ތިބާގެ ނަން، އުޑުގައި ކިހާ މަޝްހޫރުހެއްޔެވެ؟

8 މަސް ކުރިން
|
0

ބިމުގެ އަހުލުން ގާތުގައި މަޝްހޫރުކަން ކުރިޔަށް އަރައި އެންމެން ދަންނަ މީހެއް ކަމުގައި ދުނިޔޭގައި އުޅޭ އެތައް ބަޔަކީ އުޑުގެ އަހުލުވެރިންގެ ގާތުގައި މީހަކަށް ނުވެދާނެއެވެ. އިލާހީ ދަރުބާރުގައި ތިބާގެ ނަން ޒިކުރުވަމުން ދާ ގޮތާ މެދު ވިސްނައިލިން ހެއްޔެވެ.

ދަންނާށެވެ! އިންސާނުންނަކީ މާތް ﷲ އެންމެ ކަރާމާތްތެރި ކުރެއްވި މަޚްލޫޤެވެ. އެހެން ހުރިހާ ޚަލްޤުތަކުންގެ މައްޗަށް މަޤާމު އުފުއްލެވީ އޭނާއަށް ބުއްދިއެއް ދެއްވައިގެންނެވެ. ހެޔޮނުބައި ވަކިކޮށް ދެނެގަތުމުގެ ބާރު ދެއްވައިގެންނެވެ. އެނގުމާއި ފަހުމުވުން ބުއްދީގައި ލައްވަވައިފައިމެ ކަންކަމުގައި ގޮތް ނިންމާ އިޚްތިޔާރުކުރުމުގެ ޤާބިލުކަން އޭނާގެ ހިތުގައި ލައްވައިފައި ވެއެވެ.

އިޚްތިޔާރުކުރީ ކޮން ކަމެއްތޯ؟ ކައިރިނުވެ ދުރަށް ގޮސް، ދޫކޮށްލީ ކޮން ކަމެއްތޯ؟ ބަލައިލުން މުހިންމެވެ. ފެންނަތަނުގައި މަޤްބޫލު ހުރިހާ ކަމަކީ އޭގެ ފައިދާ ދެ ދުނިޔޭގައި ނުލިބި ދާނޭ ކަމެކެވެ. ދެ ދުނިޔޭގެ މަންފާއާއި ކާމިޔާބު ލިބޭ ޢަމަލުތަކަކީ ކުރުން އެންމެ މޮޅު ޢަމަލުތަކެވެ. އާޚިރަތުން އެއްޗެއް ނުގެއްލޭ ގޮތަށް މި ދުނިޔޭގެ ފައިދާ ލިބުމަކީ މައްސަލައެއް ނޫނެވެ. އެހެނަސް މި ދުނިޔޭގައި މަންފާއާއި ލާބަޔާއި ކާމިޔާބަށްފަހު އާޚިރަތުގެ ހަލާކަށް ހުށަހޮޅިދާނެ ކޮންމެ ކަމަކީ  އިންސާނާއަށް ލިބޭ ގެއްލުމެކެވެ. އަދި އެއަށްވުރެ ވެސް ދެރަކަން ބޮޑު ގޮތަކީ މި ދުނިޔެއިން ވެސް ގެއްލި ގޮސް އާޚިރަތުން ވެސް ގެއްލި ދިޔުމެވެ.

މި ދުނިޔޭގައި އިންސާނުން ލައްވައިފައިވަނީ މަޝްހޫރުކަމާއި މޮޅުކަން ހޯދާކަށް ނޫނެވެ. ދުނިޔޭގެ ޙަޔާތް އިންސާނުންނަށް ދެއްވީ އާޚިރަތަށް ޓަކައި ދަނޑުގޮވާންކުރާށެވެ. ގޮވާމުގެ މޭވާ ކަނޑާ ދުވަހު އޭގެ ހިސާބުކުރައްވާނީ ރަޙުމާނުވަންތަ އިލާހުގެ އަމުރުފުޅަށް މަލާއިކަތުންނެވެ. އެ ދުވަހު ތިބާއަށް ދުނިޔޭގައި ލިބުނު މަޝްހޫރުކަމުން ކުރާނެ އެއްވެސް ފައިދާއެއް ނުވަތަ ލިބޭނެ އެއްވެސް ގެއްލުމެއް ނޯންނާނެއެވެ. ތިބާގެ ޢަމަލުތައް ވަޒަންކުރުމުގައި ޢަދުލުވެރި ޙުކުމުން ނިޔާކަނޑައެޅޭނެއެވެ.

އިންސާނާ އޭނާގެ ދަންފަޅި ހަމަކޮށް މި ދުނިޔެއިން ނުކުންނަންޖެހޭ ދުވަހު، އޭނާގެ ފުރާނަ ބަލައި ވަޑައިގަންނަވާ މަލާއިކަތުން ގެންނަވާ ކަފުނަކީ އޭނާގެ ޢަމަލުތަކާ މުނާސަބު ކަފުނެކެވެ. އުޑުގެ އަހުލުވެރިންގެ ތެރޭ އޭނާ މަޝްހޫރުވެފައި އޮތް ގޮތުގެ މަތިން އޭނާއާމެދު ކަންތައް ކުރެވެމުން ދާނެއެވެ. ހެޔޮ ޢަމަލުކޮށް އުޅުނު ޞާލިޙު އަޅުންގެ ފުރާނަ އުފުލުމަށް މީރު ވަސްދުވާ ރީތި ކަފުނެކެވެ. ނުބައި ޢަމަލުތަކުގެ އަހުލުވެރިންނަށް ނުބައި ވަސްދުވާ ހުތުރު ކަފުނެކެވެ.

އުޑުގައި ތިބާގެ ނަން މަޝްހޫރުވެފައި އޮތް ޢަމަލަކާ އެއްގޮތަށް ތިބާއާ މުޚާޠަބުވަމުން ދާނެއެވެ. ހެޔޮ މީހުންނަށް ގޮވާނީ އެންމެ ރިވެތި ނަމުންނެވެ. ނުބައިޢަމަލުތަކުގެ އަހުލުވެރިންނަށް ގޮވާނީ އެންމެ ނުބައިހުތުރުނަންނަމުންނެވެ.ތިބާގެނަން އުޑުގައި މަޝްހޫރުވޭތޯކުރާންހުރިމަސައްކަތްފަށައިގަންނާން އަދިވެސް ނުވޭހެއްޔެވެ؟