ފަލަސްތީނު ސަރަހައްދު ހިފުމަށް ޓްރަމްޕު ހުށަހަޅާފައިވާ ހުށަހެޅުމާ އެއްކޮޅަށް މަސައްކަތް ކުރާނެ ކަމަށް ބުނެ، ޣައްޒާއިން އަމިއްލައަށް ފައިބައިގެން ދާން ބޭނުންވާ މީހުންނަށް އެހީވުމަށް ޚާއްސަ އޭޖެންސީއެއް ގާއިމުކުރާނެ ކަމަށް އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލް ކަޓްޒް އިއްޔެ ބުނެފިއެވެ.
އޭނާ ބުނީ، ފަލަސްތީނުގެ ރައްޔިތުން ޣައްޒާއިން ފޭބުމަށް ހުއްދަ ދިނުމުގެ ޕްލޭނެއް އެކުލަވާލުމަށް ސިފައިންނަށް އަމުރު ކޮށްފައިވާ ކަމަށާއި، ޣައްޒާގެ އާބާދީގެ ބޮޑު ބައެއް ދުނިޔޭގެ އެކި ތަންތަނަށް ބަދަލުވުމުގެ ފުރުސަތު ލިބިގެންދާނޭ ކަމަށާއި ޓްރަމްޕްގެ މި ހުށަހެޅުމަށް މަރުހަބާ ކިޔާ ކަމަށެވެ.
ހޯމަ ދުވަހު ބޭއްވި ބައްދަލުވުމެއްގައި ހުށަހެޅި ފުރަތަމަ ޕްލޭންގައި އެހެން ގައުމަކަށް އަމިއްލައަށް އެދިގެން ހިޖުރަކުރަން ބޭނުންވާ ޣައްޒާގެ ރައްޔިތުންނަށް ކަނޑުމަގުންނާއި އެއްގަމު މަގުން އަދި ވައިގެ މަގުން ދަތުކުރަން ބޭނުންވާ މީހުންނަށް އެކަމުގެ އިންތިޒާމުތައް ހަމަޖެއްސުން ހިމެނެއެވެ.
ޣައްޒާ ސުންނާފައިކޮށްލާނޭ ކަމަށްބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި ހުށަހެޅުމަށް ތާއީދުކޮށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފައިވަނީ ހަނގުރާމައަށް ފަހު ހަމާސް ވެސް އަދި ފަލަސްތީން އޮތޯރިޓީ ވެސް އެ ސަރަހައްދުގައި ވެރިކަން ނުކުރާނެ ކަމަށް އެދޭ ކަމަށެވެ.
އެމެރިކާއިން ޣައްޒާ "އޮކިއުޕައި" ކޮށް މިސްރާއި ޖޯޑެން ފަދަ އެހެން ގައުމުތަކުގައި ފަލަސްތީނު ރައްޔިތުން އާބާދު ކުރުމަށް ޓްރަމްޕް ތަކުރާރުކޮށް ހުށަހެޅުއްވި ހުށަހެޅުމުގެ މާބޮޑު ތަފުސީލެއް އަދި ދީފައި ނުވާއިރު، އެކަމާ ގުޅިގެން ބައިނަލްއަގުވާމީ މުޖުތަމައުގެ ފާޑުކިޔުން ޓްރަމްޕަށް ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ.
ދެހާސް ތޭވީސްވަނަ އަހަރުގެ އޮކްޓޫބަރު ހަތް ވަނަ ދުވަހު އިސްރާއީލުން ޣައްޒާއަށް ދޭން ފެށި ހަމަލާއަށް 15 މަސްވެފައިވާއިރު މި ހަމަލާތަކުގައި 48،200އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައަވާއިރު ޣައްޒާގެ 69 އިންސައްތަ ގެދޮރު ހަލާކުކޮށް ގާތްގަޑަކަށް މުޅި ޣައްޒާގެ އާބާދީގެ ގެދޮރު ގެއްލުވާލައި، ބަނޑަށް ޖައްސާފައިވާ ކަމަށް އދ. އިން ވަނީ ހާމަކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ