ކޯރާޑިއަކުން ހަމަލާ ދިން ދެ މީހުން ހައިވޭމަތިން ހައްޔަރުކޮށްފި

ހުޅުމާލޭގައި ކޯރާޑިއަކުން ހަމަލާދިން ދެ މީހަކު ހައިވޭއިން ދަނިކޮށް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ހީނާމާގެ/ގދ. ފިޔޯރީ، ރުސްތުމް އިބްރާހިމް (25އ.) އާއި ސްޓާ/ ބ. ހިތާދޫ، އަބްދުالله ޒާހިދު ޒުބައިރު، (18އ) ކަމަށެވެ.

ފުލުހުން ބުނީ އެ ދެ މީހުން ރޭ 11:33 ކަންހާއިރު ސައިކަލުގައި ގޮސް ހަމަލާ ދިނީ ހުޅުމާލެ ބޯގަންވިލާމަގު، ރެހެންދި ޓާފް ދަނޑު ހުޅަނގު ފަޅީގައި މަޑުކޮށްގެން ހުރި މީހަކަށް ކަމަށާއި އެދެ މީހުން ފިލަން މާލެ ދަނިކޮށް ހައިވޭއިން ހުއްޓުވައި އަތުލައިގަތް ކަމަށާއި އެ މީހުންގެ އަތުން ކޯރާޑިއާއި ވަޅިވެސް ފެނުނު ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ކޯރާޑިއަކުން ދިން އެ ހަމަލާގައި ޒަހަމްވި މީހާއަށް ހުޅުމާލޭގެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އޭނާ ވަނީ ދޫކޮށްލައިފައެވެ.