މި އަހަރުގެ ރަމަޟާންމަސް އަޅުގަނޑުމެންނާ ބައްދަލުކުރާން ވަގުތު ކުޑަތަންވީއެވެ. މިއީ މާތް މަހެއްކަން އަޅުގަނޑުމެން އެންމެނަށް ވެސް އެނގެއެވެ. އެއާ އެކު ވެސް މި މަހުގެ މާތްކަން އިތުރަށް ހަނދާންއާކޮށްލުމީ މުހިންމު ކަމެއް ކަމުގައި ދެކެމެވެ. އެހެނީ ހަނދާން އާކުރުމަކީ އެ ކަމުގައި އެތައް ފައިދާއެއް އެކުލެވިގެންވާ ކަމެކެވެ.
މާތް ﷲ ވަނީ އެއިލާހުގެ ޙަޟްރަތުގައި ރޯދައަށް ވަރަށް މަތީ ދަރަޖައެއް ދެއްވައިފައެވެ. «الصَّوْمُ لِي وَأَنَا أَجْزِي بِهِ» (البخاري) މާނައީ: "ރޯދަ ވަނީ ތިމަން އިލާހަށެވެ. އަދި އެއަށް ޖަޒާ ދެއްވާނީ ތިމަން އިލާހެވެ." މި ޙަދީޘުގެ ޝަރަޙައިގައި ޢިލްމުވެރިން ބަޔާންކުރައްވައިފައި ވަނީ އެއްވެސް ހިފެހެއްޓުމެއްނެތި އަޖުރު ދެއްވާނޭ ޢަމެލެއް ކަމުގައި ރޯދަ ވާނޭ ކަމުގައެވެ.
ރޯދަހިފުމަކީ ކެތްތެރިކަމުގެ ހުރިހާ ވައްތަރެއް ޖަމާވާ އަޅުކަމެކެވެ. ފުރަތަމަ ވައްތަރަކީ މާތް ﷲއަށް ބޯލަނބައި ކިޔަމަންގަތުމުގައި ކެތްތެރިވުމެވެ. ރޯދައަށް ހުންނަ ވަގުތު ނުކައިނުބޮއި ހުރުމާއި ތަރާވީޙް ނަމާދުގައި ގިނަ ވަގުތު ހޭދަކުރުންފަދަ ކަންކަމީ އެއިލާހަށް ބޯލަނބައި ކިޔަމަންގަތުމުގައި ވެވޭ ކެތްތެރިކަމުގެ ތެރެއިން ހިމެނޭ ކަންކަމެވެ. ދެވަނަ ވައްތަރަކީ ފާފަތަކުން ދުރުވެހުރުމަށް ކެތްތެރިވުމެވެ. ރޯދަވެރިޔާ އޭނާގެ ހަވާނަފުސުގެ އެދުންތަކާ ދެކޮޅަށް ކުރާ މަސައްކަތަކީ މި ވައްތަރުގެ ކެއްތެރިކަމެވެ. އަދި ތިންވަނަ ވައްތަރަކީ އިމްތިހާނުތަކާއި ދަތިއުނދަގޫ ކަންކަން މެދުވެރިވާހިނދު ކެތްތެރިވުމެވެ. ބަނޑުހައިހޫނުކަމާއި އެނޫން އުނދަގޫތަކުން ދުރުހެލިވެ ހުންނަ ހުރުން ވަންނާނީ މި ވައްތަރުގެ ތެރެއަށެވެ. އަދި މީގެ ސަބަބުން އެ މީހެއްގެ ނަފުސު މާތް ﷲއަށް ބަރޯސާކުރުމަށް ދަސްވެއެވެ. ކޮންމެއަކަސް، ކެތްތެރިކަމުގެ ވައްތަރުތައް ޖަމާވާ އަޅުކަމަށް ރޯދަހިފުންވުމީ ރަމަޟާންމަސް މާތްވެގެން އަންނަ ސަބަބެކެވެ.
ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. «الصِّيَامُ وَالْقُرْآنُ يَشْفَعَانِ لِلْعَبْدِ يَوْمَ الْقِيَامَةِ» (أحمد) މާނައީ: "ރޯދައާއި ޤުރްއާނަކީ ޤިޔަމާތްދުވަހުން އެއަޅާއަށް ޝަފާޢަތްތެރިވާނޭ ދެއެއްޗެވެ." މިއީ އަޅުކަންތަކުގެ ތެރެއިން ރޯދަ، މާތްވެގެން އަންނަ އަނެއް ސަބަބެވެ.
ހަމައެހެންމެ، މާތް ﷲ ވަނީ ރޯދަވެރިޔާގެ ފާފަފުއްސެވުމަށާއި މަތިވެރި އަޖުރު ދެއްވުމަށް ވަޢުދުވެވޮޑިގެންފައެވެ. އެހެންކަމުން ހެޔޮ ކަންކަމުގެ އެންމެ މާތް ޢަމަލުތަކުގެ ތެރޭގައި ރޯދަހިމެނެއެވެ. މީގެ އިތުރުން ރޯދައަކީ އެ މީހަކަށް ކުރެވޭ ފާފަތަކުގެ ކައްފާރާއެއް ވެސް މެއެވެ.
އަދި ރޯދައަކީ އައްޑަނައެކެވެ. މީގެ މުރާދަކީ ރޯދަވެރިޔާ ނަރަކައިން ސަލާމަތްކޮށްދޭނޭ އައްޑަނައެއްގެ ގޮތުގައި އެ މީހާގެ ރޯދަ ވެގެންދާނެކަމެވެ. ރޯދަވެރިޔާއަކީ ނަރަކައާ ދުރުވެގެންވާ މީހެކެވެ.
ރަމަޟާންމަހުގެ ރޯދައާއި އަދި ސުންނަތް ރޯދަ ގިނަގިނައިން ހިފާ މީހަކީ ސުވަރުގެ ވަނުން ގާތް މީހެކެވެ. އެހެނީ ރޯދަވެރީންނަށް ޚާއްޞަކުރައްވައި "އައްރައްޔާން"ގެ ނަމުން ސުވަރުގޭގައި ދޮރުކޮޅެއް ވަނީ ލައްވަވައިފައެވެ. އެ ދޮރުކޮޅުން ވަދެވޭނީ ހަމައެކަނި ރޯދަވެރީންނަށެވެ. އެއަށްފަހު އެ ދޮރުކޮޅު ބަންދުވާނެއެވެ. އެ ދޮރުކޮޅުން ސުވަރުގެ ވަންނަ ބައެއްކަމުގައި އަޅަމެން ލައްވާނދޭވެ!
އާދޭ! ރަމަޟާންމަހަކީ ދުނިޔެއަށް އަންނަ އެންމެ މާތް މައްސަރެވެ. އެ މަހުގެ މާތްކަމުގެ ވާހަކަ ދައްކާ ހުސްނުވާނެއެވެ. އެކަމަކު ހަނދާނުގައި ބަހައްޓަންވީ އެއީ ވަރަށް ކުރު ދުވަސްކޮޅެއްކަމެކެވެ. ރޯދަމަހާ ބައްދަލުވުމުގެ ހެޔޮ ނަސީބު އަޅަމެންނަށް މިންވަރު ކުރައްވާނދޭވެ!