ސޯޝަލް މީޑިޔާއިން ފެނުނު މަންޒަރަކުން ގައިން ހީބިހި ނަގައިގެން ދިޔައެވެ. އަޅުގަނޑުމެންގެ އަވަށްޓެރި އިންޑިޔާގައި ކުރިޔަށްދިޔަ ކައިވެނީގެ ހަފްލާއެއްގައި ސްޓޭޖެއްމަތީ ނަށަން ހުރި އަންހެނަކު އެކަމުގެ ތެރޭގައި ހުއްޓާ މަރުވެގެން ވެއްޓުނު މަންޒަރެވެ.
ކޮންމެ މަރަކީ ވެސް ދިރިތިބީންނަށް އެތަކެއް ފިލާވަޅު ލިބިދެނިވި އެއްޗެކެވެ. އެކުވެރީންނާއި ގާތްތިމާގެ މީހުންނާ ވަކިކޮށްލާ އެއްޗެކެވެ. މަރަކީ ލައްޒަތުތައް ނެތިކޮށްލާ އެއްޗެކެވެ. މަރަކީ ކުރިޔަށް އޮތް ދަތުރުގެ މަތީން ހަދާންކޮށްދޭ އެއްޗެއް ކަމުގައި ފުދެއެވެ. މަރަކީ ވަކި އުމުރެއް ވަކި ޖިންސެއް ތަފާތުކުރާ އެއްޗެއް ނޫނެވެ. ހަމަކޮށްމެ ތަނެއްގައި ހުއްޓާ ވެސް މަރު އައިސް ބައްދަލުކޮށްފާނެއެވެ. މަރަކީ މުޞީބާތެއް ކަމުގައި ސިފަކުރައްވަމުން الله تعالى ވަޙީކުރައްވައިފައި ވަނީ ﴿فَأَصَابَتْكُمْ مُصِيبَةُ الْمَوْتِ﴾ (المائدة: ١٠٦) މާނައީ: "މަރުގެ މުޞީބާތް ތިޔަބައިމީހުންނަށް ޖެހިއްޖެނަމަ" މިފަދައިންނެވެ.
ކުއްލި މަރު އިތުރުވުމަކީ ޤިޔާމަތުގެ ޢަލާމާތްތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ. ކުއްލިއަކަށް މަރުވެގެން ދަނީ ކިތައް މީހުން ހެއްޔެވެ؟ ފުޓުބޯޅަ ކުޅެން ހުއްޓާ ދަނޑު މައްޗަށް މަރުވެގެން ވެއްޓިފައިވާ ބައެއް މީހުންގެ ޚަބަރު އަޅުގަނޑުމެންގެ މުޖުތަމަޢުގައި ވެސް އަޑުއަހައިފީމުއެވެ. މަރާމެދު ޣާފިލުވުމަކީ މުސްލިމަކަށް އެކަށީގެންވާ ކަމެއް ނޫނެވެ.
މަޝްހޫރު ތާބިޢީ އަލްފުޟައިލް ބުނު ޢިޔާޟު رحمه الله ވިދާޅުވާ ކަމުގައި ވެއެވެ. "ﷲ ދެކެވާ ލޯބި، ލޯތްބެތް ކަމުގައި ފުދެއެވެ. އަދި އެކަނިވެރިކަން ފިލުވައިދޭ ފަރާތެއް ކަމުގައި ކީރިތި ޤުރްއާން ފުދެއެވެ. އަދި ނަޞޭޙަތެއް ކަމުގައި މަރު ފުދެއެވެ. މާތް ﷲއަށް ބިރުވެތިވުން ޢިލްމެއްގެ ގޮތުގައި ފުދެއެވެ. އަދި އެކަމާމެދު ޣާފިލުވުމަކީ ޖާހިލު ކަމެއް ކަމުގައި ފުދެއެވެ." (الجامع لشعب الإيمان لبيهقي 2/32)
އަލްޤުރްޠުބީ رحمه الله އެކަލޭގެފާނުގެ التذكرةއެވެ ކިޔުނު ފޮތުގައި ރިވާކުރައްވައިފައި ވެއެވެ. "ބައެއް ޒުހުދުވެރިންނަށް ބުނެވުނެވެ. އެންމެ ފުރިހަމަ ނަޞޭޙަތަކީ ކޮބައިހެއްޔެވެ؟ އޭނާ ބުންޏެވެ. "މައްޔިތުންނަށް ބެލުމެވެ." ތެދެކެވެ! މައްޔިތަކު ފެނިފައި އަސަރު ނުކުރާ ހިތެކޭ މަރުވެފައިވާ ހިތެކޭ އެއްފަދައެވެ.
ޢުމަރު ބުނު ޢަބްދުލް ޢަޒީރު رحمه اللهގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު އަބޫ ޙާޒިމް (رحمه الله)އަށް ދެންނެވިއެވެ. "އަހުރެންނަށް ހެޔޮކަމަކަށް ވަޞިއްޔަތް ކޮށްދެއްވާށެވެ! އެހިނދު ވިދާޅުވިއެވެ. "ތިބާ އޮށޯންނާށެވެ! އަދި ތިބާގެ ބޯލާކޮޅުގައި މަރު ހުއްޓި ހުރިކަމުގައި ބަލާށެވެ. އެ ވަގުތުގައި ތިބާގެ ކިބައިގައި ހުރުމަށް އެދޭ ކަމެއް ވިއްޔާ ތިބާ މިހާރުންސުރެ އެ ކަމެއްގައި ހިފާށެވެ. އެ ވަގުތު ތިބާގެ ކިބައިގައި ހުރުމަށް ނޭދޭ ކަމެއް ވިއްޔާ މިހާރުންސުރެ އެ ކަމަކުން ދުރުހެލިވާށެވެ."
އަދިވެސް އަބޫ ޙާޒިމު رحمه اللهގެ އަރިހުން ރިވާވެގެންވެއެވެ. "ތިބާ އެކަމަކާ ހުރެ މަރުވުމަށް ބިރުގަންނަ ކޮންމެ ކަމެއް ދޫކޮށްލާށެވެ. އެއިރުން ކޮންމެ އިރަކު ތިބާ މަރުވި ކަމުގައި ވިޔަސް ތިބާއަކަށް ގެއްލުމެއް ނެތެވެ."
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު