ސްޓެލްކޯ ހުޅުމާލެ އެނެކްސް 2 އިންޖީނުގެ ހުޅުވައިފި

މި އަހަރުގެ ޕީކް ހޭންޑްލިންގއަށާއި، ގްރޭޓާ މާލޭ ޕަވާ ބެކަޕްގެ ގޮތުގައި ކުރު މުއްދަތެއްގެ ތެރޭގައި ތަރައްޤީ ރި ސްޓެލްކޯ ހުޅުމާލެ އެނެކްސް-2 އިންޖީނުގެ ހުޅުވައިފިއެވެ.

ރޭ ހުޅުމާލެ އިންޖީނުގެ އެނެކްސް-2ގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި އިންޖީނުގެ ރަސްމީކޮށް ހުޅުވީ ސްޓެލްކޯ އާއި ޤައުމީ ދިދަ އިންޖީނުގޭގައި ނެގުމާއެކުއެވެ. މި ރަސްމިއްޔާތުގައި ސްޓެލްކޯގެ ދިދަ ނަންގަވައިދެއްވީ މެނޭޖިންގް ޑިރެކްޓަރު ހުސައިން ފަހުމީ، އަދި ދިވެހި ދިދަ ނަންގަވައިދެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު މުޒްނާއެވެ.

 ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފަހުމީ ވިދާޅުވީ، ދިވެހި ރައްޔިތުންނަށް ޚިދުމަތް ދިނުމުގެ މަތިވެރި ރޫހާ އެކު، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސްޓެލްކޯގެ މުވައްޒަފުން މި ނިންމާލީ ޤައުމީ ބޮޑު މަސައްކަތެއް ކަމަށެވެ. އެ ގޮތުން 48،000 އަކަފޫޓޫގެ ބިމެއް ސާފުކޮށް 200 އެއްހާ ޓަނުގެ ކުނި އެ ތަނުން ނަގައި، އެ ބިން އެއްވަރު ކުރުމާއި، ހުޅުމާލޭގެ އެނެކްސް 1 އިންޖީނުގެ (ބާ އިންޖީނުގެ) އިން ކާނުތަކެއް އެ ބިމާހަމަޔަށް ތައްޔާރުކޮށް، އެ ކާނުތައް މެދުވެރިކޮށް ފިއުލް ލައިން އެޅުމާއި، ހުޅުމާލޭ މައި އިންޖީނުގެއާއި ހަމަޔަށް މި އިންޖީނުތަކުގެ ކޭބަލްތައް ގެންގޮސް ގްރިޑާއި ގުޅާލުމުގެ ބުރަ މަސައްކަތައް ހޭދަވީ ނުވަ ވަރަކަށް ދުވަސް ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

ހުޅުމާލޭ އިންޖީނުގެ އެނެކްސް–2ގެ ގޮތުގައި މި ހުޅުވި އިންޖީނުގޭގައި 1.6 މެގަވޮޓްގެ ޖުމްލަ 12 ޖަނަރޭޓަރު ސެޓް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އެތަނުން މި ވަގުތު 7 ޖަނަރޭޓަރުސެޓް ވަނީ ކޮމިޝަން ކުރެވިފައި. އަދި އިތުރު ފަސް ޖަނަރޭޓަރު ސެޓް ގެނެސް މި ރޯދަމަސް ނިމުމުގެ ކުރިން ކޮމިޝަންކޮށް ނިންމުމަށް ހަމަޖެހިފައި ވެއެވެ. އެއާ އެކު ހުޅުމާލެ އިންޖީނުގެ އެނެކްސް-2ގެ އިންސްޓޯލްޑް ކެޕޭސިޓީ 19.2 މެގަވޮޓަށް އަރާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.