ރޯދަމަހާއި ރޭއަޅުކަން

1 މަސް ކުރިން
|
0

ރޯދަމަހާއި ރޭއަޅުކަންކުރުމާ ވަރަށް ބޮޑު ގުޅުމެއް ވެއެވެ. މި ގުޅުމުގެ ވަރުގަދަކަން އެނގިގެންދަނީ މާތް ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَގެ މި ޙަދީޘުންނެވެ. «مَنْ قَامَ رَمَضَانَ إِيمَانًا وَاحْتِسَابًا، غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ» (البخاري، ومسلم) މާނައީ: "އީމާންކަމާއި ދަރުމައަށް އެދިގެން ރަމަޟާންމަހު ރޭއަޅުކަން ކޮށްފިމީހަކަށް އިސްވެގޮސްފައިވާ ފާފަތައް ފުއްސަވައިދެއްވާނެތެވެ." އެހެންކަމުން، ރަމަޟާންމަހުގެ ބަރަކާތާއި ދަރުމައަށް އެދޭމީހާ ކުރަން އޮތް އެންމެ މުހިއްމު އެއް އަޅުކަމަކީ ރޭއަޅުކަންކުރުމެވެ. މި ކަމަށް ޓަކައި ރޭއަޅުކަމާ ގުޅޭ ފުރިހަމަ މަޢުލޫމާތު ހޯދުމަކީ މުހިންމު ކަމެކެވެ.

ރޭއަޅުކަމަކީ ސުންނަތްކަން ގަދަވެގެންވާ ނަމާދެކެވެ. މާތް ﷲއަށް ކިޔަމަންތެރި އަޅުންގެ ސިފަތައް ބަޔާންކުރައްވަމުން އެއިލާހު ވަޙީކުރެއްވިއެވެ. ﴿وَالَّذِينَ يَبِيتُونَ لِرَبِّهِمْ سُجَّدًا وَقِيَامًا﴾ ‎)الفرقان: ٦٤( މާނައީ: "އަދި އެބައިމީހުންނީ، އެބައިމީހުންގެ ވެރިރަސްކަލާނގެއަށް އަޅުކަން ކުޅައުމަށް، ސަޖިދަކުރުމުގައްޔާއި، ޤިޔާމަށްތިބުމުގައި، ރޭގަނޑުގެ ވަގުތު ހޭދަކުރާ މީހުންނެވެ."

މި މާތް އަޅުކަމުގެ ބައެއް ފައިދާތައް ބަޔާން-ކުރައްވައި ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَގެ ކިބައިން ރިވާވެފައި ވެއެވެ. "ރޭއަޅުކަންކުރުން ތިޔަބައި-މީހުންގެ މައްޗަށް ހުއްޓެވެ. ފަހެ، ހަމަކަށަވަރުން  އެ ކަމަކީ ތިޔަބައިމީހުންގެ ކުރީގެ ޞާލިޙުންގެ އާދަފުޅެކެވެ. އަދި ތިޔަބައިމީހުންގެ ވެރިރައްބާ ކުއްތަންކުރުވައިދޭނޭ ކަމެކެވެ. އަދި ފާފަތަކުގެ ކައްފާރާއެއްގެ ގޮތުގައި ވާނޭ ކަމެކެވެ. އަދި ފާފަކުރުމުން ދުރުކޮށްދޭނޭ ކަމެކެވެ." (رواه الحاكم)

ރޭއަޅުކަމަކީ ސަލަފުއްޞާލިޙުން އެ ކަމެއްގެ މަތީގައި ތިއްބެވުމަށް ގަދައަޅައި މަސައްކަތްކުރެއްވި ކަމެކެވެ. ﷲގެ މުއުމިނު އަޅުތަކުންގެ އާދައެކެވެ. ތަޤްވާވެރިންގެ ޝިޢާރެކެވެ. ރައްބާނީ ބޮޑެތި ޢިލްމުވެރިންނާއި އަޅުވެރިން ތަރުބިއްޔަތުކުރުމުގެ މަދަރުސާއެވެ.

ރޭއަޅުކަންކުރުމާއި، ރޭގަނޑުން ބައެއްގައި ނިދުމާއި ތަންމަތީގެ އަރާމުކަމުގެ މައްޗަށް ރޭއަޅުކަމަށް އިސްކަންދިނުމަކީ އެ މީހަކުދެކެ ﷲ ލޯބިވެވޮޑިގަންނަވާނޭ ކަމެކެވެ. އަދި އެ މީހެއްގެ އެ ޢަމަލު އެކަލާނގެ މަތިވެރިކުރަވާނޭ ކަމެކެވެ. އެފަދަ މީހެއްގެ މާތްކަން ބަޔާންވެފައިވާ ޙަދީޘެއްގައި އައިސްފައި ވެއެވެ. އަޅަމެންގެ ވެރިރަސްކަލާނގެ ދެ މީހެއްގެ ޢަމަލުތަކާމެދު ޢަޖައިބުވެވޮޑިގެންނެވިއެވެ. އެއިގެ ތެރެއިން އެކަކީ؛ އެ މީހާގެ އެނދާއި ރަޖާގަނޑާ ވަކިވެ، އެ މީހާގެ ލޯބިވާ މީހުންނާއި އަހުލުންނާ އެކަހެރިވެ ނަމާދުކުރާ މީހާއެވެ. ފަހެ، މަތިވެރިވަންތަ ﷲ (މަލާއިކަތުންނަށް) ވަޙީކުރައްވާނެތެވެ. "ތިޔަބައިމީހުން ތިމަންއިލާހުގެ އަޅާއަށް ބަލާށެވެ! އޭނާ، އޭނާގެ އެނދާއި ރަޖާގަނޑާ ވަކިވެ، އޭނާގެ ލޯބިވާ މީހުންނާއި އަހުލުންނާ އެކަހެރިވެ އެހުރީ ނަމާދުގައެވެ. އެއީ ތިމަންރަސްކަލާނގެ ޙަޟްރަތުގައިވާ ނިޢުމަތްތަކަށް އެދި، ތިމަންރަސްކަލާނގެ ޙަޟްރަތު އަތުވެދާނޭ އަޒާބަކަށް ބިރުވެތިވާ ޙާލުގައެވެ." (رواه ابن حبّان)

ވީއިރު، މި މާތް މަތިވެރި އަޅުކަން ކުރުމަށް ފަށައިގަތުމަށާއި މި އަޅުކަން ކުރުމަށް ތިމާގެ ނަފުސު އާދަކުރުވުމަށް ރަމަޟާންމަހަށްވުރެ ހެޔޮ ދުވަސްތަކެއް ނުވެއެވެ.