ރިނބުދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރަނީ

ދ. ރިނބުދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރުމަށް ހަމަޖެހިފައިވައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅުގެ ރިނބުދޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ އެ ރަށުގައި މި ވަގުތު ހުރި މިސްކިތަކީ 1992ވަނަ އަހަރު ބިނާކޮށްފައި ހުރި މިސްކިތެއް ކަމަށް އެ ރަށުގެ ކައުންސިލުން މައުލޫމާތު ދީފައިވާ ކަމަށާއި އޭރުއްސުރެ އެ ރަށުގައި އިތުރު މިސްކިތެއް ބިނާކުރެވިފައި ނުވާ ކަމަށެވެ.

ދިވެހިންނަކީ މާތްވެގެންވާ އިސްލާމްދީނުގައި ފައިތިލަ ސާބިތުކޮށްގެން ތިބި ފަހުރުވެރި މުސްލިމުންނަށް ވާއިރު ރަށްރަށުގައި އަބަދުވެސް ރަނގަޅު ފެންވަރުގެ މިސްކިތް ބިނާކުރެވިފައި ހުންނަން ޖެހޭނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

އެ ގޮތުން ރައީސް ވިދާޅުވީ މި އަހަރުގެ ބަޖެޓުގެ ތެރެއިން އިރާދަ ކުރެއްވިއްޔާ މި ރަށުގައި 500 މީހުންގެ ޖާގައިގެ އާ ރީތި މިސްކިތެއް އެންމެ ލަސްވެގެން ޖުލައި މަހުގެ ތެރޭގައި އަޅަން ފަށާނެ ކަމަށެވެ.