ލުބުނާނުގެ ދެކުނު ސަރަޙައްދު ދޫކޮށް އިސްރާއީލުގެ ހަނގުރާމަވެރިން ފޭބުމަށަ ކަނޑައެޅިފައިވާ ސުންގަޑި އިތުރަށް ފަސްކުރުމަށް އިސްރާއީލުން ހުށަހެޅި ހުށަހެޅުން ލުބުނާނުން ބަލައިނުގަނެ ކަމާބެހޭ ކޮމިޓީއަށް އިއްޔެ އަންގައިފިއެވެ.
މި މަހުގެ 18ވަނަ ދުވަހަށް ކަނޑައެޅިފައިވާ ވަގުތު، މީގެ ކުރިން ވެސް 24 ދުވަހަށް އިތުރުކޮށްފައިވާއިރު، އިސްރާއީލުން މިހާރު އެދެނީ ފެބްރުއަރީ 28އާ ހަމައަށް ބައެއް ސަރަޙައްދުތަކުގައި ދެމިތިބުމަށެވެ.
ލުބުނާނުގެ މިހާރުގެ ރައީސް ޖޯސެފް އައުން ވަނީ ޕޯޗުގަލްގެ ޚާރިޖީ ވަޒީރު ޕައުލޯ ރަންގެލްއާ ބައްދަލުކުރައްވައި ކަނޑައެޅިފައިވާ ސުންގަޑިއަށް އިސްރާއީލުގެ ހަނގުރާމަވެރިން އަނބުރާ ގެންދިއުމަށް ޔޫރަޕިއަން ޔޫނިއަންގެ ޤައުމުތަކުން ބާރުއެޅުމަށް އެދިވަޑައިގެންފައެވެ. މީގެ އިތުރުން ލުބުނާނުން ތާއީދުކުރަނީ އަރަބި ސުލްޙައިގެ ޤާނޫނަށް ކަމަށާއި، ފަލަސްޠީނު ރައްޔިތުން އެ މީހުންގެ ބިމުން ބޭރުކުރުމަށް ނުވަތަ އެމީހުންގެ ޙައްޤުތައް ނިގުޅައިގަތުމަށް ހުށަހެޅޭ އެއްވެސް ހުށަހެޅުމަކަށް ތާއީދު ނުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެއެވެ.
އިސްރާއީލުގެ ހަނގުރާމަވެރިން ލުބުނާނުން ނިކުތުމާ ގުޅޭގޮތުން ލުބުނާނުގެ ސަލާމަތީ ބާރުތަކާއި ޔޫ.އެން.އައި.އެފް.އައި.އެލްގެ އިސްވެރިން ވެސް ވަނީ މަޝްވަރާކޮށްފައެވެ. އަދި ލުބުނާނުގެ އިސްވެރިން ވަނީ އިސްރާއީލުން ނުކުންނަ ސަރަޙައްދުތަކުގައި ލުބުނާނުގެ ސިފައިންނާ ގުޅިގެން ޔޫ.އެން.އައި.އެފް.އައި.އެލްގެ ބާރުތައް ބޭތިއްބުމަށް ހުށަހަޅާފައެވެ.
މި މައްސަލައިގައި ކަނޑައަޅާފަައިވާ ސުންގަޑިއަށް އިސްރާއީލުގެ އަނިޔާވެރި ހަނގުރާމަވެރިން ލުބުނާނުން ނުކުންނާނެ ކަން ކަށަވަރުކޮށްދޭނެކަމަށް އެމެރިކާގެ ސަރުކާރުން ވަނީ ބުނެފައެވެ. ނަމަވެސް، މިއަދާ ހަމައަސް އައިއިރު ވެސް އިސްރާއީލުގެ ހަތިޔާރުއެޅު އަނިޔާވެރި ހަނގުރާމަވެރިން އަދިވެސް ދެކުނު ލުބުނާނުގެ ސަރަޙައްދުތަކުގައި ހަރަކާތްތެރިވަމުންދާ ކަމަށް ލުބުނާނުގެ ޚަބަރުތަކުން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ