ސަވާބުގެ ގޮތުން އެންމެ މަތިވެރި ރޯދަ އަކީ ކޮބާ؟

1 މަސް ކުރިން
|
0

އެމީހެއްގެ ރޯދައަކީ ދަރުމައާއި ސަވާބުގެ ގޮތުން އެންމެ މަތިވެރި ރޯދަ ކަމުގައި ހެދުމަށް ކޮންމެ މީހަކު ވެސް އެދޭނެއެވެ. އަދި އެއީ ދާދި ފަސޭހަ ކަމެކެވެ.

       ކީރިތި ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَގެ އަރިހުން ރިވާވެގެންވެއެވެ. "(އެއްދުވަހަކު) މީހަކު އިތުރު އެކަލޭގެފާނަށް ސުވާލު ދެންނެވިއެވެ. "މުޖާހިދުންގެ ތެރެއިން ދަރުމައާއި ސަވާބު އެންމެ ބޮޑީ ކޮންބައެއްގެ ތޯއެވެ؟" ޙަދީޘް ކުރެއްވިއެވެ. "اللهގެ ޒިކުރު އެންމެ ގިނައިން ކުރާ މީހުންނެވެ." އެ މީހަކު ސުވާލު ދެންނެވިއެވެ. "އެހެންވިއްޔާ ރޯދަވެރީންގެ ތެރެއިން އެންމެ ދަރުމައާއި ސަވާބު ބޮޑީ ކޮންބައެއްގެ ތޯއެވެ؟" ޙަދީޘް ކުރެއްވިއެވެ. "އެންމެ ގިނައިން ﷲގެ ޒިކުރުކުރާ މީހުންނެވެ." ދެން އެ މީހާ، ނަމާދާއި، ޒަކާތާއި، ޙައްޖާއި ޞަދަޤާތްކުރުމާ ބެހޭގޮތުން ވެސް ހަމައެފަދައިން ސުވާލު ދެންނެވިއެވެ. އަދި ކީރިތި ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޖަވާބުގައި ހަމައެފަދައިން ޙަދީޘް ކުރެއްވިއެވެ. "(ކޮންމެ އަޅުކަމެއްގައި ވެސް) އެންމެ ގިނައިން الله تعالىގެ ޒިކުރުކުރާ މީހާއެވެ." އެހިނދު (އެ މަޖިލީހުގައި އިންނަވައި) އަބޫބަކުރުގެފާނު ޢުމަރުގެފާނަށް ވިދާޅުވިއެވެ. "މާތް ﷲގެ ޒިކުރުކުރާ މީހުން ހުރިހާ ދަރުމައެއް ހޯދައިފިތާއެވެ!" (އެ ވާހަކަ އަށް ޖަވާބު ދެއްވައި) ކީރިތި ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ. "އާއެކެވެ!" (رواه أحمد والطبراني)

ދަންނާށެވެ! ހުރިހާ އަޅުކަމެއްކުރުން އަޅުތަކުންގެ މައްޗަށް ލައްވައިފައި ވުމުގެ ސިއްރަކީ ވެސް މާތް ﷲ ހަނދުމަކޮށް ޒިކުރުކުރުމެވެ. ނަމާދާމެދު މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ﴿وَأَقِمِ الصَّلَاةَ لِذِكْرِي﴾ (طه: 14) މާނައީ: "އަދި ތިމަން އިލާހު ހަނދުމަކުރުމަށް ޓަކައި ނަމާދު ޤާއިމުކުރާށެވެ." ވީމާ، ކޮންމެ އަޅުކަމެއްގައި ވެސް މާތް ﷲ ޒިކުރު ކުރުން ގިނަކުރުމަކީ އެ އަޅުކަމުގެ ފުރިހަމަ މާނައިގައި އަޅުކަން ކުރުމަށް އޮތް މަގެވެ.

އިބްނުލް ޤައްޔިމު رحمه الله ވިދާޅުވެފައި ވެއެވެ. "ކޮންމެ ޢަމަލެއްގައި ވެސް އެންމެ ހެޔޮވެގެންވަނީ އެ ޢަމަލުގައި މާތް ﷲ ޒިކުރު ކުރުން އެންމެ ގިނަ މީހާގެ ޢަމަލެވެ. ރޯދަވެރީންގެ ރޯދައިގެ ތެރެއިން އެންމެ މޮޅު އިތުރުވެގެން ވަނީ، އެ ރޯދައިގައި އެންމެ ގިނައިން ﷲ ޒިކުރުކުރާ މީހާގެ ރޯދައެވެ. ޞަދަޤާތްކުރާ މީހުންގެ ތެރެއިން އެންމެ މޮޅު އިތުރުވެގެންވާ ބަޔަކީ ﷲގެ ޒިކުރު އެންމެ ގިނައި ކުރާ މީހުންނެވެ. ޙައްޖުގެ އަޅުކަމުގައި އެންމެ މޮޅު އިތުރުވެގެންވަނީ އެންމެ ގިނައިން ޒިކުރުކުރާ މީހާގެ އަޅުކަމެވެ. އެހެން ހުރިހާ ޢަމަލެއްގައި ވެސް މިކަން އޮތީ މި ބީދައިންނެވެ." (الوابل الصيب لابن القيم، ص 152)

ތިބާގެ ރޯދައަކީ ދަރުމައާއި ސަވާބުން މަތިވެރިވެގެންވާ އަޅުކަމެއް ކަމުގައި ހެދުމަށް ޓަކައި މާތް ﷲ ޒިކުރުކުރުން ގިނަކުރާށެވެ. ރޯދައިގެ ދަރުމަ އިތުރުކުރުމަށް އެދޭ މީހަކު އަންނަނިވި ޒިކުރުތައް ގިނަގިނައިން ކިޔާށެވެ. "لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ" މި ޒިކުރު ދުވާލަކު 100 ފަހަރު ކިޔާ މީހާއަށްވުރެ މޮޅު އިތުރުވެގެންވަނީ އެއަށްވުރެ ގިނައިން މި ޒިކުރުކުރާ މީހާ ކަމުގައި ޙަދީޘް ކުރައްވައިފައި ވެއެވެ. ވީމާ ދުވާލުގެ ގިނަ ވަގުތު މި ޒިކުރު ކުރުންމަތީ ދެމިހުންނާށެވެ. އެތައް ސަތޭކަ ފަހަރަކު މި ޒިކުރު ކިޔޭތޯ ބަލާށެވެ. ތިބާއަށްވުރެ ދަރުމައިގެ ގޮތުން މަތިވެރި ރޯދައެއް ހިފާ އެހެން މީހަކު އެއިރުން ނުހުންނާނެއެވެ.

މި ދެންނެވި ޒިކުރު ނޫނަސް، ކީރިތި ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَގެ އަރިހުން ރިވާވެގެން އައިސްފައިވާ ވަރަށް ގިނަ ޒިކުރުތައް ހުރެއެވެ. އޭގެތެރެއިން ތިބާއަށް އެނގޭ އެންމެ ފަސޭހައިން ކުރެވިދާނެ ޒިކުރުތައް ގިނަގިނައިން ކިޔާށެވެ. ޒިކުރު ކުރުމަކީ ތިބާ ކޮންމެ ކަމެއްގައި މަޝްޣޫލުވެގެން ހުއްޓަސް ކުރެވިދާނެ ނުހަނު ލުއިފަސޭހަ އަޅުކަމެއްކަން ދަންނާށެވެ!