ދެ ރަށެއްގައި ފުޓުބޯޅަ ދަނޑު، ފަސް ރަށެއްގައި ކުޅިވަރު ވަސީލަތްތައް ޤާއިމުކުރުން ފެނަކައާ ހަވާލުކޮށްފި

ދެ ރަށެއްގައި ފުޓުބޯޅަ ދަނޑެއް ޤާއިމުކުރުމަށާއި ފަސް ރަށެއްގައި ކުޅިވަރު ވަސީލަތްތައް ޤާއިމުކުރަން ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށް، އެ ކަމުގެ އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފައެވެ.

ސްޕޯޓްސް މިނިސްޓްރީން ބުނީ ބ. ކަމަދޫ އަދި ދ. މާއެނބޫދޫގައި އަލަށް ފުޓްބޯޅަ ދަނޑެއް ޤާއިމްކުރުމަށް ހަވާލުކޮށްފައިވާ ކަމަށާއި ކުރެންދޫ ފުޓްބޯޅަ ދަނޑުގައި ލައިޓް ހަރުކުރުމުގެ މަސައްކަތާއި ބ. ކެންދޫ، ބ. ދަރަވަންދޫ، ބ. ތުޅާދޫ އަދި ރ. މީދޫގެ ފުޓްބޯޅަ ދަނޑުތަކަށް ބޭނުންވާ ޑްރޭގް ބްރަޝް މެޝިނާއި ބެންޗުތައް ހޯދުމުގެ މަސައްކަތް ވެސް އެ އިދާރާއާ ހަވާލުކޮށްފައިވާ ކަމަށެވެ.

އެ މިނިސްޓްރީން އިތުރަށް ބުނީ މި މަޝްރޫޢުތަކަކީ ކުޅިވަރު މަޝްރޫޢުތައް ކުރިއަށް ނުދާ ރަށްތަކަށް އަވަސް ހައްލެއް ހޯދުމަށް ކުރައްވާ މަސައްކަތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރިއަށް ގެންދަވާ މަޝްރޫޢުތަކެކެވެ.

ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރި މި މަޝްރޫޢުތައް މި އަހަރުގެ ދެވަނަ ކުއާޓަރގެ ތެރޭގައި ނިންމަން މަސައްކަތް ކުރާނެ ކަމަށް ވެސް މިނިސްޓްރީން މައުލޫމާތުދެއެވެ.