ސަޢޫދީ މީޑިއާއިން އިސްރާއީލާއި ހަމާސާ މެދު ދެކޭގޮތް ބަދަލުވެއްޖެ!

ޣައްޒާއާ ގުޅޭ ޓްރަމްޕްގެ ޕްލޭނަށް ފަހު ސަޢޫދީ މީޑިއާއިން އިސްރާއީލާއި ފަލަސްތީނު މިނިވަންކުރުމަށް ޖިހާދުކުރަމުންދާ ޙަމާސްއާ މެދު ދެކޭގޮތް ބަދަލުވެފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ބުނެފިއެެވެ.

ޣައްޒާގެ ރައްޔިތުން އެ ބިމުން ނެރެލުމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނެރެމުންދާ ބަޔާންތަކާ ދެކޮޅަށް ސަޢޫދީ މީޑިއާއިން މީގެ ކުރިން ވާހަކަ ނުދައްކަ ބީދައިން ވާހަކަދައްކާ އެ ކަމާމެދު  ފާޑުކިޔުންތައް ކިޔަން ފަށައިފިއެވެ. މިއީ ސަޢޫދީ މީޑިއާއިން އިސްރާއީލާއި ޙަމާސްއާ މެދު ގެންގުޅޭ ސިޔާސަތަށް އައި ބޮޑު ބަދަލެއްކަން ފާގަވެއެވެ. އެ ގޮތުން ކުރިން ޙަމާސްއަކީ ޓެރަރިސްޓް ޖަމާޢަތެއްގެ ގޮތުގައި ސައުދީއިން ސިފަކުރަމުން އައި ނަމަވެސް، މިހާރު އެ ގައުމުން ވަނީ ހަމާސްގެ ބަޔާންތައް ވެސް ޝާއިޢުކުރަން ފަށާފައެވެ.

ޓްރަމްޕް ބުނަމުންދަނީ ސަޢޫދީ އަރަބިއްޔާ އާއި މެދުއިރުމަތީގެ މުއްސަނދި ޤައުމުތަކުން ޣައްޒާ އަލުން ބިނާކުރުމަށް ޚަރަދު ކުރަން ޖެހޭކަމަށެވެ. އަދި ނެތަންޔާހޫ ބުނެފައިވަނީ ސަޢޫދީ އަރަބިއްޔާއިން އެ ޤައުމުގެ ސަރަޙައްދުގައި ފަލަސްތީނު ދައުލަތެއް ޤާއިމުކުރުމަށް ވިސްނަން ޖެހޭ ކަމަށެވެ.

މި ބަޔާންތަކާ ގުޅިގެން ސަޢޫދީ ޚާރިޖިއްޔާއިން ވަނީ ވަރަށް ހަރުކަށި އިބާރާތުން ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ވަނީ ނެތަންޔާހޫގެ ބަސްތައް ކުށްވެރިކޮށް ފަލަސްތީނުގެ ބިމަކީ އެ ރައްޔިތުންގެ ޙައްޤެއް ކަމަށް ބުނެފައެވ. އެ މީހުންނަކީ ބޭރުން އައިސް އުޅޭ ބައެއް ނޫންކަމާއި އިސްރާއީލުގެ އެދުމަށް ޣައްޒާގެ ރައްޔިތުން އެ ޤައުމުން ނެރެވިގެން ނުވާނެ ކަމަށް ވެސް ސަޢޫދީގެ ބަޔާނުގައި ބުނެފައެވެ.