ޑެޕިއުޓީ ގަވަރުނަރު ކަމުގެ މަޤާމުން އިމާދު އިސްތިއުފާ ދެއްވައިފި!

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ޑެޕިއުޓީ ގަވަރުނަރު އަޙްމަދު ޢިމާދު އޭނާ ހުންނެވި މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުކަމުން އިސްތިއުފާ ދެއްވިކަން ހާމަކުރައްވައި ޢިމާދުގެ ވިދާޅުވީ ފަހަކަށްއައިސް އެމްއެމްއޭއިން ނިންމައިފައިވާ ނިންމުންތަކަކީ އޭނާގެ ނަޒަރުގައި މުއައްސަސާގެ އަސާސީ މަޤްސަދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ނިންމައިފައިވާ ނިންމުންތަކެއް ނޫން ކަމަށެވެ.

އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމުން ޢިމާދު އިސްތިއުފާދެއްވާފައި މި ވަނީ އޭނާ އެ މަގާމުން ވަކިކުރެއްވުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު ލަތީފް މި މަހުގެ 11ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް މައްސަލައެއް ހުށަހަޅުއްވައިފައި ވަނިކޮށެވެ.

20 އަހަރަށްވުރެ ދިގު މުއްދަތެއްގައި އެމްއެމްއޭއަށް ޙިދުމަތް ކުރައްވައިފައިވާ ޢިމާދު ޑެޕިއުޓީ ގަވަރުނަރަކަށް އައްޔަންކުރެއްވީ 2020ގެ ސެޕްޓެމްބަރު މަހުގައެވެ.