑަބްލިޔުއެސްސީގެ މުވައްޒަފުން ކުރިޔަށްގެންދާ ކަމަށް ވެސް މަތީން ވިދާޅުވިއެވެ.