الحَمْدُ لِلّٰهِ وَالصَّلَاةُ وَالسَّلَامُ عَلَىٰ رَسُولِ اللهِ وَعَلَىٰ آلِهِ وَصَحْبِهِ وَسَلَّمَ
މާތްވެގެންވާ ޤުރުއާނަކީ މީސްތަކުންނަށް ސީދާވެގެންވާ ތެދުމަގު ބަޔާންކޮށްދެއްވުމަށް ޓަކައި الله تعالى ބާވައިލެއްވި އެއިލާހުގެ ކަލާމްފުޅެވެ. އެއިލާހު ވަޙީކުރެއްވިއެވެ. ﴿اللَّـهُ نَزَّلَ أَحْسَنَ الْحَدِيثِ كِتَابًا مُّتَشَابِهًا مَّثَانِيَ تَقْشَعِرُّ مِنْهُ جُلُودُ الَّذِينَ يَخْشَوْنَ رَبَّهُمْ ثُمَّ تَلِينُ جُلُودُهُمْ وَقُلُوبُهُمْ إِلَىٰ ذِكْرِ اللَّـهِ ۚ ذَٰلِكَ هُدَى اللَّـهِ يَهْدِي بِهِ مَن يَشَاءُ ۚ وَمَن يُضْلِلِ اللَّـهُ فَمَا لَهُ مِنْ هَادٍ﴾ (سورة الزمر: ٢٣) މާނައީ: "ﷲ އެންމެ ރިވެތިބަސްތައް ފޮތެއްގެ ސިފައިގައި ބާވައިލެއްވިއެވެ. (ފުރިހަމަ-ކަމުގައި) އެއްފަދަވެގެންވާ، ތަކުރާރުކޮށް ކިޔެވޭ ފޮތަކަށްވާ ޙާލުގައެވެ. އެ ފޮތް ކިޔެވޭހިނދު، އެއުރެންގެ ރައްބަށް ބިރުވެތިވާ މީހުންގެ ގައިގެ ހަންތައް ތުރުތުރު އަޅައިގެންދެއެވެ. ދެން އެއުރެންގެ ގައިގެ ހަންތަކާއި، ހިތްތައް ﷲ ހަނދުމަކުރުމަށް މަޑުމޮޅިވެދެތެވެ. އެއީ ﷲގެ ތެދުމަގެވެ. އެއިލާހު އިރާދަކުރައްވާ މީހަކަށް، އެއިން މަގުދައްކަވައެވެ. އަދި ﷲ މަގުފުރައްދަވާ މީހަކަށް، ފަހެ ތެދުމަގު ދައްކާނޭ ހަމަ އެކަކުވެސް ނުވެއެވެ."
ހަމަކަށަވަރުން މަތިވެރިވެގެންވާ ޤުރުއާނަކީ الله تعالىގެ ބަޔާންވެގެންވާ ފޮތެވެ. އެ ފޮތުގެ ކުރިމައްޗަކުން ވެސް އަދި އޭގެ ފަހަތަކުން ވެސް އެ ފޮތަކަށް ބާޠިލުކަމެއް ނާންނާނެއެވެ. އެ ފޮތަކީ ޙަމްދު ލިބިވޮޑިގެންވާ ޙަކީމުވަންތަ އިލާހުގެ ޙަޟްރަތުން ބާވައިލެއްވި ފޮތެވެ. އެއީ ބަރަކާތްތެރި ފޮތެކެވެ. الله تعالى ވަނީ ކީރިތި ޤުރުއާނަށް އިޖާބަދޭ މީހުންނަށް ހުރި ދިރުމެއް ކަމުގައި އެ ފޮތް ލައްވައިފައެވެ. އަދި އެއީ މުޅި އިސްލާމީ އުންމަތަށް ހުރި ޝަރަފެކެވެ. އޭގައި ވަރުގަދައަށް ހިފަހައްޓައިފި މީހަކު ދުވަހަކު ވެސް މަގުފުރެދިގެން ނުދާނެއެވެ.
ފަހެ ކީރިތި ޤުރުއާން މަގުދައްކަނީ ސީދާވެގެންވާ ތެދުމަގަށެވެ. އަދި އެއީ ހިދާޔަތުގެ އަލިގަދަ ނޫރެކެވެ. الله تعالى ވަޙީކުރެއްވިއެވެ. ﴿وَأَنزَلْنَا إِلَيْكُمْ نُورًا مُّبِينًا﴾ (سورة النساء: ١٧٤) މާނައީ: "އަދި ފާޅުވެ ބަޔާންވެގެންވާ ނޫރެއް ތިޔަބައިމީހުންނަށް ތިމަންއިލާހު ބާވައިލެއްވީމެވެ."
އަދި ޤުރުއާން އޭގެ އަހުލުވެރިންނަށް ޤިޔާމަތްދުވަހުން ޝަފާޢަތްތެރިވާނެއެވެ. ފަހެ މިއީ ކިހާބޮޑު ފަޚުރެއް ހެއްޔެވެ! ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވައިފައި ވެއެވެ. «اقْرَءُوا الْقُرْآنَ فَإِنَّهُ يَأْتِي يَوْمَ الْقِيَامَةِ شَفِيعًا لِأَصْحَابِهِ» (رواه مسلم) މާނައީ: "ތިޔަބައިމީހުން ޤުރުއާން ކިޔަވާށެވެ. ފަހެ ހަމަކަށަވަރުން ޤިޔާމަތްދުވަހުން ޤުރުއާން އޭގެ އަހުލުވެރިންނަށް (އެ ކިޔަވާ، ދަސްކޮށް އެއަށް ޢަމަލުކުރާ މީހުންނަށް) ޝަފާޢަތްތެރިވުމަށް އަންނާނެއެވެ."
ޤުރުއާނުގެ ނިޢުމަތަކީ الله سبحانه وتعالىމުއުމިނުންނަށް ދެއްވައިފައިވާ ވަރަށް ވެސް މަތިވެރި ނިޢުމަތެކެވެ. އަދި ހަމަ އެފަދައިން ޤުރުއާން ތިލާވަތުކުރުމަކީ ދުނިޔޭގައި ވޭތުކުރަމުން މި ދާ މަދު ދުވަސްތަކުގައި ހެޔޮ ޢަމަލުތައް އިތުރުކޮށް، ހެޔޮ ޢަމަލުގެ ތިލަފަތް ބަރުކުރުމަށް ލިބޭ ރަނުގެ ފުރުޞަތެކެވެ. މި ފެށޭ ރަމަޟާންމަހަކީ އެ ކަމަށް ތަނަވަސް ވެގެން އަންނަ އެންމެ ފަހި ފުރުޞަތު ނޫންތޯއެވެ؟ ޤުރުއާނުގައި ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން ހޯދޭނެ މަގު ވަނީ ބަޔާންކޮށް-ދެއްވައިފައެވެ. އަދި ޤުރުއާނުގެ ތަފްސީރު އުނގެނި އޭގައި ވާގޮތަށް ޢަމަލުކުރުމަކީ ބާއްޖަވެރި ޙަޔާތެއް ހޯދުމަށް ކޮންމެހެން ވެސް ކުރަންޖެހޭ ކަމެކެވެ. ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ކީރިތި ޤުރުއާނަށް އޭގެ ޙައްޤު ޤަދަރު ދޭށެވެ.