މާރޗް 4 ގައި ބްލޫމްބާރގް އިން ރިޕޯޓުކުރި ގޮތުގައި، އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތް ރަޝިޔާއާ ދެކޮޅަށް ކުރަމުންދާ ސައިބަރ އޮޕަރޭޝަންތައް ހުއްޓާލުމަށް އަމުރުކުރި ކަމަށް ބުނެވޭ ވާހަކަ ޕެންޓަގަން އިން ދޮގުކޮށްފިއެވެ. މި މަޢުލޫމާތު ދީފައިވަނީ ނަން ހާމަނުކޮށް ސީނިއަރ ޑިފެންސް އޮފިޝަލެކެވެ.
މީގެ ކުރިން ދަ ރެކޯޑް އިން ރިޕޯޓުކޮށްފައިވަނީ އެމެރިކާގެ ސައިބަރ ކޮމާންޑަށް މޮސްކޯއާ ދެކޮޅަށް ކުރަމުންދާ އޮފެންސިވް ސައިބަރ އަދި އިންފޮމޭޝަން އޮޕަރޭޝަންތައް ހުއްޓާލުމަށް އަމުރުކޮށްފައިވާ ކަމަށެވެ. މި ޚަބަރު ފެތުރުނީ ޔޫކްރެއިންގައި ހިނގަމުންދާ ރަޝިޔާގެ ހަނގުރާމަ ނިންމާލުމަށް ޕްރެޒިޑެންޓް ޑޮނަލްޑް ޓްރަމްޕް މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައެވެ. ނަމަވެސް ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި މި މަސައްކަތް ކުރެވެނީ މޮސްކޯއަށް ފައިދާވާ ގޮތަށެވެ.
ސައިބަރ ސެކިއުރިޓީގެ މާހިރުން އިންޒާރުދީފައިވަނީ މިފަދަ ފިޔަވަޅަކުން ފައިދާވާނީ އެމެރިކާގެ އެންމެ ނުރައްކާތެރި ސައިބަރ ދުޝްމަނުންގެ ތެރެއިން އެކަކަށް ކަމަށާއި، މިކަމުގެ ސަބަބުން ސައިބަރ އަދި އާންމު ސިފައިންގެ އޮޕަރޭޝަންތަކުގައި އެމެރިކާގެ ބާރު ދަށްވެދާނެ ކަމަށެވެ.
ރަޝިޔާގެ ހެކަރުންގެ ގްރޫޕްތަކުން ފުޅާ ސްކޭލްގެ ހަނގުރާމައިގައި އެކި ބާވަތުގެ ސައިބަރ ހަނގުރާމަތަކުގައި ބައިވެރިވެފައިވެއެވެ. މީގެ ތެރޭގައި ޔުކްރެއިނާ ދެކޮޅަށް ކުރި ސައިބަރ ހަމަލާތަކާއި، ޔޫރަޕްގެ އާންމު އިންފްރާސްޓްރަކްޗަރ ހެކްކުރުމާއި، ބޭރު ޤައުމުތަކުގެ އިންތިޚާބުތަކަށް ނުފޫޒު ފޯރުވުން ހިމެނެއެވެ.
ނަމަވެސް ބްލޫމްބާރގް އިން ނަޤުލުކޮށްފައިވާ މަޞްދަރުން، ހެގްސެތް ރަޝިޔާއާ ދެކޮޅަށް ކުރަމުންދާ ސައިބަރ އޮޕަރޭޝަންތައް ކެންސަލްކޮށްފައި ނުވަތަ ހުއްޓާލާފައެއް ނުވެއެވެ. އަދި މި ކަންތައް ހުއްޓުވުމަށް އެއްވެސް އަމުރެއްވެސް ނެރެފައެއް ނުވެއެވެ.
އެމެރިކާގެ ސައިބަރ ކޮމާންޑްގެ ބެލުމުގެ ދަށުގައި "ސައިބަރ މިޝަން ފޯސަސް" ގެ 135 ޓީމެއް ވެއެވެ.
ބްލޫމްބާރގް އިން ބުނާ ގޮތުގައި، އޮފެންސިވް އޮޕަރޭޝަންތަކުގައި ބައިވެރިވާ ޔުނިޓްތަކަކީ ސައިބަރ ކޮމްބެޓް މިޝަން ޓީމްތަކެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ