ޙަޔާތުގައި ލިބުން ވަރަށް ދަތި އުނދަގޫ މަދު އެއްޗެތީގެ އަގު ނުވަތަ "ވެލިއު" ބޮޑުވެއެވެ. "ލިމިޓެޑް އެޑިޝަން"ގެ އަތުކުރީ ގަޑިއެއް، ނުވަތަ މަދުން ލިބެން ހުންނަ އެ ޒާތުގެ ތަކެތި މީހުން ބަލައިގަންނާނީ އަގު އުފުލިފައިވާ މޮޅު އެއްޗެތީގެ ގޮތުގައެވެ. ހަމަ އެ ގޮތަށް އާންމުކޮށް ނުފެއްނަ މަންޒަރާއި ތަންތަން ބެލުމަކީ ވަރަށް ބޮޑު ކަމެއްގެ ގޮތުގައި ބެލެވެއެވެ. މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރެއްވިއެވެ. ﴿أَيَّامًا مَّعْدُودَاتٍ﴾ )البقرة: ١٨٤(މާނައީ: "އަދަދު ކަނޑައެޅިގެންވާ ދުވަސްތަކެއް-ގައެވެ." އާޔަތުގައި އެ ވަނީ ރަމަޟާންމަހުގެ ފަރުޟު ރޯދައަށް ކަނޑައެޅިފައި އޮންނަ ދުވަސްތަކުގެ ވާހަކައެވެ. އާދެ! ރަމަޟާންމަހަކީ މަދު ދުވަސް ކޮޅެކެވެ. އެންމެ 29 ނުވަތަ 30 ދުވަހެވެ. ބަލަބަލައިހުއްޓާ މި ދުވަސްތައް ނިމިގެން ހިންގައިދާނެކަން ހަނދާނުގައި ބަހައްޓަން ޖެހޭ ނޫންތޯއެވެ؟
ރަމަޟާންމަހުގެ ކޮންމެ ދުވަހަކީ ވެސް ޚާއްޞަ ދުވަހެކެވެ. ކޮންމެ ވަގުތުކޮޅަކީ ވެސް ޚާއްޞަ ވަގުތުކޮޅެކެވެ.
ކުރާ ކޮންމެ ޞަދަޤާތަކަށް އެތައް ގުނައެއް އިތުރަށް ސަވާބު ލިބޭ ނަމަ، ބުނާ ކޮންމެ ބަހަކުން ސުވަރެގައަށް ވަނުމަށް މަގުފަހިކޮށްދޭ ނަމަ، ނަމާދުގައި ހޭދަކުރާ ކޮންމެ ހިނދުކޮޅަކީ ފާފަތައް ފުހެވޭ ވަގުތުތަކެއް ނަމަ، އެ ކަންކަން ހާސިލުކުރަން މަސައްކަތް ނުކުރާނަންތޯއެވެ؟ ރަމަޟާންމަހުގެ ހަޤީޤީ ތަޞައްވުރަކީ މިއީއެވެ.
ޤުރުއާން ކިޔަވަމުން ގޮސް ވަރުބަލިކަން އިހުސާސްވުމުން ހުއްޓައިނުލާށެވެ. މިއީ މަދު ދުވަސްކޮޅެކެވެ. ތަރާވީޙް ނަމާދުގައި ދެތިން ރަކުޢަތްކޮށްލާފައި ފައިބައިގެން ނުދާށެވެ. ފައިބައިގެން ދާން ހިތަށް އަރާ ކޮންމެ ފަހަރަކު މިއީ މަދު ދުވަސްކޮޅެއްކަން ހަނދާނަށް ގެންނާށެވެ. ޞަދަޤާތްކުރަން ލިބޭ އެއްވެސް ފުރުޞަތެއް ދޫކޮށްނުލާށެވެ. އެ ފުރުޞަތުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފާށެވެ. މިއީ މަދު ދުވަސްކޮޅެއްކަން ހަނދާން ކުރާށެވެ.
އާދެ! ހެޔޮ ކަންކަންކުރުމުގައި އިންތިހާ ދަރަޖައަށް މަސައްކަތްކުރާށެވެ. ލޮބުވެތި ނަބިއްޔާއާއި ސަލަފުއްޞާލިހުންގެ އަރިހުން ފެންނާން އޮތީ މި މަންޒަރެވެ. އަޅުގަނޑުމެން ފަރުވާކުޑަކޮށްލަންވީ ސަބަބެއް އެބަ އޮތްތޯއެވެ؟ ކޮންމެ އަޅުކަމެއްގައި ތިމާއަށް ކުރެވެން އޮތް އެންމެ ގިނައެއްކޮށް ކުރަން މަސައްކަތް ކުރާށެވެ.
މި ދުވަސްކޮޅުގައި ހެޔޮ ޢަމަލު ކުރިޔަސް-ނުކުރިޔަސް މި ދުވަސްތައް ހިނގައިދާނެއެވެ. ސުވާލަކީ މި ދުވަސްތައް ފާއިތުވުމުން އަޅުގަނޑުމެން އެ ދުވަސްތަކާމެދު ހިތްހަމަޖެހޭނެތޯ ނުވަތަ ދެރަވެ ހިތާމަކުރާނީތޯއެވެ؟ މި އަންނަ ރަމަޟާންމަހު ރަނގަޅުކޮށްލާނީއޭ ނުބުނާށެވެ. ފަހުން ރަނގަޅުކޮށްލެވޭނޭ ކަމަށް ހީނުކުރާށެވެ. ކަނޑައެޅިގެންވާ މަދު ދުވަސްތައް މިހާރު މިދަނީ ހިނގަމުންނެވެ. މިއީ ޢަމަލު ކުރަންވީ ވަގުތެވެ. އެ ފުރުޞަތެވެ. އެ ބަރާކަތްތެރި ދުވަސްތަކެވެ.
އާދެ!ރަމަޟާންމަހަކީ މަދު ދުވަސްކޮޅެއްކަން އެތައް ފަހަރަކު ފާހަގަކުރެވިއްޖެއެވެ. ވިސްނާލާށެވެ! ދުނިޔޭގައި އަންނާނޭ އެންމެ ހެޔޮ ރޭތައްވަނީ ހަމަ މި މަދު ދުވަސްކޮޅުގެ ތެރެއިން އެންމެ ފަހު ދިހައިގެ ތެރޭގައެވެ. އެންމެ މާތް ރޭތަކުގައި އަޅުކަމުގެ ފޯރި ގަދަކުރަންވީ ވަގުތު ޢަމަލުތައް ބެހެއްޓެނީ ރަނގަޅަށްތޯއެވެ؟ ވަކިން ޚާއްޞަކޮށް އެ ދިހަ ދުވަހަށް ތައްޔާރުވެވަޑައިގެން އިޢުތިކާފް ކުރެއްވުމަކީ ކޮންމެ ރަމަޟާންމަހެއްގައި ނަބިއްޔާ صَلَّىٰاللهُعَلَيْهِ وَسَلَّمَކުރެއްވި ގަދަވެގެންވާ ސުންނަތެކެވެ. އާދެ! އިޢުތިކާފުގައި އިނދެ މި މަދު ދުވަސްކޮޅުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފާނެ އަހަރުކަމުގައި މި އަހަރު ހެދުމަށް އަވަހަށް ޢަޒުމު ކަނޑައަޅާށެވެ.