ކެފޭ މާރާމާރީ: ހައްޔަރުކުރި މީހާގެ ބަންދަށް 5 ދުވަސް

މާލޭ މާވެޔޮމަގުގައި ހުންނަ ކެފޭ ތާސީރުގައި މިދިޔަ އަންގާރަ ދުވަހު ހިންގި މާރާމާރީގެ މައްސަލާގައި ނޭޕާލު މީހަކު ހައްޔަރުކޮށް، ބަންދު މުއްދަތު ޖަހައިފިއެވެ.

ފުލުހުން މިއަދު ބުނީ ކެފޭ ތާސީރުގައި ހިންގި މާރާމާރީއާ ގުޅިގެން ނޭޕާލަށް ނިސްބަތްވާ 24 އަހަރުގެ ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވާ ކަމަށާއި އޭނާގެ ބަންދަށް ފަސް ދުވަސް ކޯޓުން އިތުރުކޮށްދީފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މާރާމާރީ ހިނގީ ކެފޭގައި މަސައްކަތްކުރާ ނޭޕާލް ޝެފަކާއި ބަންގްލަދޭޝް މުވައްޒަފަކާ ދެމެދު ކަމަށެވެ. އެ ދެ މީހުންނަށް ވެސް އެ މާރާމާރީގައި އަނިޔާވެފައިވެއެވެ.

މި މައްސަލައިގައި ނޭޕާލަށް ނިސްބަތްވާ މީހާ ފަރުވާއަށްފަހު ބަންދު ކޮށްފައިވާއިރު، ބަންގްލަދޭޝް މީހާއަށް އަދިވެސް ދަނީ އައިސީޔޫ ގައި ފަރުވާ ދެމުންނެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.