ކަނޑުމަތީ ބެހިގެންދިޔަ ޕެރޫގެ މަސްވެރިއަކު 95 ދުވަސް ފަހުން ސަލާމަތްކޮށްފި!

މަސް ބޭނުމަށް ޓަކައި ކަނޑަށް ނިކުތް ޕެރޫގެ މަސްވެރިޔަކު ބެހިގެން 95 ދުވަހު އުޅުނު ފަހުން ސަލާމަތްކޮށް އާއިލާއާއި ހަވާލުކޮށްފިއެވެ.

އުމުރުން 61 އަހަރުގެ މެކްސިމޯ ނާޕާ ކާސްޓްރޯ، މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 7ވަނަ ދުވަހު މަހަށް ނިކުތީ ދެހަފްތާގެ ދަތުރަކަށް ތައްޔާރުވެގެންނެވެ.

ޕެރޫގެ ދެކުނުގެ ހިސާބެއްގެ އައްސޭރިފަށުގެ އަވަށަކުން ދަތުރުފަށައިގެން ދިހަ ދުވަސް ވީތަނާ ވަރުގަދަ ތޫފާނެއްގައި ޖެހި އިންޖީނު ހުއްޓި ބޯޓަށް ދެވޭނުދެވޭތަނެއް ނޭގި މަގު އޮޅުނީ ކަމަށް އޭނާ ބުނެއެވެ. އަދި އެއަށްފަހު ހޭދަވި ދުވަސްތަކުގައި އަތުގައި ހުރި ކާއެތިކޮޅު ހުސްުސްވުމުން ކައިއުޅެނީ ދޫނިމަހާ ކުރަފި ކަމަށް އޭނާ ބުނެއެވެ. ވެލައެއް ހިފިއްޖެ ނަމަ އޭގެ މަސް ވެސް ކޭ ކަމަށް މެކްސިމޯ ބުންޏެވެ.

95 ދުވަސް ފަހުން ރެސްކިއުޓީމަކަށް އޭނާ ފެނުނުއިރު އޭނާ އެއްޗެއް ނުކައި ހުންނަތާ ދެހަފްތާ އެއްހައި ދުވަސް ވެފައިވާ ކަމަށް ވެއެވެ.

މެކްސިމޯ ގެއްލިގެން އާއިލާއިން ރިޕޯޓް ކުރުމާ ގުޅިގެން ޕެރޫގެ މެރިޓައިމް ޕެޓްރޯލުން އޭނާ ހޯދުމުގެ މަސައްކަތްކުރި ނަމަވެސް  އޭނާ ފެނިފައިނުވާތީ އެމީހުންގެ މަސައްކަތް ވެސް އޮތީ ހުއްޓައިލާފައެވެ.

މެކްސިމޯ ނާޕާ ކާސްޓްރޯ ފެނިފައި ވަނީ މިދިޔަ ބުދަ ދުވަހު އިކުއެޑޯގެ ޕެޓްރޯލް ލޯންޗަކަށެވެ.

އޭރު އޭނާގެ އުޅަދު އޮތީ ޕެރޫގެ އައްސޭރިފަށާ 1،094 ކިލޯމީޓަރު ދުރުގައެވެ.

އެހާ ގިނަ ދުވަހު މެކްސިމޯއަށް ދިރި ހުރެވުނީ ވާރޭފެން ނެގޭ ގޮތް ވުމުންނާއި އަތުޖެހުނު ކޮންމެ އެއްޗެއް ކައިގެން ހުރުމުން ކަމަށް އޭނާ ބުނެފައި ވެއެވެ. (އިންސާނާގެ އަޖަލު ހަމަވަންދެން އޭނާއަށް ވެސް ނޭނގޭ ގޮތްގޮތަށް މާތް ﷲ ރިޒުގު ދެއްވާނެކަން އަޅުގަނޑުމެން މުސްލިމުން ޤަބޫލުކުރަމުއެވެ.)

މެކްސިމޯ ބުނެފައިވާ ގޮތުގައި އޭނާއަށް މާޔޫސްނުވެ ދިރިހުރުމަށް ހިތްވަރު ކުރެވުނީ އުމުރުން ދެމަހުގެ ކާފަ ދަރިފުޅު ދެކިލާ ހިތުންނާއި ޢާއިލާގެ މީހުންނާ ބައްދަލް ކުރާހިތުންނެވެ. މެކްސިމޯ ކަނޑުމަތިން ސަލާމަތް ކޮށްގެން ފުރަތަމަ ގެންދިޔައީ މެޑިކަލް އެސެސްމަންޓް ހެދުމަށް ހޮސްޕިޓަލަށެވެ. އެއަށްފަހު ވެރިރަށް ލީމާއަށް ގެންގޮސް އާއިލާއާއި ބައްދަލުކުރުވައިފައި ވެއެވެ.