ފާއިތުވި ޖެނުއަރީ މަހު ދިވެހިރާއްޖެއަށް އިމްޕޯޓުކުރެވުނު މުދަލުގެ ސީއައިއެފް އަގު، ވޭތުވެދިޔަ އަހަރުގެ އެ މަހާ އަޅާބަލާއިރު އިތުރުވެފައިވާކަމަށް ކަސްޓަމްސް ސާވީސްގެ ތަފާސްހިސާވުތަކުން ދައްކައިފިއެވެ .
ކަސްޓަމްސް ސަރވިސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް 5.1 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓުކޮށްފައިވާއިރު، މި އަހަރުގެ ޖެނުއަރީ މަހު އެ އަދަދު 5.2 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ.
އިމްޕޯޓުކުރެވުނު ތެލުގެ އަގު ނުހިމަނައި، ފާއިތުވި ޖެނުއަރީ މަހު ރާއްޖެއަށް އިމްޕޯޓުކުރެވިފައިވަނީ 4.4 ބިލިއަން ރުފިޔާގެ މުދަލެވެ.
އަދި މީގެ އިތުރުން މި އަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް އެންމެ ގިނައިން އިމްޕޯޓުކުރެވިފައިވަނީ މެޝިނަރީއާއި ކާބޯތަކެއްޗެވެ. މިގޮތުން 960 މިލިއަން ރުފިޔާގެ މެޝިނަރީއާއި 960 މިލިއަން ރުފިޔާގެ ކާބޯތަކެތި އިމްޕޯޓުކޮށްފައިވެއެވެ.
ރާއްޖެއިން އެކްސްޕޯޓުކުރެވުނު ޤައުމުތަކަށް ބަލާއިރު، އެންމެ ގިނަ މުދާ އެކްސްޕޯޓުކުރެވިފައިވަނީ ތައިލެންޑަށެވެ. އެ ޤައުމަށް 68 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓުކުރެވުނުއިރު، ދެވަނައަށް އެންމެ ގިނަ މުދާ އެކްސްޕޯޓުކުރެވިފައިވަނީ އިނގިރޭސިވިލާތަށެވެ. އެ ޤައުމަށް ވަނީ 25 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓުކޮށްފައެވެ.
ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓުކުރެވިފައިވަނީ ފިނިކުރި ކަޅުބިލަމަހެވެ. 73 މިލިއަން ރުފިޔާގެ ފިނިކުރި ކަޅުބިލަމަސް އެކްސްޕޯޓުކޮށްފައިވާއިރު، ދެވަނައަށް އެންމެ ގިނައިން އެކްސްޕޯޓުކޮށްފައިވަނީ ދަޅުގައި ބަންދުކޮށްފައިވާ މަހެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި 29 މިލިއަން ރުފިޔާގެ ދަޅުމަސް ރާއްޖެއިން އެކްސްޕޯޓުކޮށްފައިވެއެވެ. ދެން އެންމެ ގިނައިން އެކްޕޯޓުކޮށްފައިވަނީ ގަނޑުކުރި ކަންނެލިއެވެ. 15 މިލިއަން ރުފިޔާގެ ގަނޑުކުރި ކަންނެލި ރާއްޖެއިން އެކްޕޯޓުކޮށްފައިވެއެވެ.
ޖެނުއަރީ މަހު އެންމެ ގިނައިން މުދާ އިމްޕޯޓުކުރެވިފައިވަނީ އިންޑިޔާއާއި ޗައިނާއިންނެވެ. މިގޮތުން އިންޑިޔާއިން ވަނީ 51.04 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓުކޮށްފައެވެ. އަދި ޗައިނާއިން ވަނީ 1.043 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓުކޮށްފައެވެ. އަދި އެކުވެރި ޔޫއޭއީ އެއް ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓުކޮށްފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު