އެންމެ ރަނގަޅު ރޫޓު

8 މަސް ކުރިން
|
0

بِسْمِ اللهِ، والْحَمْدُ للهِ، الصَّلَاةُ وَالسَّلَامُ عَلَى رَسُوْلِ اللهِ، وَعَلَى اٰلِهِ وَصَحْبِهِ وَمَنْ وَالَاهُ

މަންޒިލަކަށް ދަތުރުކުރަން ބޭނުންވާ މީހާ އެ މަންޒިލަށް ދެވޭނެ އެންމެ ރަނގަޅު މަގު ހޯދައެވެ. އެއް ގޮތަކީ އަމިއްލަ ނަފުސު ބުނާ މަގަކުން އެ މަންޒިލަށް ދިއުމެވެ. އަނެއް ގޮތަކީ މި ޒަމާނުގައި ކޮންމެވެސް އެޕްލިކޭޝަނެއް ބޭނުންކޮށްގެން އެ މަންޒިލަށް ދެވޭނެ އެންމެ ރަނގަޅު އަދި ފަސޭހަ ރޫޓު ހޯދުމެވެ. މި ގޮތަށް ރޫޓު ހޯދާއިރު އެޕްލިކޭޝަންތަކުން އެކިއެކި ރޫޓުތައް ދައްކައެވެ. މަންޒިލަށް ދިއުމަށް ފަސޭހަ އަދި އަވަސް މަގުތަކާއި އުނދަގޫ އަދި ދުރު މަގުތަކެވެ. އެއަށްފަހު ރޫޓެއް ޚިޔާރުކުރަން އަހައެވެ. ދެން އެ މަގު ޚިޔާރުކުރާނީ އެ މީހަކު އަމިއްލައަށެވެ.

الله سبحانه وتعالى އިންސާނުން ދުނިޔެއަށް ފޮނުއްވަވައި 2 މަންޒިލެއް އިޚްތިޔާރުކުރުމުގެ ފުރުޞަތު ކޮންމެ މީހަކަށް ވެސް ދެއްވިއެވެ. އެއް މަންޒިލަކީ ސުވަރުގެއެވެ. އަނެއް މަންޒިލަކީ ނަރަކައެވެ. ސިރާތުމަގުން ގޮސް ފަސޭހަކަމާ އެކު ސުވަރުގެ ދިއުމަށް އެދޭ މީހާއަށް އޮތީ ކީރިތި ޤުރްއާނާއި އެ ޤުރްއާނުގެ މެސެޖު ފޯރުކޮށްދެއްވުމަށް މާތް الله ފޮނުއްވެވި ރަސޫލާ މުޙައްމަދު صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ގެނެސްދެއްވި މަގެވެ.

އެކަލޭގެފާނުގެ ސުންނަތުގައި ވާ ގޮތަށް، އެ މަގުން ހިނގައިފި މީހަކަށް ސުވަރުގެ ދިއުމަށް ފަސޭހައެވެ. ދީނުގެ ކަންކަން ވަނީ ބަޔާންވެ ނިމިފައެވެ. އެއީ އެކަލޭގެފާނުގެ ޞަޙާބީންނާއި، ތާބިޢީންނާއި، ސަލަފުއްޞާލިޙުންގެ މަގެވެ. އެކަލޭގެފާނު ޙަދީޘް ކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އެންމެ ހެޔޮ ޤަރުނުގެ މީހުންނަކީ ތިމަންކަލޭގެފާނު އުޅުއްވި ޤަރުނުގެ މީހުންނެވެ. ދެން އެއާ ޖެހުނު ޤަރުނުގެ މީހުންނެވެ. ދެން އެއާ ޖެހުނު ޤަރުނުގެ މީހުންނެވެ." [صحيح البخاري]

 ސަލަފުއްޞާލިޙުން ހިންގެވި ސާފު މަގު ޤަބޫލުނުކޮށް، ދީނުގެ ޙުކުމްތަކަށް ބުއްދިން ރައްދުދީ، އޮޅުވާލަން މަސައްކަތްކުރާ މީހުން ވެސް އަޅުގަނޑުމެންނަށް ފެނެއެވެ. އެ މީހުންގެ މަގަކީ ނުބައި، ނުރައްކާތެރި މަގެކެވެ. ދީނުގެ މަފްހޫމްތައް އޮޅުވާލާ ބަދަލުކޮށްލާ މީހުންގެ ރޫޓަކީ ނުރައްކާތެރި ރޫޓެކެވެ. އެ ރޫޓުން ދާން ބޭނުންވާ ނަމަ އުޚްރަވީ ޙަޔާތުގައި އަޅުގަނޑުމެން ދާންބޭނުންވާ މަންޒިލް ނޫން އެހެން މަންޒިލަކަށް ދެވުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ.

އެހެން ކަމުން އަޅުގަނޑުމެންގެ ބުއްދިއާއި ވަހުމުތަކާއި ހަވާނަފުސުގެ ގޮވުންތަކަށްވުރެ ބޮޑަށް އިސްކަންދޭންވީ އިހުއުޅުއްވި މާތް ބޭކަލުންގެ ބަސްފުޅުތަކާއި ޢަމަލުފުޅުތަކަށެވެ. ދުނިޔެ އާރާސްތުކުރަން ނުވަތަ ދިރިއުޅުން ފަސޭހަކުރުމަށް ފަތުވާ ހޯދަން ދާ ބަޔަކަށް އަޅުގަނޑުމެން ވެގެން ނުވާނެވެ. އަދި ދީނުގެ މަފްހޫމުތައް އެކި ގޮތްގޮތަށް އަނބުރާލާ މީހުންގެ ބަހަށް ހެއްލޭ ބަޔަކަށް ވެސް ވެގެން ނުވާނެއެވެ. އެއީ މި ވަޤުތީ ދުނިޔޭގެ ފައިދާއަށް ޓަކައި އާޚިރަތް ހަނދާންނައްތައިލުމެވެ. އެއީ ބުއްދިވެރިއަކު ކަންކުރާނެ ގޮތެއް ނޫނެވެ. ބުއްދިވެރިއަކީ މި ވަޤުތީ ޙަޔާތުގައި މާތް الله އަށް ކުއްތަންވުމުގައި ކެތްތެރިކަމާއިއެކު ސާބިތުވާމީހާއެވެ. 

ރަސޫލާ މުޙައްމަދު صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ފަހެ ތިމަންކަލޭގެފާނުގެ ސުންނަތާއި، ތެދުމަގު ލިބިވަޑައިގެން ތިއްބެވި ޚަލީފާވެރި ބޭކަލުންގެ ގޮތުގައި، ތިޔަބައިމީހުންގެ ކޮލުދަތްތަކުން ހިފަހައްޓާށެވެ. (އެބަހީ: ވަރުގަދައަށް ހިފަހައްޓާށެވެ.)" [رواهُ أحمد]

އެހެންކަމުން ކާމިޔާބު ލިބެން އޮތް ރޫޓަކީ، ސަލަފުއްޞާލިޙުންގެ މަގެވެ. އެބޭކަލުންގެ ޢަޤީދާއާއި ބަސްފުޅުތަކާއި ޢަމަލުފުޅުތަކަށް ތަބާވުން އެއީ އަޅުގަނޑުމެންނަށް އޮތް ހަމައެކަނި މަގެވެ.