ކުނި މެނޭޖްކުރާ މަރުކަޒުތައް 4 ރަށެއްގައި އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކޮށްފި

ކުނި މެނޭޖްކުރާ މަރުކަޒުތައް 4 ރަށެއްގައި އިމާރާތް ކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމުން ބުނީ އެ މިނިްޓްރީން ކުރިއަށްގެންދާ ގްރޭޓަރ މާލެ އެންވަޔަރަމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ ދަށުން ރަށު ފެންވަރުގައި ކުންޏާއި ވަސީލަތްތައް މެނޭޖްކުރާ މަރުކަޒުތައް ޒޯން 3ގެ ރަށްތަކުގެ ތެރެއިން 4 ރަށެއްގައި ޢިމާރާތްކުރުމުގެ އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފައިވާ ކަމަށެވެ.

އެ ގޮތުން އިއްޔެ ހަވާލު ކޮށްފައި ވަނީ އއ. ހިމަންދޫ، އއ. ފެރިދޫ، އއ. ތޮއްޑޫ އަދި ކ. ކާށިދޫ ގައި ރަށު ފެންވަރުގައި ކުންޏާއި ވަޞީލަތްތައް މެނޭޖްކުރާ މަރުކަޒުތައް ޤާއިމުކުރުމުގެ ކޮންޓްރެކްޓްތަކެވެ. މި 4 ރަށުގެ ބިޑްތައް ވެސް ކާމިޔާބުކޮށްފައި ވަނީ ސަނީލޭންޑް އިންވެސްޓްމަންޓްއިން ކަމަށް އެންވަރަޔަރަމަންޓް މިނިސްޓްރީން ބުނެއެވެ.  އެއްބަސްވުމުގައި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ވަޒީރު ތާރިޤް އިބްރާހީމެވެ.

ގްރޭޓަރ މާލެ އެންވަޔަރަމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކާއި އެހެނިހެން ބޭރުގެ އެހީދޭ ފަރާތްތަކުގެ ހިލޭ އެހީއާއި ލޯނު އެހީ ހިމެނޭ ގޮތަށް އެ މިނިސްޓްރީން ހިންގާ ޕްރޮޖެކްޓެއް ކަމަށް ވިދާޅުވިއެވެ. އެއާ އެކު މި ޕްރޮޖެކްޓްގެ މައިގަނޑު މަޤްޞަދަކީ ޒޯން 3 (ކ. އއ. އދ. އަދި ވ. އަތޮޅު)ގެ ރަށްތަކުގައި ދެމެހެއްޓެނިވި އަދި ވަށާޖެހޭ އުސޫލަކުން ކުންޏާއި ވަސީލަތްތައް މެނޭޖްކުރުމުގެ ނިޒާމެއް ޤާއިމުކުރުން ކަމަށް ވެސް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެއެވެ.