އަންހެނުން ނަމާދުކުރުން އެންމެ މޮޅީ ގޭގައެވެ.

1 މަސް ކުރިން
|
0

އަންހެނުންނާ ގުޅުންހުރި އެއްވެސް ވާހަކައެއް ދެއްކުމަކީ މިއަދު ވަރަށް ހައްސާސީ ކަމެކެވެ. ވަކީން ޚާއްޞަކޮށް، ކަމެއް ނުވަތަ އެއްޗެއް އެ މީހުންނަށް އުނިވެޔޭ ހީވާގޮތަށް ބުނާ ކޮންމެ ބުނުމެއް މިއަދު ސިފަކުރަނީ އެ މީހުންނަށް ދޭ އަނިޔާއެއްގެ ގޮތުގައެވެ. މި މޭރުމުން ބަލާ ނަމަ މިސްކިތައް ނުގޮސް ގޭގައި ނަމާދުކުރާށޭ ބުނުން ވެސް ވާނީ އެ މީހުންނަށް ކުޑައިމީސްކޮށް ބުނާ-ބުނުމަކަށެވެ. އެހެނަސް ދަންނަވަންތޯއެވެ! އަންހެނުންނަށް އެންމެ ހެޔޮކަން ބޮޑުގޮތަކީ ހިލޭ  ފިރިހެނުންނަށް ނުފެންނަ ހިސާބެއްގައި ތިބެގެން ނަމާދުކުރުމެވެ. އެފަދަ ތަންތަނަކީ ގޭގޭގެ އެންމެ އެތެރެ ކޮޓަރިތަކެވެ.

އަންހެނުންކުރާ ނަމާދުގެ ތެރެއިން އެންމެ ހެޔޮވެގެންވާ ނަމާދަކީ އެ މީހުންގެ ގޯތިތަކުގައި ކުރާ ނަމަދުކަން ބަޔާންކުރައްވައި ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. «خَيْرُ صَلَاةِ النِّسَاءِ فِي قَعْرِ بُيُوتِهِنَّ» (رواه أحمد: 26570) މާނައީ: "އަންހެނުން ކުރާ އެންމެ ހެޔޮ ނަމާދަކީ ގޭގެ އެންމެ އެތެރޭގައި ކުރާ ނަމާދެވެ." މިފަދައިން ޙަދީޘްކުރައްވައިފައި މި ވަނީ ނަމާދުކުރުމަށް ވެސް ހަދީޘްކުރެއްވި ނަބީކަލޭގެފާނެއެވެ. ނަމާދުކުރުމުން ސަވާބު ލިބޭ ގޮތާއި މިންވަރު ބަޔާންކޮށްދެއްވި ނަބީކަލޭގެފާނެވެ. މަސްޖިދުލް ޙަރާމުގައި އެއް ލައްކަ ނަމާދުގެ ސަވާބު ލިބޭނެ ކަމާއި މަސްޖިދުއްނަބަވީގައި އެއް ހާސް ނަމާދުގެ ސަވާބު ލިބޭނެކަން ބަޔާންކުރެއްވި ނަބީކަލޭގެފާނެއެވެ.

އެކަލޭގެފާނު އެއްވެސް އަންހެނަކަށް ސަވާބު އުނިވެ ސުވަރުގެއަށް ދާން ބޭނުންވާނެ ޕޮއިންޓު މަދުވާނެ ގޮތަށް އިރުޝާދުދެއްވައި އޮޅުވައިލައްވާނެ ކަމަށް ޤަބޫލުކުރެވޭ ހެއްޔެވެ؟ ހަމަހިލާ އެހެނަކުން ނުވާނެއެވެ. އެއީ އެކަލޭގެފާނާ ލާއިޤު ކަމެއް ނޫނެވެ. އެކަލޭގެފާނަކީ ޢާލަމްތަކަށް ހުރި ރަޙުމަތެކެވެ. އެކަލޭގެފާނަކީ މުއުމިނުތަކުންނަށް އެންމެ ފައިދާ ހުރި ގޮތް ބަޔާންކޮށްދެއްވި ނަބީކަލޭގެފާނެއެވެ. ވަކީން ޚާއްޞަކޮށް އަންހެނުންނާ މެދު ހެޔޮކޮށް ހިތުމަށް ވަޞިއްޔަތްކުރެއްވި ނަބީކަލޭގެފާނެއެވެ.

ނަމާދުގައި ވެސް އަންހެނުންނަށް އެންމެ ގިނަ ސަވާބު ލިބޭނެ ގޮތް އެކަލޭގެފާނު އެދިލައްވައެވެ. އަދި އެންމެ ލުއިފަސޭހަކޮށް އެކަން ވާނެ ގޮތް ބަޔާންކޮށްދެވެވިއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. «صَلَاةُ الْمَرْأَةِ فِي بَيْتِهَا أَفْضَلُ مِنْ صَلَاتِهَا فِي حُجْرَتِهَا، وَصَلَاتُهَا فِي مَخْدَعِهَا أَفْضَلُ مِنْ صَلَاتِهَا فِي بَيْتِهَا» (رواه أبو داود: 570) މާނައީ: "ގޭގެ ފެންޑާގައި ނަމާދުކުރުމަށްވުރެ ގޭގެ އެތެރޭގައި ނަމާދުކުރުން އަންހެނާއަށް މޮޅުއިތުރުވެގެން ވެއެވެ. އަދި ގޭގެ އެތެރޭގައި ނަމާދުކުރުމަށްވުރެ ވެސް ގޭގެ އެންމެ އެތެރޭގެ ކޮޓަރީގައި ނަމާދުކުރުން އަންހެނާއަށް މޮޅުއިތުރުވެގެން ވެއެވެ." އެހެންކަމުން އެންމެ މޮޅުގޮތް ޤަބޫލުކޮށްގެން އެ މަގުން އެކަން ކުރާ މީހުންނަށް އުފާވެރިކަން ހުއްޓެވެ.

އަދިދަންނާށެވެ!އަންހެނުންމިސްކިތައް ދިއުން މަނާވެގެނެއް ވެސް ނުވެއެވެ. ދާން އެދޭ މީހާއަށް ހުއްދަ އެބައޮތެވެ.