ބަދިގެއަށް ޗުއްޓީއެއް ދޭށެވެ!

1 މަސް ކުރިން
|
0

ކައްކާފަކައްކާފަ ކާންހަދާފަ، ކޭތަށިތައް ނަގާ، ތަށިތައް ދޮވެ އަވަދިވެގެން، ތަރާވީހަށް ދެވޭވަރުވަނީ ކިރިޔާއެވެ. މިސްކިތަށް ގޮސްފައި  އުޅެންޖެހެނީ އިމާމު މީހާގެ ކިޔެވުން ދިގުވެގެންނެވެ. ވަރުބަލިކަން މީހާގެ ޖިސްމަށް އިހުސާސްކުރެވި ލޮލުގެ މަތީބޮނޑިއަށް ބަރުވެގެން ވެއްޓެނީއެވެ.  އެ ދާގޮތަކަށް ގޮސް ތަރާވިސް ނިމެއެވެ. ގެއަށް އައިސް އަނެއްކާ ވެސް އޮންނަނީ ހާރަށް ކެއްކުމެވެ. ހާރުދަމުގައި ވެސް ބަދިގެއިން މިންޖުވެވެނީ ފަތިސް ނަމާދު ކިރިޔާ ކުރެވޭވަރަށެވެ. ކުރާނެކަމެއް ނެތެވެ. މިއީ އަޅުގަނޑުމެންގެ އާދަކާދައިގައި މިކަން އޮތްގޮތެވެ.

މިއަދު އަޅުގަނޑުމެންގެ ތެރޭ ދީނީ ހޭލުން-ތެރިކަން އިތުރުވެއްޖެއެވެ. ރޯދަމަހަކީ އަޅުކަމުގެ މައްސަރުކަން ބަޔާންކުރައްވަމުން ދީނީ ޢިލްމުވެރިން އެ ގެންދަވަނީ އެ ވާހަކަތައް ދައްކަވަމުންނެވެ. އާދަކާދައިގެ ތެރެއިން ހިފިފައިހުރި ނޭދެވޭ އެތައް ކަމެއް އަޅުގަނޑުމެން ދޫކޮށްފީމުއެވެ. ރޯދަމަހުގެ ވަގުތުތައް ބަދިގެއަށް ހުސްކޮށްލުން ވެސް މިއީ އެފަދަ ނޭދެވޭ އާދައެކެވެ. އެކަން ދޫކޮށް ބަދިގެއަށް ޗުއްޓީއެއް ދޭށެވެ!

މި ރަމަޟާންމަހަކީ ގިނަ ވަގުތު އަޅުކަމުގައި ހޭދަކުރާ މަހެއް ކަމުގައި ހެދުމަށް ކުރާން އެންމެ ރަނގަޅު ކަމަކީ ވީ ވަރަކުން ބަދިގެޔާ ބީރައްޓެހި-ވުމެވެ. ހެނދުނުގެ ވަގުތުގައި ބައެއްކަންކަން ކޮށްފައި މެންދުރުފަހުން ހުރިހައި ކަމެއް ނިންމައި އަސުރުފަހަށް މީހާ ހުސްވެވޭތޯ ބަލާށެވެ!

މި ކަމުގައި އަންހެންވެރިންނަށް އެންމެ ބޮޑު އެއްބާރުލުމެއް ދޭން ތިބި ބަޔަކީ އެ މީހުންގެ ފިރިންނެވެ. ދަރީންގެ ގާތުގައި ނަސޭހަތްތެރިވާން ޖެހޭނެ ބަޔަކީ ވެސް އެއީއެވެ. މަންމައަކީ ވެސް ﷲއަށް ޠާޢަތައިގެން އަޅުކަންކުރަން ޖެހޭ މީހެއްކަމާއި މުރާލިކަންމަތީ އަޅުކަން ކުރެވޭނީ ވަރުބަލިނުވެ ހުރުމުންކަން ދަރިންނަށް ކިޔައިދޭށެވެ. ރޯދަވީއްލާ ވަގުތަށް ނުވަތަ މުޅި ރަމަޟާންމަހަށް ވެސް ކުރިޔާ ޚިލާފަށް ކެއުން މަދުކުރަންވާނެކަން ދަރިންނަށް ކިޔައިދޭށެވެ.

ރަމަޟާންމަހުގެ މަދަރުސާއިން ދަސްކޮށްދޭ އެންމެ ބޮޑު ފިލާވަޅަކީ ކެތްތެރިކަމެވެ. އެކަން ދަސްވާނެ އެންމެ ބޮޑު ޙަރަކާތަކީ ކެއުންބުއިމުގެ ކަންކަމެވެ. ދުވާލު ނުކައިހުރި ހުރިހާ ވަގުތަކަށް ވާވަރަށް ރޯދަވީއްލާ ގަޑީގައި ކެއުމުގެ އާދަ އަޅުގަނޑުމެންގެ ކިބައިން ދުރުކުރަން ޖެހެއެވެ. ބޮޑެތި މީހުން ބުނާތީ އަޑުއަހަމެވެ. "ތިމަންނާމެން ގިނައެއްކޮށް ނުކަމެވެ. ކުޑަކުދިން ރޯދައަށް ތިބޭތީ ގިނަ ތަކެތި ހަދަން ޖެހެނީއެވެ." ޙަޤީޤަތުގައި ބަދަލުކުރަންވީ އާދައަކީ މިއީއެވެ. ކުޑަކުދިންނަށް މަދުން ކާންދިނުމުގެ އާދަ އަށަގަންނަވަންވީއެވެ.

ރޯދަވީއްލަން ހަދާ ކާނާގެ ތެރެއިން އެތައް އެއްޗެއްބާކީވެގެންއުކައިލާތީ ވެސް ފެނެއެވެ. އެއްލައިލެވޭ ކޮންމެ އެއްޗަކީ އިސްރާފުވާ ވަގުތާއި ފައިސާއެވެ.އެ ވަގުތުތައް އަޅުކަމަށް ބަދަލުކުރުމަށް ހަރުދަނާ ތާވަލެއް ހަދަންވީއެވެ. ބަދިގެއާ ދުރުވެ އަޅުކަމާ ކައިރިވާންވީއެވެ.