ފްރާންސުން ޔުކްރެއިނަށް 211 މިލިއަން ޑޮލަރުގެ އަސްކަރީ އެހީދެނީ!

ފްރާންސުން ޔުކްރެއިނަށް 211 މިލިއަން ޑޮލަރުގެ އަސްކަރީ އެހީދޭން ނިންމައިފިއެވެ.

ފްރާންސްގެ ދިފާއީ ވަޒީރު ސެބަސްޓިއަން ލެކޯނު ވިދާޅުވީ ފްރާންސްއިން ޔުކްރެއިނަށް 195 މިލިއަން ޔޫރޯ (211 މިލިއަން ޑޮލަރު) ގެ ސަލާމަތީ އަސްކަރީ އެހީ ފޯރުކޮށްދޭން ނިންމައިފައިވާއިރު، މި އެހީ ފޯރުކޮށްދެނީ ރަޝިޔާގެ ހިފެހެއްޓިފައިވާ އެސެޓްތަކުން ލިބޭ އިންޓަރެސްޓް ބޭނުންކޮށްގެން ކަމަށެވެ.

ހޮނިހިރު ދުވަހު ފްރެންޗް ނޫސް "ލަ ޓްރިބިއުން"އަށް ދެއްވި އިންޓަވިއުއެއްގައި ލެކޯނު ވިދާޅުވީ، މި އެހީ ޕެކޭޖު މެދުވެރިކޮށް 155-އެމްއެމް އާޓިލަރީ ޝެލްތަކާއި އޭއޭއެސްއެމް ގްލައިޑިންގ ބޮންތައް ޔުކްރެއިނަށް ފޯރުކޮށްދެވޭނެ ކަމަށެވެ. މި ބޮންތައް ބޭނުންކުރާނީ ޔުކްރެއިން މިރާޖު 2000 މަތިންދާ ބޯޓުތަކުގައެވެ.

ފްރާންސްގެ ވަޒީރު އިތުރަށް ވިދާޅުވެފައި ވަނީ ފްރާންސްއިން ޑެންކްތަކާއި އާމަރޑް ވެހިކަލްތައް ހިމެނޭ ގޮތަށް ކުރީގެ ސިފައިންގެ އާލާތްތައް ޔުކްރެއިނަށް ފޮނުވުން އަވަސްކުރަމުންދާ ކަމަށެވެ.

މި ނިންމުމަކީ 2024 ގެ އޮކްޓޯބަރުގައި ޖީ7 ގްރޫޕްގެ ޤައުމުތަކުން ޔުކްރެއިނަށް ގާތްގަނޑަކަށް 50 ބިލިއަން ޑޮލަރުގެ ލޯނު ފޯރުކޮށްދިނުމަށް ހުށަހެޅުމަށްފަހު ނިންމާފައިވާ ނިންމުމެކެވެ. މި ލޯނު ބިނާވެފައި ވަނީ ރަޝިޔާގެ ހިފެހެއްޓިފައިވާ އެސެޓްތަކުން ލިބޭ އާމްދަނީއަށެވެ.

ފްރާންސުން މިއެހީ ދިނުމަށް ނިންމާފައިވާއިރު، އިނގިރޭސިވިލާތުން ވެސް ޔުކްރެއިނަށް 2.84 ބިލިއަން ޑޮލަރުގެ ލޯނެއް ދިފާއީ ޚަރަދުތަކަށް ފޯރުކޮށްދޭން ނިންމައިފައި ވެއެވެ. މި ލޯނަކީ ވެސް ރަޝިޔާގެ ހިފެހެއްޓިފައިވާ އެސެޓްތަކުގެ އާމްދަނީން އަދާކުރުމަށް ނިންމާފައިވާ ލޯނެކެވެ.

ހަނގުރާމަ ފެށުމާގުޅިގެން ހުޅަނގުގެ ޤައުމުތަކުން ގާތްގަނޑަކަށް 300 ބިލިއަން ޑޮލަރުގެ ރަޝިޔާގެ އެސެޓްތައް ހިފަހައްޓާފައި ވެއެވެ.