ލައިލަތުލްޤަދްރިއަށް މިހާރުއްސުރެ ތައްޔާރުވާށެވެ.

1 މަސް ކުރިން
|
0

ލައިލަތުލްޤަދްރިއަކީ އަހަރުގެ ރޭތަކުގެ ތެރެއިން އެންމެ ހެޔޮ، އެންމެ މާތް، އަދި އެންމެ މަތިވެރިކަން ބޮޑު ރެއެވެ. އަދި އެއީ ނުހަނު ބަރަކާތްތެރި ރެއެކެވެ. ﷲ ވަޙީކުރައްވައިފައި ވެއެވެ. ﴿إِنَّا أَنزَلْنَاهُ فِي لَيْلَةٍ مُّبَارَكَةٍ﴾ (الدُّخَان: ٣) މާނައީ: "ހަމަކަށަވަރުން ތިމަން އިލާހު އެ (ޤުރްއާން) ބާވައިލެއްވީ ބަރަކާތްތެރިވެގެންވާ ރެޔެއްގައެވެ." އެއީ ބަރަކާތްތެރި ރެއެކެވެ. އަދި އެ ރޭގެ ޤަދަރު ވަރަށް މަތިވެރިވެގެން ވެއެވެ. ﷲ ވަޙީކުރައްވައިފައި ވެއެވެ. ﴿إِنَّا أَنزَلْنَاهُ فِي لَيْلَةِ الْقَدْرِ﴾ (القَدر: ١) މާނައީ: "ހަމަކަށަވަރުން ތިމަން އިލާހު އެ (ޤުރްއާން) ބާވައިލެއްވީ ލައިލަތުލްޤަދްރީގައެވެ. (ޤަދްރު ވިލޭރޭގައެވެ.)"

އެ ރޭގެ ޤަދަރުގެ މަތިވެރިކަމުގެ ސަބަބުން އެ ރެއަށް ލައިލަތުލްޤަދްރިއޭ ކިޔުނު ކަމަށް އައިސްފައި ވެއެވެ. އަދި އެހެން ގޮތްގޮތަށް ވެސް މާނަތައް އައިސްފައި ވެއެވެ. އެ ގޮތުން ލައިލަތުލް-ޤަދްރިއޭ ކިޔުނީ، އެ ރެއިން ފެށިގެން ކުރިޔަށް އޮތް އަހަރުގެ ލައިލަތުލްޤަދްރިއާ ހަމައަށް، އަޅާއަށް ވާނޭ އެންމެހާ ކަމެއް އެ ރޭގައި ނިޔާކުރެވޭތީ ކަމަށް ވެސް އައިސްފައި ވެއެވެ. الله سبحانه وتعالى ވަޙީކުރައްވައިފައިވާ ފަދައިންނެވެ. ﴿فِيهَا يُفْرَقُ كُلُّ أَمْرٍ حَكِيمٍ﴾ (الدُّخَان: ٤) މާނައީ: "އެ ރޭގައި، ކަނޑައެޅިގެންވާ ކޮންމެ ކަމެއް ނިޔާކޮށް ލިޔުއްވެއެވެ."

އެ ރެއަކީ ޤަދަރު މަތިވެރިވެގެންވާ ރެއެކެވެ. އަދި މުޅި އެ ރެއަކީ، ފަޖުރުގެ އަލިކަން ފާޅުވެއްޖައުމާ ހަމައަށް ސަލާމަތްކަމުގެ ރެއެކެވެ. ނުބައި ކަންކަމުން ސަލާމަތްވެގެންވާ، ހެޔޮ ކަމުން ފުރިގެންވާ ރެއެކެވެ. އެ ރޭގައި މަލާއިކަތުންނާއި ރޫޙުލް ޤުދްސި ކަމުގައިވާ ޖިބްރީލު ޢަލައިހިއްސަލާމް ފައިބައިވަޑައިގަންނަވައެވެ. އަޅުތަކުންނަށް ހެވާއި ބަރަކާތް ގެންނަވާ ގޮތުގައެވެ. އެހެންކަމުން އެއީ ރޭތަކުގެ ތެރެއިން އެންމެ ހެޔޮވެގެންވާ، އެންމެ މާތްވެގެންވާ، އަދި އެންމެ މަތިވެރިވެގެންވާ ރެއެވެ.

އަދި އެ ރޭގެ މާތް ފަޟްލާއި، ޤަދަރުގެ ބޮޑުކަމާއި، އަދި އެ ރޭގައި ލިބޭ ސަވާބުގެ މަތިވެރިކަން الله وتعالىވަޙީކުރައްވައި އަންގަވައިފައި ވެއެވެ. ﴿خَيْرٌ مِّنْ أَلْفِ شَهْرٍ﴾ (القَدر: ٣) މާނައީ: "އެއްހާސް މައްސަރަށްވުރެ ހެޔޮވެގެން ވެއެވެ." އެބަހީ، އެ ރޭގައި ކުރާ ޢަމަލު، ލައިލަތުލްޤަދްރި ނޫން އެއް ހާސް މައްސަރުގައި ކުރާ ޢަމަލަށްވުރެ ހެޔޮވެގެން ވެއެވެ. އެއް ހާސް މަހަކީ 83 އަހަރާއި 4 މަހެވެ. އެއީ 80 އަހަރަށްވުރެ ގިނަ ދުވަހު ދުނިޔޭގައި އުޅެފައިވާ މީހެއްގެ އުމުރެވެ. މި ސަވާބު ނިކަން ދެކިބަލާށެވެ. ހަމައެކަނި އެންމެ ރެއަކުން ލިބެނީ، އުމުރުދިގު މީހެއްގެ އުމުރުދުވަހުގެ ސަވާބެވެ. އަޅުކަމާއި ކިޔަމަންތެރިކަމުގައި އުމުރު ހުސްކޮށްލި، ދުވަސްވީ މީހުންނަށް ބަލައި ނިކަން ތަސައްވަރުކޮށްލަބަލާށެވެ. ނަބީ صَلَّىٰاللهُعَلَيْهِ وَسَلَّمَޙަދީޘްކުރައްވައިފައި ވެއެވެ. "ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮވެގެންވަނީ، އެ މީހެއްގެ އުމުރު ދިގުވެ، އޭނާގެ އަމަލު ހެޔޮވި މީހެކެވެ." (الترمذي 2330) ﷲގެފަޟްލުވަންތަކަންނިކަންދެކިބަލާށެވެ. އެއިލާހު سبحانه وتعالىގެ ދީލަތިކަމުގެ ބޮޑުކަމާއެވެ. އަދި އެއިލާހު ދެއްވާ ސަވާބުގެ ގިނަކަމާއެވެ. ފަޟްލުވަންތަކަން ވަނީ އެއިލާހު سبحانه وتعالىގެ އަތްޕުޅުގައެވެ. އެ އިލާހު އިރާދަކުރައްވާ ބަޔަކަށް އެކަން ދެއްވައެވެ. އަދި ﷲއީ މަތިވެރި ފަޟްލުވަންތަކަމުގެވެރިއިލާހެވެ.