ހަމާސްގެ ބާރުގެ ދަށުގައިހުރި އިސްރާއީލްގެ އިތުރު 3 ސިފައިންގެ މީހުން މިނިވަންކޮށްފި

ފަލަސްތީނުގެ ޣައްޒާގައި ހިންގަމުން ދިޔަ ގަތުލުއާންމު ހުއްޓާލުމާ ބެހޭ އެއްބަސްވުމުގެ ހަ ވަނަ ބުރުގައި ހަމާސް އިން މިނިވަން ކުރަން ހަމަޖެހިފައިވާ ތިން އަސީރުން މިނިވަންކޮށްފިއެވެ.

މި ތިން އަސީރުން މިނިވަން ކުރުމަށް ޣައްޒާގެ ހާން ޔޫނުސް ސަރަހައްދުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. އެ ރަސްމިއްޔާތަށް ފަލަސްތީނުގެ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުންނާއި ހަމާސް އާއި އިސްލާމިކް ޖިހާދުގެ ގިނަ އަދަދެއްގެ މުޖާހިދުން ބައިވެރިވެފައިވެއެވެ.

ހަމާސްގެ މުޖާހިދުން ހެދި ސްޓޭޖްގައި ވަނީ އިސްރާއީލްގެ ގަތުލުއާންމުގައި ޝަހީދުވެފައިވާ ހަމާސްގެ ލީޑަރުންގެ ފޮޓޯތައް ހިމަނައިފައެވެ. ފޮޓޯތަކުގެ ތެރޭގައި ހަމާސްގެ މިލިޓަރީ ވިންގުގެ އަލް-އިއްޒުއްދީން ޤައްސާމް ބްރިގޭޑްސްގެ ޗީފް އޮފް ސްޓާފް މުހައްމަދު އައް-ޟީފް ވެސް ހިމެނިވަޑައިގަންނަވައެވެ.

އެ ލީޑަރުންގެ ފޮޓޯތަކުގެ އިތުރުން މަސްޖިދުލް އަގްސާގެ ފޮޓޯއެއް ވެސް ހަމާސްގެ މުޖާހިދުން ތިބި ސްޓޭޖުން ފެނެއެވެ. އެ ޕޮޓޯގައި "އޯ ޖުރޫސުލަމް، ބެޔާ ވިޓްނެސް: ވީ އާރ ޔުއާރ ސޯލްޖާސް" މިހެން ލިޔެފަ އިނެވެ.

ގަތުލުއާންމު ހުއްޓާލުމަށްވި އެއްބަސްވުމުގެ ހަ ވަނަ ބުރުގައި އިސްރާއީލްގެ ޖަލުގައި ތިބި ފަލަސްތީނުގެ 369 މީހުން މިނިވަން ކޮށްފައިވާއިރު އޭގެ ތެރޭގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައި ތިބި ފަލަސްތީނުގެ 36 މީހުންނާއި އިސްރާއީލުން ހަނގުރާމާގެ ތެރޭގައި ހައްޔަރުކޮށްފައިވާ ޣައްޒާގެ  333 މީހުންވެސް ހިމެނެއެވެ.

އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އިސްރާއީލްގެ 33 މީހުންނާއި ފަލަސްތީނުގެ 1،900 މީހުން މިނިވަން ކުރަން ޖެހޭނެއެވެ. މިހާތަނަށް އައިއިރު، އިސްރާއީލްގެ 21 އަސީރުން މިނިވަންކޮށްފައިވެއެވެ. އަދި ތައިލެންޑްގެ ފަސް ރައްޔިތުން ވެސް ވަނީ މިނިވަންކޮށްފައެވެ.