ނާއިބު ރައީސް ޔޫ.އޭ.އީ އަށް ވަޑައިގެންފި

ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ހުސައިން މުހައްމަދު ލަޠީފް، ޔޫ.އޭ.އީގެ ދުބާއީއަށް ވަޑައިގެންފިއެވެ.

ނައިބު ރައިސް ޔުނައިޓެޑް އެރެބް އެމިރޭޓްސް އަށް ވަޑައިގަތީ މި މަހުގެ 11އިން 13އަށް ބާއްވާ ވޯލްޑް ގަވަރމަންޓްސް ސަމިޓް 2025ގައި ބައިވެރިވުމަށެވެ:

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޔޫ.އޭ.އީއަށް ވަޑައިގެންނެވުމުން މަރްހަބާ ދެންނެވީ އެ ގައުމުގެ މިނިސްޓަރ އޮފް ހިއުމަން ރިސޯސަސް އެންޑް އެމިރެޓައިޒޭޝަން އަދި އެކްޓިންގ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން އެންޑް ސައިންޓިފިކް ރިސާރޗް، ޑޮކްޓަރ އަބްދުލްރަހުމާން އަބްދުލްމަންނާން އަލް އައްވާރުއެވެ.

ވޯލްޑް ގަވަރމަންޓްސް ސަމިޓް 2025ގެ މި އަހަރުގެ ޝިއާރަކީ "ޝޭޕިންގ ފިއުޗަރ ގަވަމަންޓްސް" އެވެ. މި ސަމިޓްގެ މަގުސަދަކީ ސަރަޙައްދުގެ ގައުމުތަކާއި، ބައިނަލްއަގުވާމީ ޖަމާއަތްތަކާއި، ވަކި ވަކި ފަރުދުންގެ މެދުގައި އެއްބާރުލުން އިތުރުކޮށް، ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލުތައް ހޯދުމެވެ.

މި ސަމިޓްގެ މޫސުމީ ބަދަލުތަކާއި ބެހޭ ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ. އަދި، އެމަނިކުފާނު ސަމިޓްގެ ބައެއް ބައިވެރިންނާއެކު ބައްދަލުވުންތައް ބޭއްވެވުމަށްވެސް ވަނީ ހަމަޖެހިފައެވެ.