ގާސިމްގެ އުފަންރަށުގައި މިސްކިތެއް ބިނާކޮށްފި

މާމިގިލީ ދާއިރާގެ މެންބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ޤާސިމް އިބްރާހިމް، މާމިގިލީގައި މިސްކިތެއް ބިނާކޮށްދެއްވައިފިއެވެ.

މަސްޖިދުއް ޒިކުރާގެ ނަމުން ނަންދީފައިވާ މި މިސްކިތް ހުޅުވާފައިވަނީ ހުކުރު ދުވަހުގެ މަޣުރިބު ނަމާދަށެވެ. އަދި މި މިސްކިތް ހުޅުވައިދެއްވީ ޤާސިމް އިބްރާހިމެވެ.

މާމިގިލީ ކައުންސިލުން ވިދާޅުވެފައިވަނީ މި މިސްކިތް ބިނާކޮށްފައިވަނީ ރައްޔިތުންގެ އެދުމުގެ މަތިން ކަމަށާއި މިސްކިތް ބިނާކުރުމަށް ހޭދަވީ 57 ދުވަސް ކަމަށެވެ. އަދި މިސްކިތުގެ ބިންގާ އަޅާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 14ވަނަ ދުވަހުކަމަށްވެސް ކައުންސިލުން މަޢުލޫމާތު ދެއެވެ.

ޤާސިމް އިބްރާހީމްގެ ޚަރަދުގައި މާމިގިލީގައި އިތުރު ދެ މިސްކިތެއް ބިނާކުރެއްވުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާއިރު، އަރިއަތޮޅުގެ އެކި ރަށްރަށުގެ މިސްކިތްތައް ބިނާ ކުރުމަށާއި މަރާމާތުކުރުމަށް ޤާސިމް އިބްރާހީމް ގެންދަވަނީ އެހީތެރިކަން ފޯރުކޮށްދެއްވަމުންނެވެ. ޤާސިމް އިބްރާހީމް ވަނީ އއ. ތޮއްޑޫގައި ވެސް މިކިތެއް ބިނާކޮށްދެއްވާފައެވެ.