ފަޖްރު ސޫރަތަކީ ކީރިތި ޤުރުއާނުގެ 89 ވަނަ ސޫރަތެވެ. މިއީ މައްކީ ސޫރަތެކެވެ. މި ސޫރަތުގައި އޮތީ 30 އާޔަތެވެ. 139 ލަފުޒެވެ. އަދި 584 އަކުރެވެ.
މި ސޫރަތުން ކިޔައިދެނީ އިންސީންނާ ކާއިނާތާ އޮތް ގުޅުމެވެ. އިންސާނީ ޙަޔާތާއި އެ ޙަޔާތުގެ ދަތުރުގެ ކުރުކަމެވެ. ކުރިން އުޅުނު އިންސާނުންގެ ތެރޭ ހެއްދެވި ފަރާތަށް އުރެދުނު ބަޔަކު ތިބި ކަމެވެ. އެއީ އާރާއި ބާރުގެ ގޮތުން މިހާރުގެ މީހުންނަށްވުރެ އެތައް ގުނައެއް މޮޅު ބައެއް ކަމެވެ. އެހެނަސް އެ މީހުންގެ ނިމުން އެ މީހުންނާ ބައްދަލުކުރި ހިތި ގޮތުގެ ވާހަކައެވެ. އެވެރިންގެ އާރާއި ބާރު އިލާހުވަންތަ ރައްބުގެ ކޯފާއިން އެވެރިން ސަލާމަތް ނުކުރި ކަމެވެ.
އުރެދުންތެރިންގެ އުރެދުން އެކަލާނގެ ބައްލަވައި ވޮޑިގެންވާ ކަމެވެ. އެހެނަސް އެއްބައެއްގެ ވިޔާނުދާ ޢަމަލުގެ ސަބަބުން އަނެއްބަޔަކު އެކަލާނގެ ރަޙުމަތުން ބޭރުނުވާހުށި ކަމާއި، ދުނިޔެއަށް ފޮނުއްވާ ކޮންމެ އިންސިއަކަށް އޭނާގެ ރިޒްޤު ފުރިހަމައަށް ދެއްވާނެ ކަމެވެ. އޭނާގެ ދިރިއުޅުމަށް ﷲ ދެއްވާ ނިޢުމަތްތަކާއި، ބައެއް ފަހަރު ނުދެއްވާ ހިފަހައްޓަވާ ނިޢުމަތްތަކުގެ ވާހަކައެވެ. ނިޢުމަތެއް ދެއްވައިފި ހިނދު އޭނާގެ ބޮޑާކަން އިތުރުވެ ގޮސް، ދެއްވިފަރާތް ހަނދުމަ ނެތޭ ހިސާބަށް ދާކަމެވެ. އަދި ނިޢުމަތެއް ހިފަހައްޓަވާ ކޮންމެ ފަހަރަކު، ރައްބަށް އިހާނެތި ބަސްތައް ރައްދުކުރެވޭ ވާހަކައެވެ. އޭނާއަށް ނިޢުމަތެއް ދެއްވާހިނދު އޭގެ ޙައްޤުވެރިންނަށް ހޭދަކުރުމުން އޭނާ މަނާވެގަތް ވާހަކައެވެ.
ޔަތީމުންނަށް އިހާނެތިކޮށް ހިތި ވާހަކައެވެ. މިސްކީނުންނަށް ކާންދިނުމަށް ހިތްވަރު ނުދިނުމެވެ. ވާރުތަވެރިންގެ މުދާ ނުހައްގުން ކައި އުޅުނު އުޅުމެވެ. އެއީ އޭނާގެ ކިބައިގައި މުދަލަށް އޮންނަ ތަބީޢީ ލޯތްބެއްގެ ސަބަބުން ހިނގައިގަންނަ ޖަޒުބާތެއް ކަމުގެ ވާހަކައެވެ. އޭގެ މައްޗަށް އޭނާ ގަދަވެ ނުގަންނަ ކަމާއި ވަރުގަދަ ލޯތްބަކުން މުދާ ދެކެ ލޯބިވާކަމުގެ ހެއްކެވެ.
ޝުކުރުކުރި މީހުން ޝުކުރުކޮށް އުޅުނަސް ދެއްވި ތަކެތީގެ މައްޗަށް ގިނަ މީހުން ބޮޑާވެ ކިބުރުވެރިވަމުން ދާ ވާހަކައެވެ. މި ދެ ޙާލަތުގައި އުޅޭ ކޮންމެ އިންސާނަކު ވެސް ޙަޔާތުގެ ދަތުރު ނިންމައި އާޚިރު މަންޒިލަށް ފޯރާނެކަމެވެ. އޭނާގެ ނިމުން އަންނާނެ ކަމެވެ. އެ މަގުން ގޮސް މުޅި ދުނިޔެ ވެސް ނިމިދާނެ ކަމެވެ. އެ ނިމުން އަންނަ ބިރުވެރި ގޮތުގެ ވާހަކަތަކެވެ. ބިންގަޑު ފުނޑުފުނޑުވެ ކުނޑިކުނޑިވެ ހިނގައިދާ ގޮތެވެ. ރައްބުލް ކާއިނާތުގެ އަމުރު ފުޅައިގެން މަލާއިކަތުން ބިމަށް ފައިބައިވަޑައިގެން، ހިންގަވަންޖެހޭ ފައިސަލާތައް ހިންގަވާ ވާހަކައެވެ. ނަރަކަ ގެނެވޭ ވާހަކައާއި މި ހިސާބަށް ކަންކަން ދާއިރު އިންސާނާއަށްކުރާނެއެއްވެސްފައިދާއެއްއޮންނާނެތޯ އެ ސޫރަތުގައި ސުވާލު ކުރައްވާ ކުރެއްވުމެވެ.
ނިޢުމަތްތަކަށް އުރެދި، ކިބުރުވެރިވެ، ނިކަމެތިންނާއި ޔަތީމުންނަށް ދެރަގޮތް ހެދި މީހުންނަށް، އެނޫން އެކަކަށް ވެސް ނުދެއްވާ ވަރުގެ ގަދަފަދަ އަޒާބު ދެއްވާނޭ ކަމާއި، އެހެން މީހުން ހައްޔަރުކުރާ ގޮތަށްވުރެ ވޭންހުރި ގޮތަކަށް އޭނާ ހައްޔަރުކުރައްވާނޭ ވާހަކައެވެ.
އަދި އެ ދުވަހުން ހިތްހަމަޖެހިގެން މުތުމައިންނު ވެގެންވާ ނަފުސު ތަކެއް ވެސް ވާނޭކަމާއި އެ ނަފުސުތަކަށް އޯގާވަންތަ އިލާހު ދެއްވާ ރުހުމުގެ ދައުވަތެވެ. ރުހުން ލިބިގެންވާ ޙާލު އެބައިމީހުންގެ ވެރިރައްބުގެ ޙަޟްރަތަށް އައުމަށް ގޮވައިލެވޭ ގޮވައިލުމެވެ. ރަޙުމާނުވަންތަ އިލާހަށް އަޅުކަންކޮށް ޖަންނަތުގެ ނިޢުމަތް ހާސިލުކުރި އަޅުތަކުންގެ ތެރެއަށް ސުވަރުގެއަށް ވައްދަވާ ވެއްދެވުމެވެ.
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު