ދޮގުހެދުމުގެ ނުބައިކަން

8 މަސް ކުރިން
|
0

މި އުންމަތަކީ އެންމެ ފަހުގެ އުންމަތެވެ.  މި އުންމަތުގެ ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ އަކީ އެންމެ ފަހުގެ ނަބިއްޔާއެވެ. އެކަލޭގެފާނު ނަބީކަމައިގެން ފޮނުއްވެވުމަކީ ވެސް ޤިޔާމަތުގެ ޢަލާމާތެކެވެ. ޤިޔާމަތުގެ ކުދި ޢަލާމަތްތަކާއި ބޮޑެތި ޢަލާމަތްތައް ހުރެއެވެ. އިސްލާމްދީނުގައި އެ ކަންކަން ވަނީ ވަރަށް ސާފުކޮށް ބަޔާންކޮށްދެއްވައިފައެވެ.

ޤިޔާމަތް ކައިރިވުމުގެ ވަގުތު ޖެހުމުން ފާޅުވާ ކުދި ޢަލާމާތްތަކުގެ ތެރޭގައި، ދޮގާއި މަކާރާއި ހީލަތް އާންމުވުން ހިމެނެއެވެ. މިއަދު އަޅުގަނޑުމެންނަށް ފެންނަމުން މި ދަނީ ވެސް އެފަދަ ދުވަސްތަކެކެވެ.

ބަސްބުނުމުގެ މިނިވަންކަން އިންތިހާއަށް ގޮސްވައިވާ ދުސްވަރެކެވެ. އެ މީހަކު ހިތުހުރި އެއްޗެއް، އެ މީހަކު އެދޭހައި ގޮތަކަށް ކިޔައި ގޮވަނީއެވެ. ދޮގެއްތެދެއް ބެލުމެއްނެތި، ހިތަށްއެރި ކޮންމެ ވާހަކައެއް، ދާދި ފަސޭހަކަމާ އެކު ބުނެލާފައި ދޫކޮށްލަނީއެވެ. ވަކިން ޚާއްޞަކޮށް، މުވާސަލާތުގެ ވަޞީލަތްތައް ކުރިއަރާފައިވާ މިފަދަ ޒަމާނެއްގައި، އިޖްތިމާޢީ ވިއުގަތަކުގެ ތެރޭގައި ކޮންމެ މީހަކު ބޭނުން ކޮންމެ އެއްޗެއް ބުނުމުގެ ފުރުޞަތު މި ވަނީ ފަހިވެފައެވެ.

ދޮގުވެރީންނަށް ދުނިޔެ މަތީގައި ޢުޤޫބާތުގެ ގޮތުން ކުރިމަތިވާ އެތައް ކަމެއް ޢިލްމުވެރިން ބަޔާންކުރައްވައިފައި ވެއެވެ. އޭގެ ތެރޭގައި؛

އެކެއް: ދޮގުވެރީންނަށް ނަފުސުގެ ރާހަތު ލިބުމެއް ނުވެއެވެ. އެބައިމީހުންވަނީ ހިތްހަމަ ޖެހުމުން މަޙުރޫމުވެފައެވެ. ކީރިތި ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ. «دَعْ مَا يَرِيبُكَ إِلَى مَا لَا يَرِيبُكَ، فَإِنَّ الصِّدْقَ طُمَأْنِينَةٌ، وَإِنَّ الكَذِبَ رِيبَةٌ» )رواه النسائي والترمذي( މާނައީ: "ކަންކަމުގައި ތިބާއަށް ޝައްކުވާ ކަންތައްތައް ދޫކޮށްލައި، ޝައްކުނުވާ ކަންކަމުގައި ހިފާށެވެ! ހަމަކަށަވަރުން، ތެދުވެރިކަމަކީ ހިތް ހަމަޖެހުމެކެވެ. އަދި ދޮގަކީ ޝައްކުއުފެދޭ ކަމެކެވެ."

ދޭއް: ދޮގުގެ ސަބަބުން ހިތުގެ ބަލިމަޑުކަން-ޖެހެއެވެ. ހިތުގެ ބަލިމަޑުކަން ޖެހިފައިވާ މީހަކަށް ހަމަޖެހުމެއް ނުލިބޭނެއެވެ.

ތިނެއް: ދޮގުވެރިކަމަކީ ރިޒުޤު ބަންދުވާ ކަމެކެވެ. އަދި ރޯދިބަރަކާތް އުނިވާ ކަމެކެވެ. ބައެއް ރިވާޔަތްތަކުގައި ވެއެވެ. މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ އުމުރު ދިގުކުރައްވާ ކަމެކެވެ. އަދި ދޮގަކީ ރިޒުޤު އުނިކުރައްވާ ކަމެކެވެ. ދޮގާއި މަކަރާއި ހީލަތުގެ ސަބަބުން ބަރަކާތް ނެތިދެއެވެ. ވިޔަފާރީގައި އޮޅުވައިލައި ދޮގުހަދާ މީހާގެ ބަރަކާތް ކެނޑިދެއެވެ. އެ މީހުންގެ އަތުގައި ހުރި މުދަލާއި ފައިސާ ކިތަންމެ ގިނަޔަސް، އެ ތަކެތީގައި ބަރަކާތެއް ނުހުރެއެވެ. އެކަމުގެ ސަބަބުން އެ މުދަލުން އޭނާއަށް ލިބޭ ހިތް ހަމަޖެހުމެއް ނޯވެއެވެ. އަދި އެ މުދަލުގެ މަންފާ ވެސް މަދެވެ.

ހަތަރެއް: ދޮގުވެރިކަމަކީ މީސްތަކުންގެ ނަފުރަތު ލިބޭ ކަމެކެވެ. ދޮގު ހެދުމުގައި ދެމިހުރެއްޖެ މީހާއަށް ދޮގުވެރިކަމުގެ ލަޤަބު ލިބި، މީސްތަކުންގެ ކުރިމަތީ އޭނާގެ އަގުވެއްޓެއެވެ. އޭނާގެ ބަސް ޤަބޫލު ނުކުރެވޭ މީހެއް ކަމުގައި ވެދެއެވެ.

ފަހެއް: ދޮގުވެރިކަމަކީ ހިދާޔަތުން މަޙުރޫމު ކުރުވާ ކަމެކެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ﴿إِنَّ اللَّهَ لَا يَهْدِي مَنْ هُوَ مُسْرِفٌ كَذَّابٌ﴾ ‎(غافر: ٢٨)‏ މާނައީ: "ހަމަކަށަވަރުން، އިސްރާފުކުރާ ބޮޑުދޮގުވެރިއެއް ކަމުގައިވާ މީހަކަށް، ﷲ ތެދުމަގެއް ނުދައްކަވާނެތެވެ."

ދޮގުވެރިކަމާއި، އެނޫން ފާފަތަކުގެ އެންމެ ބޮޑު ޢުޤޫބާތަކީ، ދުނިޔެ މަތީގައި އެ މީހަކަށް ނުބައި ކަންކަން ޒީނަތްތެރިކޮށްދެއްވުމެވެ. އެފަދަ މީހަކަށް ނުބައި ޢަމަލުތައް ފެންނާނީ ހެޔޮ ގޮތުގައެވެ.