އިސްރާއީލުން ހައްޔަރުކޮށްފައި ތިބި ފަލަސްތީނުގެ 369 މީހަކު މިނިވަންކުރަނީ!

ދުނިޔޭފެ ގާނޫނުތަކާ ހިލާފަށް ހައްދުފަހަނަ އަޅާފައިވާ ނިރުބަވެރި އިސްރާއީލުގެ ޒަޔަނުސްޓުން ފަލަސްތީނުގެ ބިންތަކަށް އަރައި ހިންގި ޖަރީމާތަކުން ހައްޔަރުކޮށްފައި ތިބި ފަލަސްތީނުގެ ރައްޔިތުންގެ ތެރެއިން 369 މީހަކު މިއަދު މިނިވަންކުރަން ނިންމައިފިއެވެ.

އެ ގޮތުން މީގެ ތެރޭގައި ހަނގުރާމާގެތެރޭގައި ހައްޔަރުކޮށްފައިވާ 333 ޣައްޒާގެ ރައްޔިތުން ވެސް ހިމެނެއެވެ.

ހަނގުރާމައިގެ އަސީރުންގެ ގޮތުގައި އިސްރާއީލުގެ ޖަލުތަކުން ފަލަސްތީނުގެ 369 މީހަކު މިނިވަން ކުރުމަށް ނިންމާފައިވާއިރު މި މީހުންގެ ބަދަލުގައި މިއަދު ޣައްޒާގައި އިސްރާއީލުގެ ތިން ސިފައިން މިނިވަންކުރާނެއެވެ. އެއީ އެލެގްޒެންޑަރ ޓްރޫފަނޯވް، ސަގޫއީ ޑެކެލް-ޗެން އަދި ޔައިރް ހޯންއެވެ.

ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދެވަނަ ފިޔަވަހީގައި އިސްރާއީލާ އެކު ނުސީދާ މަޝްވަރާތައް އަންނަ ހަފްތާގައި ފެށޭނެ ކަމަށް ހަމާސްއިން ބުނެފައި ވެއެވެ. ނަމަވެސް އިސްރާއީލުގެ ޕްރައިމް މިނިސްޓަރުދަނީ މި ކަމަށް ދެކޮޅު ހަދަމުންނެވެ.

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހިންގި ނިރުބަވެރި ހަނގުރާމައިގައި މިހާތަނަށް 48،239 މީހުން ޝަހީދުވެ، 111،676 މީހުން ވަނީ ޒަޚަމްވެފައެވެ. ނަމަވެސް ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން މީގެ ކުރިން ވިދާޅުވެފައި ވަނީ ގެއްލިފައިވާ އެތައް ހާސް ބަޔަކު މިހާރު މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށާއި އެހެންވެ ޝަހީދުވި މީހުންގެ އަދަދު 61،709އަށް އަރާނެ ކަމަށް ބެލެވޭ ކަމަށެވެ.