ސަޢޫދީ ޢަރަބިއްޔާއިން ފަލަސްޠީނުގެ މިނިވަން ދައުލަތެއް ނެތި އިސްރާއީލާ އެކު ގުޅުން ބަދަހިކުރުމަށް އިންކާރުކޮށްފިއެވެ.
ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާކުގައި ބުނެފައިވަނީ ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމާ ގުޅޭގޮތުން ދިގު މުއްދަތަކަށް ވާހަކަ ދައްކައި މަޝްވަރާކުރުން އެއީ އެ ޤައުމުގެ ސިޔާސަތެއް ނޫންކަމަށެވެ. އެމިނިސްޓްރީއިން ބުދަ ދުވަހު މިފަދައިން ހާމަކޮށްފައިވާއިރު މިއީ ސަޢޫދީ ޢަރަބިއްޔާގެ ވަލީ ޢަހުދު މުޙައްމަދު ބިން ސަލްމާން ވަރަށް ގިނަ ފަހަރެއްގެ މަތިން ތަކުރާރުކުރައްވާފައިވާ ބަސްފުޅެކެވެ.
މި ބަޔާން ނެރުނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޣައްޒާގެ ހުރިހާ ފަލަސްޠީނުން އެހެން ޤައުމުތަކަށް ބަދަލުކުރުމަށްފަހު، އެ ސަރަޙައްދު އެމެރިކާގެ މިލްކިއްޔާތަކަށް ބަދަލުކުރުމަށް ބޭނުންވާކަމަށް ބުނި ބުނުމަށް ފަހުގައެވެ.
އިސްރާއީލާއެކު ރަސްމީ ގުޅުން ބަދަހިކުރެވޭނީ 1967 ވަނަ އަހަރު ކަނޑައެޅިފަދައިން ބޯޑަރުތަކުގެ ތެރޭގައި ފަލަސްޠީނު އޮތް ގޮތަށް މިއަދު ވެސް އެއީ މިނިވަން ދައުލަތެއް ގެ ގޮތުގައި ޤާއިމުވެގެން ކަމަށް ސަޢޫދީ ޢަރަބިއްޔާގެ ލީޑަރުން ވަނީ ތަކުރާރުކޮށް ބުނުއްވައިފައެވެ.
2024ވަނަ އަހަރުގެ ސެޕްޓެމްބަރު 18ވަނަ ދުވަހު ޝޫރާ މަޖިލީހުގައި ވަލީ ޢަހުދު ދެއްކެވި ވާހަކަފުޅަށް ސައުދީ އަރަބިއްޔާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި، އަލިއަޅުވައިލާފައިވެއެވެ. އެ ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވެފައި ވަނީ، އިރުމަތީ ޤުދުސް ފަލަސްތީނުގެ ވެރިރަށް ކަމުގައި ބަލައިގަނެ، ފަލަސްޠީނަކީ މިނިވަން ދައުލަތެއް ކަމުގައި ޤާއިމުކުރުމަށް ސަޢޫދީ ޢަރަބިއްޔާއިން ކުރަމުންދާ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށާއި، އެކަން ނުވެ އިސްރާއީލާ އެކު އޮންނަ ގުޅުން އާދައިގެ ހާލަތަކަށް ނުގެންނާނޭ ކަމަށެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ