ސްޓެލްކޯގެ މެރިޓް ބޭސްޑް އިންޖިނިއަރިން ސްކޮލަރޝިޕަށް ފުރުސަތު ހުޅުވާލައިފި!

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އިން އިނގިރޭސި ވިލާތުގައި މެރިޓް ބޭސްޑް އިންޖިނިއަރިން ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ސްކޮލަރޝިޕްގެ ދަށުން ބެޗްލަރސް ޑިގްރީ (އަންޑަރ ގްރެޖުއޭޓް) ލެވެލްގެ ކޯސްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

ސްޓެލްކޯއިން މި ފަހަރު ހުޅުވާލާފައި ވަނީ އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކް އިންޖިނިއަރިންގއަށް އެއް ޖާގަ އަދި މެކޭނިކަލް އިންޖިނިއަރިންގއަށް ދެ ޖާގައެވެ. މި ސްކޮލަރޝިޕްގައި ބައިވެރިވުމަށް ޝަރުތު ހަމަވާނީ އުމުރުން 24 އަހަރުން ދަށުގެ ދިވެހި ރައްޔިތުންނަށެވެ.

މި ސްކޮލަރޝިޕްގެ ހުރިހާ ޚަރަދެއް ސްޓެލްކޯއިން ފުރިހަމައަށް ދޭން ނިންމާފައިވާކަން ފާހަގަކުރެވެއެވެ. މިއީ ކުންފުނިން ކުރިއަށްގެންދާ އިންސާނީ ވަސީލަތް ތަރައްޤީކުރުމުގެ ޕްރޮގްރާމްގެ ތެރެއިން ހިންގާ ސްކޮލަރޝިޕް ޕްރޮގްރާމެކެވެ.

ސްޓެލްކޯއިން މަޢުލޫމާތު ދެމުން ވިދާޅުވީ މި ސްކޮލަޝިޕް ޕްރޮގްރާމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ކުންފުނީގެ ވެބްސައިޓުންނާއި ހޮޓްލައިނަށް ގުޅައިގެން މަޢުލޫމާތު ސާފުކުރެވޭނެ ކަމަށެވެ.

މި ސްކޮލަރޝިޕް ޕްރޮގްރާމަކީ ރާއްޖޭގެ ޒުވާނުންނަށް މަތީ ތަޢުލީމުގެ ފުރުސަތު ފަހިކޮށްދިނުމާ އެކު، ކަރަންޓުގެ ދާއިރާއަށް ބޭނުންވާ ފަންނީ މީހުން އުފެއްދުމަށް ސްޓެލްކޯއިން ކުރަމުންދާ މަސައްކަތުގެ ބައެއްކަން ފާހަގަކުރެވެއެވެ. މި ފުރުސަތުގެ ބޭނުން ހިފައި، ގިނަ ޒުވާނުން ކުރިމަތިލާނެކަމަށް އުއްމީދު ކުރެވެއެވެ.