ވަގުތު ކުރުވުމަކީ ޤިޔާމާތުގެ ޢަލާމާތެއް

8 މަސް ކުރިން
|
0

އިރުއެރުމާ އެކު އޮންނަނީ އިރު އޮއްސުމުގެ ވަގުތު އައިސް ޖެހިފައެވެ. ދުވަހުގެ ވަގުތުކޮޅު މަދު ހިނދުކޮޅެއްފަދައެވެ. އައު މަހެއްގެ ހުޅަވިހަނދު ފެނުމަށްފަހު އެ މައްސަރު ފާއިތުވެ ކަޅުފޮއިމޫސުމާ ޖެހިދަނީ ދާދި މަދު ވަގުތުކޮޅެއްގެ ތެރޭގައެވެ. މަހެއް ފާއިތުވެގެންދާ ގޮތް އިހުސާސް ވެސް ނުވެއެވެ. އެއް ރޯދަމަސް ނިމި އަނެއް ރޯދަމަހާ ބައްދަލުވާހިނދު ދުވަސް ކުރުވެއްޖެކަމުގެ އިހުސާސްކުރެވެއެވެ. ރޯދަމަސް ފެށުމާ ނިމުމާ އޮންނަނީ ދާދި އެކުއެކުގައެވެ. ދުވަސްތައް ފާއިތުވެގެންދަނީ ނުހަނު އަވަސްކަމާ އެކުގައިކަން އެހިނދުން އަނެއްކާ ވެސް އިހުސާސް-ކުރެވެއެވެ.

ވަގުތު ކުރުވުން ނުވަތަ ދުވަސް ކުރުވުމަކީ ވެސް ޤިޔާމަތުގެ ޢަލާމަތްތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ. އަބޫ ހުރައިރާ رضي الله عنهގެ އަރިހުން ރިވައިވެގެން ވެއެވެ. «‏لاَ تَقُومُ السَّاعَةُ حَتَّى يَتَقَارَبَ الزَّمَانُ فَتَكُونُ السَّنَةُ كَالشَّهْرِ وَالشَّهْرُ كَالْجُمُعَةِ وَتَكُونُ الْجُمُعَةُ كَالْيَوْمِ وَيَكُونُ الْيَوْمُ كَالسَّاعَةِ وَتَكُونُ السَّاعَةُ كَالضَّرْمَةِ بِالنَّارِ‏»‏ (رواه الترمذي) މާނައީ: "ޒަމާން ގާތްވެ (ވަގުތު ކުރުވުމަށް) ދާންދެން ޤިޔާމަތް ނުވާހުއްޓެވެ. ވަގުތު ކުރުވުމުން އެއް އަހަރަކީ އެއް މަސްދުވަސް ފަދައިން ވާނެއެވެ. އަދި އެއް މަހަކީ އެއް ހުކުރު (އެއް ހަފްތާ) ފަދައިން ވާނެއެވެ. އެއް ހަފްތާއަކީ އެއް ދުވަސް ފަދައިންވާނެއެވެ. އަދި އެއް ދުވަހަކީ އެއް ގަޑިއިރު ފަދައިން ވާނެއެވެ. އަދި އަލިފާނުގެ ކަންޏެއް ބުރައިގެން ގޮސް ނިވޭހާ އަވަހަށް އެއް ގަޑިއިރު ނިމިގެން ދާނެއެވެ."

އާދަމުގެދަރީންގެ އުންމީދުތަކާއި ދުނިޔޭގައި ދިގު އުމުރެއްގައި ތިބުމުގެ ހުވަފެންތައް ކިތަންމެ ބޮޑު ކަމުގައި ވިޔަސް، ދުނިޔޭގެ ޙަޔާތަކީ މަދު ހިނދުކޮޅެއްފަދައިންވާ އެއްޗެއް ކަމާއި، މި ޙަޔާތުގެ ވަގުތުތަކަކީ އިސާހިތަކު ނިމިގެންދާނޭ އެއްޗެއްކަން، ކީރިތި ޤުރްއާނުގެ އެތައް އާޔަތެއްގައި ވަނީ އަންގަވައިފައެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ﴿اقْتَرَبَ لِلنَّاسِ حِسَابُهُمْ وَهُمْ فِي غَفْلَةٍ مُّعْرِضُونَ﴾ ‎(الأنبياء: ١)‏ މާނައީ: "މީސްތަކުންނަށް އެއުރެންގެ (ޢަމަލުތަކުގެ) ހިސާބު ބެއްލެވުމުގެ ވަގުތު ގާތްވެއްޖެއެވެ. އެއުރެން ޣާފިލުވެ (އެކަމުން) އެއްކިބާވެގެންވާ ޙާލުގައެވެ."

އަދިވެސް އެއިލާހު ވަޙީކުރެއްވިއެވެ. ﴿وَمَا أَمْرُ السَّاعَةِ إِلَّا كَلَمْحِ الْبَصَرِ أَوْ هُوَ أَقْرَبُ إِنَّ اللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ﴾ ‎(النحل: ٧٧‏) މާނައީ: "އަދި ޤިޔާމަތްވުމުގެ ވަގުތުގެ ކަންތައް، ލޮލުގެ އެސްފިޔަޖަހާހައި ހިނދުކޮޅެއް ފަދައިން މެނުވީ ނުވެތެވެ. ނުވަތަ، އެއަށްވުރެ ވެސް ގާތެވެ. ހަމަކަށަވަރުން، ﷲއީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ."

ކީރިތި ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘް-ކުރެއްވިއެވެ. «بُعِثْتُ أَنَا وَالسَّاعَةُ كَهَاتَيْنِ»، وَيَقْرُنُ بَيْنَ إِصْبَعَيْهِ السَّبَّابَةِ، وَالْوُسْطَى. (رَوَاهُ الشَّيْخَانِ) މާނައީ: "ތިމަންކަލޭގެފާނު ފޮނުއްވުމާ ޤިޔާމަތްވުމާ ވަނީ މިހާ ކައިރީގައެވެ." މިފަދައިން ޙަދީޘްކުރައްވައި، އެކަލޭގެފާނުގެ ޝަހާދަތް އިނގިލިފުޅާއި މެދު އިނގިލިފުޅު ކައިރިކޮށްލައްވައި ދައްކަވައިލެއްވިއެވެ.

ޤިޔާމަތުގެ ކުދި ޢަލާމާތްތަކުގެ ތެރެއިން ގިނަ ކަންތައްތަކެއް ފެނި ނިމިއްޖެއެވެ. މިފަދައިން ދުނިޔެ ނިމުމުގެ ވަގުތު ގާތްވަމުންދާ ދަނޑިވަޅެއްގައި އަޅުގަނޑުމެންގެ ޢަމަލުތައް އިޞްލާޙުކުރުމާއި، ހެޔޮ ޢަމަލުކުރުން ގިނަ ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. އެންމެ ހިނދުކޮޅެއް ވެސް ނަގައި ނުލާށެވެ! ވަކީން ޚާއްޞަކޮށް ހެޔޮކަމުގެ މޫސުމަކާ އަޅުގަނޑުމެން ކުރިމަތިލާހިނދު، އެ މައްސަރުގެ ހެޔޮކަމުން މަޙުރޫމުވެފައިވާ މީހެއް ކަމުގައި ނުލެއްވުން އެދި ދުޢާކުރާ ޙާލު ހެޔޮ ޢަމަލުކުރުން އިތުރުކުރާށެވެ!