ފަލަސްތީނުގެ 183 މީހަކު މިނިވަންކޮށްފި!

ހަމަލާތައް ހުއްޓާލަން އިޒްރޭލާއި ހަމާސް ޖަމާއަތާއި ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން،5 ވަނަ ބުރުގައި ފަލަސްތީނުގެ 183 މީހަކު މިއަދު މިނިވަންކޮށްފި އެވެ.

އިޒްރޭލުން ފަލަސްތީނުގެ 183 މީހަކު މިނިވަން ކުރީ، ހަމާސްގެ ބެލުމުގެ ދަށުގައިވާ އިޒްރޭލުގެ ތިން މީހަކު މިނިވަން ކުރުމާ ގުޅިގެންނެވެ.

ފަލަސްތީނުގެ ޕްރިޒަނާސް ސޮސައިޓީން ވިދާޅުވީ އިޒްރޭލުން މިއަދު މިނިވަން ކުރި އެންމެންނަށް ވެސް ސިއްހީ ފަރުވާ ބޭނުންވާ ކަމަށާއި އެއީ ފާއިތުވި މަސްތަކުގައި އެމީހުން ތަހައްމަލު ކުރަން ޖެހުނު ހާލަތުގެ ސަބަބުން ކަމަށެވެ. އޭގެތެރެެއިން 7 މީހަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ކަމަށް ފަލަސްތީނުގެ ރެޑް ކްރެސެންޓް އިން މައުލޫމާތުދެއެވެ.

ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުން ތިން މަރުހަލާއަކަށް ބަހާލައިގެން ކުރިއަށްދާއިރު، ފުރަތަމަ މަރުހަލާގައި ހަމާސް އިން ރަހީނުކޮށްފައިވާ އިޒްރޭލުގެ 98 އަސީރުންގެ ތެރެއިން 33 މީހަކު މިނިވަން ކުރުމަށްވަނީ ހަމަޖެހިފަ އެވެ. އޭގެ ބަދަލުގައި އިޒްރޭލުން ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ 1،904 މީހުން މިނިވަން ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މި އެއްބަސްވުމުގެ ދަށުން ޣައްޒާ އަށް އިންސާނީ އެހީ ވެސް ގިނަ އަދަދަކަށް ފޯރުކޮށްދޭންޖެހެ އެވެ. ނަމަވެސް މިހާތަނަށް އިސްރާއީލުން ވަނީ މިކަމުގައި އެއްބަސްވުމާ ހިލާފުވެފައެވެ. 

އިޒްރޭލުން ފަލަސްތީނަށް ހަމަލާދޭން ފެށީ 2023 ވަނަ އަހަރު އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ކަމަށްވާއިރު، އެ ހަމަލާތަކުގައި ޣައްޒާގެ 48،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެ، 111،630 މީހަކަށް އެކި ވަރުގެ އަނިޔާތައް ވަނީ ލިބިފަ އެވެ. އަދި ގެތަކުގެ ދަށުގައިވެސް އެތައް ހާސް ޝަހީދުންނެއް ގެއްލިފައިވާކަމަށް ފަސްތީނުގެ ސިއްހީ ވުޒާރާއިން މައުލޫމާތުދެއެވެ،