ލ. ގަމުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ނާސަރީއެއް ތަރައްގީކުރަން ނިންމައި، އެކަމަށް ބޭނުންވާ ބިން އެ ރަށުން ހަމަޖައްސައިފާވާ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
ނާސަރީ ހެދުމަށް ބޭނުންވާ ބިން ހަމަޖެއްސީ، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މައުރޫފް ޖަމީލް އިއްޔެ ލ. ގަމަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އެ ރަށުގެ ކައުންސިލާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިންނެވެ. އެގޮތުން، ނާސަރީ ގާއިމްކުރުމަށް ހަމަޖައްސާފައި ވަނީ އެއްލައްކަ އަކަފޫޓުގެ ބިމެކެވެ. އިއްޔެގެ ދަތުރުފުޅުގެ ތެރެއިން އެމްޑީ ވަނީ އެ ސަރަހައްދަށް ޒިޔާރާތްކުރައްވައި އެ ބިން ބައްލަވާލައްވައިފައެވެ.
އެޗްޑީސީން ވިދާޅިވި ގޮތުގައި މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމުގައި ބައިވެރިވުމުގެ ގޮތުން އެޗްޑީސީން އެއް މިލިއަން ގަސް އިންދުމަށް ނިންމައި، އެކަމަށް ބޭނުންވާ ގަސް ހެއްދުމަށް ގާއިމްކުރެވޭ ނާސަރީއެއް ކަމަށެވެ. އެގޮތުން، ހުޅުމާލޭގެ އިތުރުން އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ ރަސްމާލެ އާއި ކުޑަގިރި، ތިލަފުށި އަދި ގުޅިފަޅުގައި އިންދާ ގަސްތައް ހެއްދުމަށް މި ނާސަރީ ބޭނުން ކުރާނެއެވެ.
އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ ރަށްތައް ފެހިކުރުމާއެކު، ސަރުކާރުގެ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމުގައި ބައިވެރިވެ، އެ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން އެއް މިލިއަން ގަސް އިންދުމަށް ނިންމައި އެކަމުގެ ޕްލެޖްގައި އެޗްޑީސީން ސޮއިކުރީ، ކުޑަގިރި ޕިކްނިކް އައިލެންޑަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ހަރަކާތްތަކުގެ ތެރެއިންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު