އެމެރިކާއިން ޔަހޫދީ ދައުލަތަށް 7.4 ބިލިޔަން ޑޮލަރުގެ ހަތިޔާރު ވިއްކަން ނިންމައިފި

އެމެރިކާ ސަރުކާރުން ޔަހޫދީ ދައުލަތަށް 7.4 ބިލިޔަން އެމެރިކާ ޑޮލަރުގެ ހަތިޔާރު ވިއްކަން ނިންމާފައިވާކަން އެމެރިކާއިން އިޢުލާނުކޮށްފިއެވެ.

މި ނިންމުން ނިންމާފައި ވަނީ، މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ލިބެންދެން މި މުޢާމަލާތް މަޑުޖައްސާލުމަށް ޤާނޫނު ހަދާ މަޖިލީހުގެ މެންބަރަކު އެދިފައިވަނިކޮށެވެ.

އެމެރިކާގެ ދިފާޢީ ވުޒާރާއިން ބުނެފައިވަނީ މި މުޢާމަލާތުގެ ދަށުން ބޮއިންގ ކުންފުނި މެދުވެރިކޮށް 6.75 ބިލިޔަން ޑޮލަރުގެ ހަތިޔާރާއި، ލޮކްހީޑް މާޓިން ކުންފުނި މެދުވެރިކޮށް 660 މިލިޔަން ޑޮލަރުގެ ހެލްފަޔަރ މިސައިލް ވިއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ހުއްދަ ދީފައިވަނީ ޔަހޫދީ ދައުލަތުގެ ވެރިޔާ ބެންޖަމިން ނަތަންޔާހޫ އެމެރިކާގައި ހުރި ވަގުތެއްގައެވެ.

އެމެރިކާގެ ޤާނޫނުގައިވާ ގޮތުން، މިފަދަ ބޮޑެތި ހަތިޔާރުގެ މުޢާމަލާތްތަކުގައި ޤާނޫނު ހަދާ މަޖިލީހުގެ ޚިޔާލު ހޯދަންޖެހެއެވެ. ނަމަވެސް، މި މުޢާމަލާތުގައި އެކަން ކޮށްފައި ނުވާތީ، ޤާނޫނު ހަދާ މަޖިލީހުގެ ޚާރިޖީ ކޮމިޓީގެ މެންބަރު ގްރެގަރީ މީކްސް ވަނީ ނުރުހުން ފާޅުކޮށްފައެވެ. އޭނާ ބުނެފައިވަނީ މިއީ ދައުލަތުގެ މުހިންމު ބާރަކަށް ކުރެވޭ ބޭއިޙްތިރާމެއް ކަމަށެވެ.

މިއީ ރައީސް ޓްރަމްޕްގެ ވެރިކަމުގައި ޤާނޫނު ހަދާ މަޖިލީހުގެ ބަހެއް ނުހޯދައި ހަތިޔާރު ވިއްކުމަށް ނިންމި ފުރަތަމަ ފަހަރެއް ނޫނެވެ. 2019ވަނަ އަހަރު ވެސް ޤައުމީ ކުއްލި ޙާލަތެއްގެ ގޮތުގައި ކަނޑައަޅައި، ސަޢޫދީ ޢަރަބިއްޔާއާއި އެކުވެރި ޢަރަބި އިމާރާތަށާއި އުރުދުނަށް 8 ބިލިޔަން ޑޮލަރުގެ ހަތިޔާރު ވިއްކާފައި ވެއެވެ.