ރިނބުދޫގައި ރަން އަދި ރިހީގެ މަސައްކަތް ދަސްކޮށްދޭ ސެންޓަރެއް ހަދަނީ

ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ދ. ރިނބުދޫގައި ރަނާއި ރިހީގެ މަސައްކަތްތައް ދަސްކުރެވޭނެ އިންތިޒާމުތައް ހަމަޖައްސަވައިދެއްވާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަރުއްވައިފިއެވެ.

ރައީސް މުއިއްޒު، ދ. އަތޮޅަށް މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިން ރިނބުދުއަށް މިއަދު ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އެ ރަށު ސްކޫލުގައި ބޭއްވި ޖަލްސާގައި ވިދާޅުވީ، ރިނބުދޫއަކީ ރަނާއި ރިހީގެ އަތްތެރިކަމުގެ މަސައްކަތަކަށް ހާއްސަ ރަށެއް ކަމަށެވެ. 

ރައީސް ވިދާޅުވީ، ދިވެހި ގައުމިއްޔަތު ދިރިވައި އާލާކުރުމުގެ މަޝްރޫއުގެ ތެރޭގައި ދިވެހި އައިޑެންޓިޓީ ހިމާޔަތް ކުރުން ހިމެނޭކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ދިވެހިން ކުރިން އުޅުނު ގޮތް ދިރުވައި އާލާކުރަން ޖެހޭ ކަމަށެވެ. އަދި ދިވެހިންގެ އައިޑެންޓިޓީގެ ތެރޭގައި ދިވެހިން ކުރަމުން ގޮސްފައިވާ މަސައްކަތްތައް ހިމެނޭކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ދިވެހި އައިޑެންޓިޓީ ހިމާޔަތްކުރުމުގެ މަސައްކަތުގެ ތެރެއިން ބ. ތުޅާދޫގައި ލިޔެލާ ޖަހަން ދަސްކޮށްދޭ ސެންޓަރެއް ދައުލަތުގެ ހަރަދުގައި ހެދުމުގެ މަސައްކަތް ކުރާ އިރު، އަމާޒަކީ ރިނބުދޫގައި ވެސް ރަނާއި ރިހީގެ މަސައްކަތް ދަސްކޮށްދެވޭނެ ނިޒާމެއް ގާއިމްކުރުން ކަމަށެވެ.

ރައީސް ވިދާޅުވީ، ރަނާއި ރިހީގެ މަސައްކަތް ދަސްކޮށްދޭން ޓްރެއިނަރުންގެ ގޮތުގައިވެސް ހަމަޖައްސާނީ ރިނބުދޫގައި އެކަން ކުރާ އެކްސްޕާޓުން ކަމަށެވެ.

މިގެ އިތުރުން ރައީސް ވިދާޅުވީ، ރިނބުދޫގައި ރަނާއި ރިހީގެ މަސައްކަތް ދަސްކޮށްދޭން ފެށުމުން އެ ރަށަށް އިގްތިސޯދީ ގޮތުންނާއި އެހެން ގޮތްގޮތުން ފައިދާވާނެ ކަމަށެވެ.