ފަލަސްތީނުގެ މައްސަލައިގައި ރާއްޖޭން އައިސީޖޭއަށް ބަޔާން ހުށަހަޅައިފި

ހައްދުފަހަނަ އަޅާފައިވާ އިޒްރޭލުގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ފަލަސްތީނުގެ ބިންތަކުގައި ހިންގާ ލާއިންސާނީ އަމަލުތަކާ ގުޅޭގޮތުން އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ)ގެ އިޝްތިރާޖީ ލަފައަކަށް އެދި ހުށަހަޅާފައިވާ މައްސަލަައިގައި ރާއްޖެއިން ބައިވެރިވެ، ލިޔުމުން އެ ކޯޓަށް ބަޔާނެއް ހުށަހަޅައިފިއެވެ.

މައްސަލަ އައިސީޖޭގެ އިސްތިޝާރީ ލަފަޔަކަށް އެދި ހުށަހެޅީ އދ.ގެ އާންމު މަޖިލީހުގެ ގަރާރަކުން މިދިޔަ ޑިސެމްބަރު މަހުގެ 19 ގައި ފާސްކުރުމުންނެވެ.

އެ މައްސަލައަކީ އދ. އާއި އެހެނިހެން ބައިނަލްއަގުވާމީ ޖަމިއްޔާތަކާއި އެހެން ގައުމުތަކުން ފަލަސްތީނުގެ އާންމު ރައްޔިތުންނަށް ފޯރުކޮށްދެމުންދާ އިންސާނީ އެހީތެރިކަމަށް ހުރަސްއަޅައި، ފަލަސްތީނުގެ ރެފިއުޖީންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ އދގެ މައި ޖަމިއްޔާ، ޔޫއެންއާރްޑަބްލިއުއޭގެ މަސައްކަތްތައް ހުއްޓުވާލުމަށްޓަކައި، އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުން ނިންމި ނިންމުމުގެ މައްސަލައެކެވެ. 

އެޓާނީ ޖެނެރަލް އޮފީހުން ބުނެފައިވާ ގޮތުގައި އެއީ ފަލަސްތީނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ހަރަކާތްތެރިވަމުންދާ ފަރާތްތަކަށް އަމާޒުކޮށް އިޒްރޭލުން ހަމަލާތައް ދެމުންގެންދާތީއާއި އިޒްރޭލުން އުފުލަންޖެހޭ ޒިންމާތަކާ ގުޅޭގޮތުން އައިސީޖޭއަށް އިސްތިޝާރީ ލަފަޔަކަށް އެދި ހުށަހެޅުމަށް އދ. ގެ އާންމު މަޖިލީހުގެ ގަރާރަކުން 19 ޑިސެންބަރު 2024 ގައި ފާސްކުރުމުން ހުށަހަޅާފައިވާ މައްސަލައް ކަމަށެވެ. 

ދިވެހިރާއްޖެއިން ހުށަހެޅި ބަޔާނުގައި އިންޓަނޭޝަނަލް ހިއުމަނިޓޭރިއަން ލޯ އާއި އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ ބައެއް މުއާހަދާތަކުގެ ދަށުން އިސްރާއީލުގެ ޒިންމާތައް ފާހަގަކޮށް، ފަލަސްތީނުގެ ރައްޔިތުންނަށް މެދުކެނޑުމެއް ނެތި ފެނުގެ ވަސީލަތްތައް ފޯރުކޮށްދިނުމުގެ ޒިންމާއަށް އަލިއަޅުވާލާފައިވެއެވެ. އަދި އދ. ގެ މެންބަރެއްގެ ހައިސިއްޔަތުން އިސްރާއީލުގެ މައްޗަށް ޔޫއެންއާރުޑަބްލިއުއޭގެ މަސައްކަތްތަކާ ގުޅޭގޮތުން އޮތް ޒިންމާ ތަފުސީލުކޮށް، ޔޫއެންއާރުޑަބްލިއުއޭގެ މަސައްކަތްތައް ހުއްޓުވާލައި އިސްރާއިލުން އެ ޖަމިއްޔާ ރޫޅާލުން މަނާކުރާ ބައިނަލްއަގުވާމީ ގާނޫނީ އުސޫލުތަކުގެ މައްޗަށް އަލި އަޅުވާލާފައިވާ ކަމަށް އޭޖީ އޮފީހުން މައުލޫމާތުދެއެވެ.

އޭޖީ އޮފީހުން ވިދާޅުވީ އިޒްރޭލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލުން ހިންގަމުންދާ އަމަލުތަކުގެ ސަބަބުން، ފަލަސްތީނުގެ އާންމު ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ހިދުމަތްތަކާއި އަސާސީ ހައްގުތަކުން މަހުރޫމުވެފައިވާ ކަމަށެވެ. އަދި އިޒްރޭލުގެ އެ އަމަލުތަކުގެ ސަބަބުން ފަލަސްތީނުގެ އަމިއްލަ ދައުލަތެއް ބިނާކުރުމަށާއި ސަރަހައްދުގެ އަމަންއަމާންކަމަށާއި ހަމަޖެހުމަށް ހުރަސްއެޅެމުންދާ ކަމާއި އިޒްރޭލުގެ އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ޖަރީމާތަކެއް ކަމަށްވެސް އޭޖީ އޮފީހުން މައުލޫމާތުދެއެވެ. 

ފަލަސްތީނާއި އިޒްރޭލުގެ މައްސަލައަށް އޮތް ހަމައެކަނި ދެމެހެއްޓެނިވި ހައްލަކީ، 1967 ވަނަ އަހަރުގެ ކުރިން އޮތް ސަރަހައްދީ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައަޅައި، މިނިވަން، މުސްތަގިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުން ކަމަށް އޭޖީ އޮފީހުން ބުނެފައިވެއެވެ. އެ ހައްލު ހޯދުމަށް ފަލަސްތީނުގެ ރައްޔިތުންގެ ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމުގައި ދިވެހި ދައުލަތް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދޭ ކަމަށް އޭޖީ އޮފީހުން ބުނެއެވެ.